ބޮލުން އިސްތަށި ފޭބުން ހުއްޓުވުމުގެ ފަރުވާ އަތްފޯރާފަށަށް ގެނެސްދޭ ވައުދުވެއްޖެ
ބޮލުން އިސްތަށި ފޭބުން ހުއްޓުވުމުގެ ފަރުވާ އަތްފޯރާފަށަށް ގެނެސްދޭ ވައުދުވެއްޖެ

ވެރިކަމަށް އިންތިހާބުވެވަޑައިގެންފި ނަމަ ބޮލުން އިސްތަށި ފޭބުމުގެ މައްސަލަތަކަށް ފަރުވާ ހޯދުމުގެ ހަރަދު އަތްފޯރާފަށަށް ގެނެސްދީ، އާންމު ހެލްތު އިންޝުއަރެންސްގެ ތެރޭގައި ހިމަނާނެ ކަމަށް ދެކުނު ކޮރެއާގެ ރިޔާސީ ކެންޑިޑޭޓަކު ވައުދުވުމާ ގުޅިގެން މިކަން ބޮޑު ބަހުސަކަށް ވެއްޖެ އެވެ.

ބޮލުން އިސްތަށި ފޭބުން ހުއްޓުވުމުގެ ފަރުވާ އަތްފޯރާފަށަށް ގެނެސްދޭ ވައުދުވެއްޖެ
ބޮލުން އިސްތަށި ފޭބުން ހުއްޓުވުމުގެ ފަރުވާ އަތްފޯރާފަށަށް ގެނެސްދޭ ވައުދުވެއްޖެ

ކުރިއަށް އޮތް އެ ގައުމުގެ ރިޔާސީ އިންތިހާބުގައި ވެރިކަންކުރާ ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ލީ ޖައޭ މިއަންގް ވިދާޅުވީ ދެކުނު ކޮރެއާގެ މީހުންގެ މެދުގައި ބޮލުން އިސްތަށި ފޭބުމުގެ މައްސަލަ ވަރަށް ބޮޑުވެފައިވާ ކަމަށާއި އެފަދަ ފަރުވާތަކުގެ އަގުބޮޑުކަމުން ގިނަ ބަޔަކަށް ފަރުވާ ހޯދަން ދަތިވެފައިވާ ކަމަށެވެ.

ދެކުނު ކޮރެއާގެ ގިއޮންގީ ޕްރޮވިންސްގެ ގަވަރުނަރުކަން ވެސް ކުރައްވާފައި ލީ، 57، ވިދާޅުވި ގޮތުގައި އެ ގައުމުގެ އާބާދީގެ ގަތްގަނޑަކަށް 10 މިލިއަން މީހުންނަކީ ބޮލުން އިސްތަށި ފޭބުމުގެ މައްސަލަ ދިމާވެފައިވާ މީހުންނެވެ. އެހެންވެ މިކަމުގެ ކަންބޮޑުވުން އާންމުންގެ ތެރޭގައި އޮތުމާ އެކު ރިޔާސީ ވައުދެއްގެ ގޮތުގައި އިސްތަށި ފޭބުމުގެ ފަރުވާ އާންމު ހެލްތު އިންޝުއަރެންސްގެ ތެރޭގައި ހިމެނުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.

އެހެންވެ ލީ ވިދާޅުވި ގޮތުގައި ރައްޔިތުން މި ފަހަރު ހޮވަން އެންމެ އެކަށީގެންވާ ކެންޑިޓޭޓަކީ ވެސް އޭނާ އެވެ.

ރިޔާސީ ވައުދަަށް އިސްތަށި ފޭބުމުގެ މައްސަލަ ނަގާތީ ލީ އަށް ފާޑުކިޔައި އިދިކޮޅުން ބުނެފައި ވަނީ އެކަމަކީ ތާއީދު ހޯދުމުގެ ގޮތުން ދައްކާނެ ނުދައްކާނެ ވާހަކައެއް ނޭނގިގެން ދައްކާ ވާހަކައެއެއް ކަމަށެވެ. އިދިކޮޅު ކެންޑިޑޭޓް އާން ޗިއޯލް ސޫ ސިފަކުރެއްވި ގޮތުގައި އިސްތަށި ފޭބުމުގެ ފަރުވާއާ ބެހޭ ގޮތުން ލީ ދައްކަވަނީ ޒިންމާދާރުކަން ކުޑަ ވާހަކައެކެވެ.

"އިންތިހާބު ކާމިޔާބުވެއްޖެ ނަމަ އިސްތަށި ފޭބުމުގެ މައްސަލަ އަށް ހޯދާ ފަރުވާ އާއި އެކަމާ ގުޅުން ހުރި ބޭހުގެ އަގުތައް ހެޔޮކުރާ ވާހަކަ ދެއްކުމަކީ ޒިންމާދާރު ކަމެއް ނޫން،" އާން ފާޑުވިދާޅުވި އެވެ.

ދެކުނު ކޮރެއާގެ ޖެޖޫ ނެޝަނަލް ޔުނިވަސިޓީގެ މެޑިކަލް ސްކޫލްގެ ޕްރޮފެސަރު ލީ ސަންގް-އީ ވިދާޅުވި ގޮތުގައި ބޮލުން އިސްތަށީ ފޭބުން ގައުމީ މައްސަލައަކަށް ހަދައިގެން އެކަމަށް ބޮޑު ހޭދައެއްކުރާ ވާހަކަ ދެއްކުމަކީ ހެލްތި އިންޝުއަރެންސްގެ ނިޒާމަށް ލޮޅުން އަރާނެ ކަމެކެވެ.

"އެތައް ބިިލިއަން ފައިސާއެއް އިސްތަށި ފޭބުމުގެ ފަރުވާ އަށް ހޭދަކުރަން ޕްލޭންކުރާ ނަމަ އެއީ ބޮޑެތި އެހެން އެތައް ބައްޔަކަށް ހެލްތު އިންޝުއަރެންސްގެ ތެރެއިން ފަރުވާ ހޯދަން ހުރަހަކަށް ވެދާނެ،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް އިސްތަށި ފޭބުމުގެ މައްސަލަ އަށް ގައުމީ ފެންވަރުގައި ހައްލެއް ހޯދައި ދެއްވާނެ ކަމަށް ލީ ވިދާޅުވާތީ، އޭނާ އަށް ތާއީދުކުރާ މީހުން ވެސް އިތުރުވަމުން އަންނަ ކަމަށް މީޑިއާ ރިޕޯތްތައް ބުނެ އެވެ.