ގައިޑްލައިނާ ހިލާފުވުމުން އަނެއްކާވެސް ނައިޓް މާކެޓް ހުއްޓުވައިފި
ގައިޑްލައިނާ ހިލާފުވުމުން އަނެއްކާވެސް ނައިޓް މާކެޓް ހުއްޓުވައިފި

މާލޭގެ ރަސްފަންނު ސަރަހައްދުގައި ކުރިއަށް ގެންދިޔަ ނައިޓް މާކެޓް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހުއްޓުވުމަށް ފަހު ހުއްދަ ދިންތާ 24 ގަޑިއިރު ނުވަނީސް އަނެއްކާވެސް މިއަދު ހުއްޓުވައިފި އެވެ.

ގައިޑްލައިނާ ހިލާފުވުމުން އަނެއްކާވެސް ނައިޓް މާކެޓް ހުއްޓުވައިފި
ގައިޑްލައިނާ ހިލާފުވުމުން އަނެއްކާވެސް ނައިޓް މާކެޓް ހުއްޓުވައިފި

އެޗްޕީއޭ އިން ނައިޓް މާކެޓް ފުރަތަމަ ހުއްޓުވީ ކޮވިޑް ކޭސްތައް އިތުރުވަމުންދާތީ ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ކަމަށް ބުނެ އެވެ. އެކަމަކު ނައިޓް މާކެޓަށް ހާއްސަކޮށް ގިނަ އަދަދެއްގެ މުދާ ގެނެސްފައި ވަނިކޮށް ހުއްޓުވުމަކީ އެތައް ބަޔަކަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމެއް ކަމަށް ބުނެ ފާޑުކިޔަމުން ދަނިކޮށް އެޗްޕީއޭ އިން އަލުން ހުއްދަ ދިނީ އެވެ.

އެކަމަކު މިއަދު އަނެއްކާވެސް މާލޭ ސިޓީ ކައުންސިލަށް އެންގީ މާލޭގައި ނައިޓް މާކެޓް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

އެޗްޕީއޭ އިން ބުނީ އެ އިދާރާގެ ގައިޑްލައިނާ އެއްގޮތަށް ނައިޓް މާކެޓް ބާއްވަން މާލޭ ސިޓީ ކައުންސިލަށް އެންގުމަށް ފަހު ކުރި އިންސްޕެކްޝަންގައި ރަސްފަންނުގައި އޮތް ނައިޓް މާކެޓްގައި މީހުން ތޮއްޖެހި ގައިދުރުކުރުމާއި މާސްކް އެޅުމަށް ސަމާލުކަން ނުދީ ކުރިއަށް ގެންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެކަން ހުއްޓުވަން ޖެހުނީ އެހެންވެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މާލޭގައި ކޮވިޑްގެ ހާލަތު ގޯސްވަމުން ދާތީ، ނައިޓް މާކެޓްތައް ބޭއްވުން އެޗްޕީއޭ އިން އެންމެ ފުރަތަމަ މަނާކުރީ މިދިޔަ ބުދަ ދުވަހު އެވެ.

އެކަމަކު ނައިޓް މާކެޓްތައް ހުއްޓާލުމުން އެ ހަރަކާތް ހިންގުމަށް ހަވާލުކޮށްފައިވާ ފަރާތުން އެކަމަށް ތައްޔާރުވުމަށް އަނބުރާ ނުލިބޭނެ ވަރަށް ގިނަ ހަރަދުތަކެއް ކޮށްފައި ވާތީ ސިޓީ ކައުންސިލްގެ އެދުމުގެ މަތިން، އެޗްޕީއޭ އިން އިއްޔެ ވަނީ އާންމު ފިހާރަތަކުގައި ވެސް ވިޔަފާރިކުރާ އުސޫލުން ނައިޓް މާކެޓް ބޭއްވުމުގެ ހުއްދަ ދީފަ އެވެ.

ކޮވިޑު ފެތުރުން ކޮންޓްރޯލް ކުރުމަށް ފިހާރަ އަށް އެއްފަހަރާ އެންމެ ގިނައިން ވަދެވޭ މީހުންގެ އަދަދު ކަނޑައަޅައި، އަތް ސެނެޓައިޒް ކުރެވޭނެ ގޮތް ހަމަޖެއްސުމަށް އެޗްޕީއޭގެ އެސްއޯޕީގައި ކަނޑައަޅާފައިވެ އެވެ.

މަގުމަތީ ބާޒާރު ފެށީ މިދިޔަ ހަފްތާގެ ހޯމަ ދުވަހުން ފެށިގެން 10 ދުވަހުގެ މުއްދަތަށެވެ.

ކޮވިޑްގެ ހާލަތު ގޯސްވަމުންދާއިރު، ނައިޓް މާކެޓް ބާއްވަން ހުއްދަ ދިނުމާ ގުޅިގެން އެޗްޕީއޭ އާއި މާލޭ ސިޓީ ކައުންސިލަށް އާންމުންގެ ފާޑުކިޔުން ވެސް ވަނީ އަމާޒުވެފަ އެވެ.