14 ޑިސެމްބަރ 2016 - 14:49

ބެންކޮކް (ޑިސެމްބަރު 14) - ތައިލެންޑުގެ 150،000 ގައިދީންނަށް މައާފް ދެއްވުމަށް އެ ގައުމުގެ އާ ރަސްގެފާން ނިންމައިފި އެވެ.
ބައްޕާފުޅު ބުމިބޯލް އުދަޔަދާޖް މިދިޔަ އޮކްޓޯބަރު މަހު އަވަހާރަވުމާ ގުޅިގެން ރަސްކަމާ ހަވާލުވެވަޑައިގެންނެވި މަހާ ވަޖިރަލޯންކޯން މައާފް ދެއްވާ މީހުންގެ ތެރޭގައި ޝާހީ އާއިލާ އަށް ފާޑުކިޔައިގެން އަދަބު ލިބިފައިވާ މީހުން ވެސް ހިމެނެ އެވެ. ރަސްމީ މީޑިއާ އިން ބުނީ މައާފް ދިން މީހުންގެ އިތުރުން އަދަބު ލުއިކުރި އެންމެންގެ މައްސަލަ ވަކިވަކިން ބަލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެ މީހުންގެ އުމުރާއި ހުކުމް ތަންފީޒުކުރި މުއްދަތާއި ޖަލުގެ އަޚުލާގަށް ބަލާފައިވެ އެވެ.
ތައިލެންޑަށް 2014 ވަނަ އަހަރު ގެނައި ބަޣާވާތަށް ފަހު ޝާހީ އާއިލާ އަށް ފާޑު ކިޔައިގެން ވަރަށް ގިނަ ބަޔަކު ވަނީ ޖަލަށްލައިފަ އެވެ. އޭގެ ތެރޭގައި 60 އަހަރުގެ ޖަލު ހުކުމެއް އައި މީހަކު ވެސް ހިމެނެ އެވެ. ޝާހީ އާއިލާ އަށް ފާޑުކިޔުމަކީ ތައިލެންޑުގެ ގާނޫނުލްއުގޫބާތުގެ 112 ވަނަ މާއްދާގެ ދަށުން 15 އަހަރުގެ ޖަލު ހުކުމެއް އަންނަވަރުގެ ކުށެކެވެ.
ތައިލެންޑުގެ ޖަލުތަކުގައި 321،347 ކުށްވެރިން ތިބި ކަމަށް އެ ގައުމުގެ ކަރެކްޝަންސް ޑިޕާޓްމަންޓުން ޖުލައި މަހު ވަނީ ބުނެފަ އެވެ. މީގެ ތެރޭން 70 ޕަސެންޓަކީ ޑްރަގާ ގުޅުންހުރި ކުށްތަކުގެ ގައިދީންނެވެ.