ހުޅުމާލޭގައި ހަފްލާތަކާއި ހަރަކާތްތަކަށް ހުއްދަދިނުން ކޮވިޑް ކޭސްތައް އިތުރުވާތީ މެދުކަނޑާލައިފި
ހުޅުމާލޭގައި ހަފްލާތަކާއި ހަރަކާތްތަކަށް ހުއްދަދިނުން ކޮވިޑް ކޭސްތައް އިތުރުވާތީ މެދުކަނޑާލައިފި

ހުޅުމާލޭގައި ހަފްލާތަކާއި ހަރަކާތްތައް ބޭއްވުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުއްދަ ދޫކުރުން، ކޮވިޑް-19 ގެ ކޭސްތައް އިތުރުވާތީ މެދުކަނޑާލައިފި އެވެ.

އެޗްޑީސީން މިއަދު ބުނީ ކޮވިޑްގެ އާ ވޭރިއަންޓް، "އޮމިކްރޮން" ރާއްޖެއިން ފެނުމާ އެކު މާލޭ ސަރަހައްދުގައި ބަލި ކޮންޓްރޯލްކުރުމަށް، ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި މީހުން އެއްވާ ހަފްލާތަކާއި ހަރަކާތްތައް ބޭއްވުން މެދުކަނޑާލަން އެޗްޕީއޭ އިން އަންގާފައިވާ ކަމަށެވެ.

އެހެންވެ، ހަފްލާތަކާއި ހަރަކާތްތައް ބޭއްވުމަށް ދޫކުރަމުން އަންނަ ހުއްދަތައް ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

ހުޅުމާލޭގައި މީހުން އެއްވާ ހަރަކާތްތައް ހުއްޓާލަން އެޗްޕީއޭ އިން އެންގިއިރު ރަސްފަންނުގައި ބާއްވަމުން އައި ނައިޓް މާކެޓް ވަގުތުން ހުއްޓާލުމަށް ވެސް އެޗްޕީއޭ އެންގި އެވެ. އެހެންވެ، މިއަދުން ފެށިގެން ނައިޓް މާކެޓް ނުބާއްވަން މާލޭ ސިޓީ ކައުންސިލުން ވަނީ ނިންމައިފަ އެވެ.

ގިނަ ދުވަސްތަކަކަށް ފަހު، ކޮވިޑްގެ އޮމިކްރޮން ވެރިއަންޓާ އެކު މިހާރު ދަނީ ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުންނެވެ. އިއްޔެ އެކަނި ވެސް މާލެއިން 102 މީހުން ބައްޔަށް ޕޮޒިޓިވްވި އެވެ.

އެޗްޕީއޭ އިން އިލްތިމާސްކުރަނީ މީހުން އެއްވެ އުޅޭ ހަރަކާތްތައް މަދުކުރުމާއި އެކު ބަލިން ރައްކާތެރިވުމަށް މާސްކް އެޅުމާއި ގައިދުރުކަން ދެމެހެއްޓުމަށެވެ.