ދީމާގެ ކޮންމެ އެވޯޑެއްގެ ފަހަތުގައި ހުރި ހީވާގި މަންމަ!
ދީމާގެ ކޮންމެ އެވޯޑެއްގެ ފަހަތުގައި ހުރި ހީވާގި މަންމަ!

ދަރިންނަށް ޓަކައި މައިންބަފައިން އުފުލަނީ ވަރަށް ބޮޑު ބުރައެކެވެ. އެކަމަކު މި ހިތްވަރުގަދަ މަންމަ އަކީ އާދަޔާ ހިލާފު ޝަޚުސިއްޔަތެކެވެ. ރާއްޖޭގެ ގައުމީ ޓީޓީ ޗެމްޕިއަން ފާތިމަތު ދީމާ އަލީގެ މަންމަ، އާއިޝަތު ވަހީދާ ދެއްކިވަރުގެ ހިތްވަރެއް ނެރުނު މަންމަޔަކު މަދުވާނެ އެވެ. ޗެމްޕިއަންކަމާ ހަމައަށް ދީމާ ކުރި ކޮންމެ ދަތުރެއްގައި ވަހީދާގެ ގުރުބާނީ އަކީ ކުޑަ އެއްޗެއް ނޫނެވެ.

ދީމާގެ ކޮންމެ އެވޯޑެއްގެ ފަހަތުގައި ހުރި ހީވާގި މަންމަ!
ދީމާގެ ކޮންމެ އެވޯޑެއްގެ ފަހަތުގައި ހުރި ހީވާގި މަންމަ!

ލަންކާގެ ޓޭބަލް ޓެނިސް ޖޫނިއާ އުމުރުފުރާތަކުގެ ޗެމްޕިއަންކަން، ދީމާ ހޯދަން ފެށުމުން، ލަންކާގެ ކުޅުންތެރިންގެ ބެލެނިވެރިންނަށް އެކަން ހަޖަމެއް ނުކުރެވުނެވެ. އެ ބެލެނިވެރިން، ލަންކާގެ ޓީޓީ އެސޯސިއޭޝަނަށް ޕްރެޝަރު ކުރަމުން ދިޔައީ، ލަންކާ ނޫން ގައުމެއްގެ ކުއްޖަކަށް އެތާންގައި ކުޅެވިގެންނުވާނެ ކަމެވެ. ބެލެނިވެރިންގެ ޕްރެޝަރާ ހެދި ލަންކާގެ އެސޯސިއޭޝަނަށް މަޖުބޫރުވީ، ލަންކާގެ ރަށްވެހިކަން ހޯދަން ދީމާ އަށް ބާރުއެޅުމަށެވެ.

ދީމާގެ ކޮންމެ އެވޯޑެއްގެ ފަހަތުގައި ހުރި ހީވާގި މަންމަ!
ދީމާގެ ކޮންމެ އެވޯޑެއްގެ ފަހަތުގައި ހުރި ހީވާގި މަންމަ!

އެސޯސިއޭޝަނުން އެގޮތަށް އެންގުމުން، ލަންކާގެ ސްޕޯޓްސް މިނިސްޓްރީ އަށް، މައްސަލަ ހިފައިގެން ހިނގީ ދީމާގެ މަންމަ ވަހީދާ އެވެ. ސްޕޯޓްސް މިނިސްޓްރީން ވެސް އެންގީ އެ ގައުމުގެ ރަށްވެހިކަން ހޯދުމަށެވެ. އެކަމަކު ވަހީދާ އެކަމަކަށް އެއްބަހެއް ނުވި އެވެ. ދީމާ ލަންކާ އަށް އުފަންވިޔަސް، މަންމަ އާއި ބައްޕަގެ އަމިއްލަ ގައުމަށް ނޫނީ އޭނާ ކުޅުވާކަށް ވަހީދާ ބޭނުމެއް ނުވި އެވެ.

"އެހާހިސާބުން އަޅުގަނޑުމެން ލަންކާގައި ކުޅުން ހުއްޓާލައިފިން. ދެން ރާއްޖެ އައިސް ރާއްޖޭގައި ކުޅެން ފެށީ. ދީމާގެ ކާމިޔާބާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ. ދީމާ އަކީ ވަރަށް މަސައްކަތްކުރާ ކުއްޖެއް. ކިޔެވުމާއި ކުޅުމުގެ ކަންކަން މެނޭޖު ކުރާތީ މިހާހިސާބަށް ވެސް އާދެވުނީ،" ވަހީދާ "މިހާރު" އަށް ކިޔައިދިނެވެ.

ދީމާގެ ކެރިއާގެ އެކި ކާމިޔާބުތައް އެންމެ ގާތުން ފެންނާނީ ވަހީދާ އަށެވެ. އެންމެ ހިތްދަތިވާ ވަގުތު ވެސް އެންމެ ކައިރީގައި ހުންނާނީ އޭނާ އެވެ. ވިސާ ހޯދަން ކިތަންމެ އުނދަގޫ ގައުމެއްގައި އޮތް މުބާރާތަކަށް ދާން ޖެހުނަސް، ވިސާ ހޯދުމުގައި އުޅޭނީ ވަހީދާ އެވެ. މިދިޔަ މަހު ޕޯޗްގަލްގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕަށް ދާން، ވިސާ ހޯދުމުގައި ވެސް ބުރަ މަސައްކަތްތަކެއް ކުރަން ޖެހުނެވެ. އޭގެ ކުރިން ސެޕްޓެމްބަރު މަހު ޕޯޗްގަލްގައި ބޭއްވި ވޯލްޑް ކޮންޓެންޑެންޓާ މުބާރާތަށް ދާން ވެސް ވިސާ ނުލިބުމުގެ ތަޖުރިބާ ކުރި އެވެ. ގިނަ އަހަރުތަކެއް ވަންދެން ލަންކާގައި ދިރިއުޅެ، އެގައުމުގެ ކަންކަމަށް ފަރިތަ، ވަހީދާ ބުނިގޮތުގައި ޕޯޗްގަލް އަށް ދާން ވިސާ ހޯދުމަކީ އެކަކަށް އެކަނި ކުރެވޭ ވަރަށް ވުރެ މާބުރަ މަސައްކަތެކެވެ.

މާލޭގައި ދިރިއުޅޭ ދީމާގެ ބައްޕަ، އަބްދު ސައްތާރު އަލީ ބުނި ގޮތުގައި، ވިސާ ލިބުން ލަސްވުމުން ދެން އެކަން ހުއްޓާލުމަށް އޭނާ އެތައް ފަހަރަކު ވަހީދާގެ ކިބައިން އެދުނެވެ. އެކަމަކު ވަހީދާ ބޭނުންވީ ރާއްޖެ އަށް ލިބިފައި އޮތް ފުރުސަތެއް، މަސައްކަތް ނުކުރެވިގެން އަތުން ދޫވެގެން ނުދާށެވެ. ކިތަންމެ ބުރައެއް އުފުލައިގެން ވިޔަސް ވިސާ ހޯދުމުގެ މަސައްކަތުގައި ދެމިހުންނަން ވަހީދާ ނިންމި އެވެ. ޝެންގިން ވިސާ ހޯދުމަށް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ފްރާންސްގެ އެމްބަސީ އަށް ދާން ޖެހުމުން، ދީމާގެ ޓްރޭނިންގެ ގަޑިތައް ގެއްލުނެވެ.

"މިދިޔަ ދެ އަހަރު ވޭތުވެގެންދިޔަ ގޮތުން އަޅުގަނޑުމެންނަކަށް ނުހޯދުނު އެކަށީގެންވާ ޓްރެނިން ޕްރޮގްރާމްތަކެއް. އެކަމަކު ވޯލްޑް ޗެމްޕިއަންޝިޕަށް ދިޔައީ ރާއްޖެ ތަމްސީލުކުރަން ވެސް ވަރަށް ބޮޑު ޝަރަފަކަށް ވީމަ. ދިޔައިރު ވެސް މާބޮޑު ހޯޕަކާއެކީގައެއް ނޫން ދިޔައީކީ. މިދިޔަ ޖުލައި މަހު ވެސް ފާނަބަސަންދު ޖެހިގެން ވަރަށް ގިނަ މުއްދަތެއް ހޮސްޕިޓަލްގައި ދީމާ އެޑްމިޓްކުރަން ޖެހުނު. އެކަމުގެ ސަބަބުން ވެސް ޓްރޭނިން ކުރިއަށް ނުގެންދެވި ގިނަ ދުވަސްތަކެއް ފާއިތުވި،" ވަހީދާ ކިޔައިދިނެވެ.

ކުޅިވަރެއްގައި އެކްޓިވްކޮށް އުޅުމަށް ސްކޫލުން ބާރުއެޅުމުން، ވަހީދާ ބޭނުންވީ ދީމާ ބެޑްމިންޓަން ކުޅުންތެރިޔަކަށް ވާށެވެ. އެކަމަކު ބެޑްމިންޓަން ކޯޗް ކައިރިއަށް ގެންދިޔުމުން ބުނީ އިސްކޮޅުން ކުރުކަމުން ބެޑްމިންޓަން ނުކުޅެވޭނެ ކަމަށެވެ. ދެން ގެންދިޔައީ ޓީޓީ ކުޅުވާ ތަނަށެވެ. ދީމާ ޓްރޭނިން ކުރިއަށް ގެންދިޔަ ސެންޓަރުގެ ފުރަތަމަ މުބާރާތަށް އުމުރުން ފަސް އަހަރުގައި ތައްޔާރު ވަމުން ދިޔަ އެވެ. މުބާރާތް ފެށުމުގެ ކުރިން، މުބާރާތުގެ އެކި ވަނަތަކަށް ދޭނެ ތަށިތައް ދައްކާލި އެވެ. ސައްތާރު ބުނިގޮތުގައި އެތަށިތައް ދައްކާލި ދުވަހު، އެތަނުން ތައްޓެއް ދީމާ ގެއެއަށް ގެންދާނެ ކަމަށް އެދުވަހު ވެސް ވަހދާ ބުންޏެވެ. ކަން ދިމާވީ ވަހީދާ ބުނި ގޮތަށެވެ. ލަންކާގެ އަށް އަހަރުން ދަށުގެ ޗެމްޕިއަން ތަށި ދީމާ ކާމިޔާބު ކުރި އެވެ.

"ފުރަތަމަ އެތަނަށް ގޮސްފަ ކުޑަކުޑަ ކުދިން ވަރަށް މޮޅަށް ކުޅޭތަން ފެނުނީމަ ދީމާ ވެސް ބޭނުންވީ އެފެންވަރަށް ކުޅެން. އެކަމަކު ދީމާގެ ނެތް އޭރަކު އެފެންވަރެއް. އެކަމަކު ޖެހިގެން އައި އަހަރު ސެޕްޓެމްބަރުގައި ފުރަތަމަ މުބާރާތުގައި ބައިވެރި ވެގެން އަށް އަހަރުން ދަށުގެ އުމުރުފުރާގެ ޗެމްޕިއަންކަން ލިބުނީ،" ދީމާގެ އުމުރުން ފަސް އަހަރުގައި ކެރިއާގެ ފުރަތަމަ ތަށި ހޯދި ގޮތް ވަހީދާ ކިޔައިދިނެވެ.

ލަންކާގެ ސެންޓަރަށް ކުދިން ގެންދާ ބެލެނިވެރިން، ކުދިން ޓްރޭނިން އަށް ގެންދިއުމަށް ފަހު ނުކުމެގެން ދަނީ އެވެ. އެކަމަކު ދީމާ އެންމެ ކުޑައިރުން ފެށިގެން މިއަދާ ހަމައަށް ވެސް ވަހީދާ ބަދަލު ނުކުރާ ކަމެއް އޮވެ އެވެ. ދަރިފުޅު، ތަމްރީންތަކަށް ގެންގޮސް ތަމްރީން ނިމެންދެން އޭނާ ބަލަން އިންނާނެ އެވެ. ޓީއުނިޝިއާގައި އޮތް ރޭންކިން މުބާރާތަށް ތައްޔާރުވާން، ކޮލަމްބޯގައި ރާއްޖޭގެ އެމްބަސީ ހުންނަ ސޯސަން ވިލާގައި ދީމާގެ ޓްރޭނިން ކުރިއަށް ގެންދިޔައިރު ވެސް ޓްރޭނިން ފެށިގެން ނިމެންދެން ވަހީދާ ހުންނާނެ އެވެ. ބައެއް ދުވަސް ދުވަހުގެ ޓްރޭނިން ތިން ގަޑިއިރަށް ވުރެ ވެސް އިތުރުވެގެން ދިޔަޔަސް، ވަހީދާ ފޫހި ކަމެއް ނެތި އެތަނުގައި ހުރެ އެވެ. ސައްތާރު ބުނި ގޮތުގައި ލަންކާގެ ކޯޗުންނަށް ވެސް އެންމެ ފާހަގަ ކުރެވުނީ އެކަމެވެ.

"އެމީހުން ބުނަން ވެސް ބުނާނެ. އެތަނުގެ [ލަންކާގެ] ޕޭރެންޓުން ނޫޅޭ ވަރަށް ދީމާގެ މަންމަ އެކަމައިގެން އުޅެޔޭ،" ސައްތާރު ބުންޏެވެ.

ދީމާ، މިހާރު ޓްރޭނިން ހަދަމުން ދަނީ ތައިލެންޑްގަ އެވެ. ތައިލެންޑްގެ ޓީޓީ އެސޯސިއޭޝަންގެ އޮފިޝަލުންނަށް ދީމާ އާއި އޭނާގެ މަންމަގެ ވާހަކަ އޮތީ ސަމާލުކަމަށް އައިސްފަ އެވެ. ޕޯޗްގަލްގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕްގައި ވެސް، ކުޅުންތެރިންތިބި ހޮސްޓެލްދިމާވާ އައިޓީޓީއެފްގެ ބައެއް އޮފިޝަލުން ދީމާގެ މަންމަ ދަނެ އެވެ.

"އައިޓީޓީއެފްގެ މީހުން ލިފްޓުން ދިމާ ވީމަ ވެސް އަހާލާ ކަމަށް ވަނީ ތީހޭ ދީމާގެ މަންމަ އަކީ،" ސައްތާރު ބުންޏެވެ.