06 ޖެނުއަރީ 2022 - 22:38

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ހަލުއިކަމާ އެކު މައްޗަށް ގޮސް، މިއަދު އެ ބަލި ޖެހުނު މީހުންގެ އަދަދު 300 އަށް ވުރެ ވެސް އިތުރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 4،395 ސާމްޕަލް ޓެސްޓުކުރި ކަމަށެވެ. އޭގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 304 މީހުންނެވެ. މިއާ އެކު، އެކްޓިވް ކޭސްތައް 2،908 އަށް ވަނީ އަރައިފަ އެވެ.
މާލެ ސަރަހައްދުން ޓެސްޓުކުރި 1،814 ސާމްޕަލުން 136 މީހަކު ޕޮޒިޓިވްވި އެވެ. މިއީ، ފާއިތުވި ހަތަރު މަސް ދުވަހުގެ ތެރޭގައި އެއް ދުވަހެއްގައި މާލެއިން އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހެވެ. އަދި ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި މާލެއިން އެންމެ ގިނައިން ޓެސްޓުކުރި ދުވަހަކީ ވެސް މިއީ އެވެ.
މިދިޔަ އޮކްޓޯބަރު ތިން ވަނަ ދުވަހު މާލެއިން 2،030 ސާމްޕަލް ޓެސްޓުކުރި އެވެ. އޭގެ ފަހުން މާލެ ސަރަހައްދުގައި 24 ގަޑިއިރެއްގެ ތެރޭ ޓެސްޓްކުރި އަދަދު 1،800 އިން މައްޗަކަށް ނުދެ އެވެ.
އެހެން ރަށްރަށުން 78 މީހަކާއި ރިސޯޓުތަކުން 83 މީހެއް އަދި ސަފާރީއަކުން އެކަކު މިދިޔަ 24 ގަޑިއިރު ތެރޭ ޕޮޒިޓިވްވެފައިވެ އެވެ.
މިއަދު ޓެސްޓުކުރި ސާމްޕަލްތަކުން ޕޮޒިޓިވްވި އަދަދަށް ބަލާއިރު އެއީ 6.92 ޕަސެންޓެވެ. މާލެ ވަކިން ބަލާއިރު މި ރޭޓް ހުރީ 7.5 ޕަސެންޓުގަ އެވެ.
ދުނިޔޭގައި ވެސް ހަލުއިކަމާއެކު ފެތުރެމުންދާ އޮމިކްރޮން ވޭރިއެންޓާ އެކު، ރާއްޖޭގައި ވެސް ކޮވިޑުގެ ހާލަތު ވަނީ ގޯސްވާން ފަށައިފަ އެވެ.
ރާއްޖެއިން އޮމިކްރޮން އަށް ފުރަތަމަ ޕޮޒިޓިވްވީ އއ. އަތޮޅު ސޭންޑީސް ބަތަލާ ރިސޯޓަށް އައި ސައުތު އެފްރިކާގެ ޓޫރިސްޓެކެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ މިދިޔަ ނޮވެމްބަރު މަހުގެ 27 ގަ އެވެ. އޭގެ ފަހުން، އެ ވޭރިއެންޓަށް އިތުރު ހަތަރު މީހަކު ޕޮޒިޓިވްވި ކަމަށް ބުންޏަސް، އެކަމާ ގުޅޭ އިތުރު މައުލޫމާތެއް ނުދެ އެވެ.
ސިއްހީ މާހިރުންނާ ހަވާލަދެއްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވިދާޅުވީ ކުރިއަށް އޮތް ތިން ހަފުތާ ތެރޭގައި ރާއްޖޭގައި އަނެއްކާ ވެސް ވަރަށް ބޮޑަށް ކޮވިޑް ފެތުރޭނެ ކަމަށެވެ.