އިދިކޮޅު މުޒާހަރާއިން ދެ މީހަކު ފިޔަވައި އެހެން މީހުން ދޫކޮށްލައިފި
އިދިކޮޅު މުޒާހަރާއިން ދެ މީހަކު ފިޔަވައި އެހެން މީހުން ދޫކޮށްލައިފި

ޕީޕީއެމް/ޕީއެންސީން މާލޭގައި ކުރަމުން ގެންދާ މުޒާހަރާގެ ތެރެއިން އިއްޔެ ހައްޔަރު ކުރި މީހުންގެ ތެރެއިން ދެ މީހަކު ފިޔަވައި އެހެން އެންމެން ދޫކޮށްލައިފި އެވެ.

"އިންޑިޔާ އައުޓް" ގެ ނަމުގައި އިދިކޮޅުން ބާއްވާ ސިލްސިލާ އެއްވުމުގެ ތެރެއިން އަމުރަށް ނުކިޔަމަންތެރިވި ކަމަށް ބުނެ ފުލުހުން އިއްޔެ ވަނީ 29 މީހަކު ހައްޔަރު ކޮށްފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އޭގެ ތެރެއިން ދެ މީހެއް ފިޔަވައި އެހެން އެންމެން ދޫކޮށްލާފައިވާ ކަމަށެވެ. އެ ދެ މީހުންގެ ތެރެއިން އެކަކީ ފުލުހަކަށް ހަމަލާދިން މީހެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމްގެ އޮފީސް ދޮރުމަތިން މިހާރު ކޮންމެ ދުވަހަކު "އިންޑިޔާ އައުޓް" މުޒާހަރާ ކުރެ އެވެ. އަދި ކޮންމެ ދުވަހަކު ވެސް ފުލުހުން ގިނަ ބަޔަކު ހައްޔަރު ކުރުމަށް ފަހު ދޫކޮށްލަ އެވެ.

އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވެވަޑައިގަތް ފަހުން ޕީޕީއެމް/ޕީއެންސީން ވަނީ އިންޑިޔާ އައުޓް ހަރަކާތްތައް ފުޅާކޮށްފަ އެވެ. މާލޭގެ އިތުރުން އެހެން ރަށްރަށުގައި ވެސް ޔާމީން ވަޑައިގެން އިންޑިޔާ ސިފައިން ތިބުމާ ދެކޮޅަށް ވާހަކަ ދައްކަވައި ރިޔާސީ އިންތިހާބާއި ފެބްރުއަރީ 1، 2018 ގައި ސުޕްރީމް ކޯޓުން އަމުރު ނެރުމުގައި ވެސް އެ ގައުމުގެ އޮތް ނުފޫޒުގެ ވާހަކަ ދައްކަން ވަނީ ފައްޓަވައިފަ އެވެ.

އިންޑިޔާ އަށް ފާޑު ކިޔުން އަމާޒު ކުރާތީ ސަރުކާރާއި ކޯލިޝަންގެ ހުރިހާ ޕާޓީތަކުން ވަނީ އެކަމާ ދެކޮޅަށް ތެދުވެފަ އެވެ. އަދި އެމްޑީޕީގެ އިސް މެންބަރުންނާއި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިންޑިޔާ އައުޓް ކިޔައިގެން ކުރާ މުޒާހަރާތައް ފުލުހުން ނުކުމެ ހުއްޓުވުމަށް ގޮވާލައިފަ އެވެ.

އިދިކޮޅުގެ މުޒާހަރާތައް ހުއްޓުވައި ހުރަސް އަޅަމުން ގެންދަނީ ސީދާ ސަރުކާރުގެ ވެރިން އަންގައިގެން ކަމަށް އިދިކޮޅު ފަރާތްތަކުން ވެސް ތުހުމަތު ކުރެ އެވެ. މުޒާހަރާތައް ހުއްޓުވަނީ ސީދާ ކޮން ސަބަބަކާ ހެދި ކަމެއް އަދި ފުލުހުން ނުބުނެ އެވެ.

ނަމަވެސް އިންޑިޔާ އައުޓް ޓީޝާޓު ނުލުމަށް ފުލުހުން ބުނަަމުން ގެންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތު ފުލުހުން ދޮގު ކުރެ އެވެ.