07 ޖެނުއަރީ 2022 - 13:41

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭރުކުރުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމުން ފަށާފައިވާ ހަރަކާތްތަކުގައި ބޭނުންކުރާ "އިންޑިއާ އައުޓް" ޖެހި ޓީޝާޓް ނުލާން އަންގާފައިވާ ކަމަށް ބުނެ ދައްކާ ވާހަކަތައް ފުލުހުން މިއަދު ދޮގުކޮށްފި އެވެ.
"އިންޑިއާ އައުޓް" ޖަހާފައިވާ ޓީޝާޓް ލައިގެން ނުތިބެވޭނެ ކަމަށާއި އެ ޓީޝާޓްގައި ހަމައެކަނި ދިވެހި ބަހުން "އިންޑިއާ އައުޓް" ޖެހުމަށް ފުލުހުން އެންގި ކަމަށް އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެފައި ވެ އެވެ.
"އެފަދަ އެންގުމެއް އެއްވެސް ފަރާތަކަށް ފުލުހުން އަންގައިފައެއް ނުވާނެ،" އިދިކޮޅުގެ ވާހަކަތައް ދޮގުކުރަމުން ފުލުހުން ބުންޏެވެ.
އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަންކުރި ފަހުން "އިންޑިއާ އައުޓް" ހަރަކާތްތައް ވަރުގަދަ ކޮށްފައިވާއިރު މި ހަފުތާގައި ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޕީޕީއެމްގެ އޮފީސް ކުރިމަތީގައި އެއްވުމެއް ބާއްވަ އެވެ. އަދި އެ އެއްވުން ރޫޅާލައި، އެއްވުމުގައި އިސްކޮށް އުޅޭ މީހުން ފުލުހން ހައްޔަރުކުރި ނަމަވެސް 24 ގަޑިއިރު ނުވަނީސް ދޫކޮށްލަ އެވެ.
ސަރުކާރު ހިންގާ ކޯލިޝަންގެ ހުރިހާ ޕާޓީތަކުން ވެސް ބުނަނީ "އިންޑިއާ އައުޓް" ހަރަކާތަކީ އިިދިކޮޅުން ހިންގާ ޖަރީމާއެއް ކަމަށެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ ރާއްޖެ އެތެރެވާ ޑްރަގް ބޯޓުތަކުގެ މައުލޫމާތު އިންޑިޔާ އިން ދޭތީ މި ކެމްޕެއިނަކީ ޑްރަގް ވިޔަފާރި ކުރާ މީހުންނާ ގުޅުން އޮތް ކަމެއް ކަމަށް ތުހުމަތު ކުރައްވައި އެކަމާ ދެކޮޅަށް ވާހަކަފުޅު ދައްކަވައިފަ އެވެ.