"އިންޑިއާ އައުޓް" އެއްވުމުން މިއަދު ވެސް ހަތް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް
"އިންޑިއާ އައުޓް" އެއްވުމުން މިއަދު ވެސް ހަތް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭރުކުރުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމުން ބާއްވަމުން އަންނަ ސިލްސިލާ އެއްވުމުގައި މިއަދު މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްއާ އެކު ހަތް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު، ހީނާ ވަލީދު ވިދާޅުވީ ޕީޕީއެމް އޮފީސް ސަރަހައްދުގައި ހަވީރު ބޭއްވި އެއްވުމުގައި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލާއި ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލް މެމްބަރު އަހުމަދު އައިފާން އަދި ޔޫތު ވިންގުގެ މެމްބަރުން ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

"އިންޑިއާ އައުޓް" ޖަހާފައިވާ ޓީޝާޓާއި ދިދަ ހިފައިގެން ބާއްވާ އެއްވުމުގައި މިއަދު ވެސް ގޮވަމުން ދިޔައީ އިންޑިއާ ސިފައިން ރާއްޖޭން ބޭރުކުރުމަށެވެ.

ހީނާ ވިދާޅުވީ އިނގިރޭސި ބަހުން "އިންޑިއާ އައުޓް" ޖަހާފައިވާ ޓީޝާޓު ލައިގެން އެ ތަނުގައި ނުތިބެވޭނެ ކަމަށް ފުލުހުން އެންގި ކަމަށެވެ.

"ދިވެހި ބަހުން 'އިންޑިއާ އައުޓް' ޖަހަން އެންގީ،" ހީނާ ވިދާޅުވި އެވެ.

އިންޑިއާ ސިފައިންނާ ދެކޮޅަށް އިއްޔެ ބޭއްވި އެއްވުމުން ވެސް 11 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އަތޮޅުވެއްސަށް އެ މީހުން ގެންދިއުމަށް ފަހު ވަނީ ދޫކޮށްލައިފަ އެވެ.