07 ޖެނުއަރީ 2022 - 22:23

ވައިގެ މަގުން ރާއްޖެ އައި އިރު ހަށިގަނޑުގެ އެކި ތަންތަނުގައި ފޮރުވައިގެން ޑްރަގްސް އެތެރެކުރި ޕާކިސްތާނު ތިން މީހެއްގެ ތެރޭގައި ހިމެނޭ އެކަކު މީގެ ކުރިން ވެސް ދެ ފަހަރު ރާއްޖެއަށް ޑްރަގްސް އެތެރެކޮށްފައި ވާނެ ކަމަށް ކޯޓުގައި ބުނެފި އެވެ.
މީގެ ކުރިން ވެސް ދެ ފަހަރު ރާއްޖެއަށް ޑްރަގް ގެނައި ކަމަށް ބުނެފައިވަނީ އަރައިގެން ހުރި ބޫޓު ތެރޭގައި 895 ގްރާމް ޑްރަގްސް ގެނައި މައްސަލައެއްގައި މިދިޔަ މަހު ހައްޔަރުކުރި މުނީރް އަޒީޒް ކިޔާ މީހެކެވެ. އުމުރުން 41 އަހަރުގެ މި މީހާއާ އެކު އިތުރު ދެ މީހަކު ޑްރަގާ އެކު ހައްޔަރުކުރި އެވެ.
އެއީ ބުސްރާ އަނީސް، 51، މުހައްމަދު ޔަސީން، 49، އެވެ. މި މީހުންގެ ތެރެއިން ބުސްރާގެ ޖަނގިޔާ ތެރެއިން 852 ގްރާމްގެ ހެރޮއިން ފެނިފައިވެ އެވެ. އަދި މުހައްމަދު ޔަސީންގެ ބޫޓު ތެރެއިން 738 ގްރާމް ހެރޮއިން ފެނުނެވެ. އެއީ ޖުމްލަ 2.485 ކިލޯގްރާމެވެ.
މި މީހުން މިދިޔަ މަހު ހައްޔަރުކޮށް ބަންދަށް ދިން 15 ދުވަސް ހަމަވުމުން ކޯޓަށް އަލުން ހާޒިރުކޮށް އަނެއްކާވެސް ބަންދުގެ މުއްދަތު އިތުރުކޮށްފައި ވާއިރު ފުލުހުން ކޯޓުގައި ބުނެފައިވަނީ މުނީރް ހައްޔަރުކޮށް ފާސްކުރި އިރު ސައްހަ ނޫން 1،900 ޑޮލަރު ވެސް އޭނާގެ އަތުން ފެނުނު ކަމަށެވެ.
މި މީހުން ރާއްޖެއަށް އެތެރެކުރި މަސްތުވާތަކެއްޗާ ހަވާލުވެފައި ވަނީ އުމުރުން 31 އަހަރުގެ ދިވެއްސެެއް ކަމަށްވާ އަބްދުﷲ އާމިރު އެވެ. މީނާގެ ބަންދު ވެސް މިހާރު ވަނީ އަލުން އިތުރުކޮށްފަ އެވެ. ފުލުހުން ކުރިން ކޯޓްގައި ބުނެފައިވާ ގޮތުގައި މީނާ ވަނީ ޑްރަގްސް އެތެރެކުރި މީހުންގެ އަތުން ތަކެއްޗާ ހަވާލުވުމަށް ފަހު، އޭގެ ތެރޭގައި ހިމެނޭ މުނީރަށް 3،000 ޑޮލަރު ވެސް ދީފަ އެވެ.
ޕާކިސްތާނު މީހުން ބުނެފައިވަނީ މިއީ ދިވެއްސަކު ބުނެގެން ގެނައި ޑްރަގްސް ކަމަށެވެ.
ރާއްޖެއަށް އެތެރެކުރަނިކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި މި ފަހުން ވަނީ އަތުލައިގެންފަ އެވެ. އެންމެ ގިނައީ ކަނޑުމަގުން ބޮޑެތި ޝިޕްމަންޓްތަކުގެ ގޮތުގައި ގެނެސްފައިވާ އެއްޗިއްސެވެ.