ރާއްޖެއިން ޗައިނާއާ އެކު ފަސް އެއްބަސްވުމެއްގައި ސޮއިކޮށްފި
ރާއްޖެއިން ޗައިނާއާ އެކު ފަސް އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހި ސަރުކާރުން ޗައިނާއާ އެކު ފަސް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރީ ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ހަފްލާއެއްގަ އެވެ.

މި އެއްބަސްވުންތަކުގެ ތެރޭގައި، ޗައިނާ އަށް ދާ ދިވެހިންނަށް ވިސާގެ ލުއިފަސޭހަތަކެއް ފޯރުކޮށްދިނުމާއި ރާއްޖެއަށް ހިލޭ އެހީ ދިނުމުގެ އެއްބަސްވުމެއް ހިމެނެ އެވެ. މީގެ އިތުރުން ޗައިނާގެ ބޮޑު އެހީއަކާ އެކު އެޅި ސިނަ މާލެ ބްރިޖު ބެލެހެއްޓުމާ ގުޅޭ އެއްބަސްވުމަކާއި ބޯފެން ފޯރުކޮށްދިނުމަށާއި ސިއްހީ ދާއިރާ އިން އެހީވުމާ ގުޅޭ އެއްބަސްވުމެއްގައި ވެސް ސޮއިކުރި އެވެ.

އެ އެއްބަސްވުންތަކާ ބެހޭ ތަފްސީލެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވެސް ބައްދަލުކުރައްވާނެ އެވެ. އެއަށް ފަހު ދެ ގައުމުން ރަސްމީ ޕްރެސް ސްޓޭޓްމަންޓެއް ދޭނެ އެވެ.

ޗައިނާއާ އެކު ރާއްޖެ އިން ހާރިޖީ ގުޅުން ގާއިމުކުރިތާ މި އަހަރު 50 އަހަރު ފުރޭނެ އެވެ. އެކަން ފާހަގަ ކުރުމަށް ބޭނުންކުރާނެ ލޯގޯ ވެސް މިއަދު ވަނީ އިފްތިތާހުކޮށްފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެ އާއި ޗައިނާގެ ގުޅުން ވަރުގަދަކޮށް ޗައިނާގެ ލޯނާއި ހިލޭ އެހީގައި ގިނަ މަޝްރޫއުތަކެއް ރާއްޖޭގައި ހިންގި ނަމަވެސް މި ސަރުކާރު އައި ފަހުން އިންޑިއާ ގިނަ އެހީތައް ދީފައި ވަނީ އިންޑިއާއިންނެވެ.