06 ޖެނުއަރީ 2022 - 17:08

ކ. ގުޅިފަޅު ކައިރިއަށް ބޯވަ ނަގަން ގޮސް އުޅެނިގެން ގެއްލިގެން ހޯދަމުން އަންނަ ޝުރޭހު ހަސަން އަދިވެސް ނުފެންނަ ކަމަށާއި އޯޕަން ކޭސްއެއްގެ ގޮތުގައި އެ މައްސަލަ އަދިވެސް ބަލަމުން އަންނަ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.
ކުމުންދު އަށް އުފަން، 21 އަހަރުގެ ޝުރޭހު "ޖަންނު" ކިޔާ ލޯންޗަކުން މިދިޔަ ހުކުރު ދުވަހު މޫދަށް ފޭބި ފަހުން ގެއްލުނު ހާދިސާއާ ގުޅިގެން އެމްއެންޑީއެފުން ބުނީ އޭނާ ހޯދުމަށް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އިން ކުރިއަށް ގެންދިޔަ އެކްޓިވް ސާޗް 72 ގަޑިއިރަށް ފަހު ވަނީ ސާފޭސް ސާޗަކަށް ބަދަލުކޮށްފައި ކަމަށެވެ.
"72 ގަޑިއިރަކީ މިފަދަ ހާދިސާތަކުގައި މީހުން ނުފެނި، އެ މީހުންގެ ސަވައިވަބިލިޓީ ރޭޓް އެންމެ ބޮޑަށް ދިގުދެމިގެންދާނެ މުއްދަތު ކަމަށް ދުނިޔޭގެ ގިނަ ތަންތަނުގައި ބަލައިގަންނަން ސްޓޭންޑާޑް ވަގުތު،" އެމްއެންޑީއެފުން ބުނެފައިވެ އެވެ.
އެމްއެންޑީއެފުން ވަނީ އެ ސަރަހައްދުން ދަތުރުކުރާ ވަގުތު ހާދިސާއާ ގުޅޭ ކަމެއް ފެނިއްޖެ ނަމަ، ރިޕޯޓް ކުރުމަަށް ވެސް އެދިފަ އެވެ.
ރަށުގައި ޝުރޭހުގެ އާއިލާ ދިރިއުޅެމުން އައި ނަމަވެސް އޭނާއަކީ ގްރޭޑް 5 ގައި ކިޔަވަން މާލެ އައި ގޮތަށް މާލޭގައި އުޅެމުން އައި ޒުވާނެކެވެ. ބޯވަ ނަގަން ދިޔައީ ރައްޓެހި ބަޔަކާ އެކު ކަމަށް އެމްއެންޑީއެފުން އާއިލާއަށް އަންގާފައިވެ އެވެ.
އާއިލާ އިން ބުނާ ގޮތުގައި ޝުރޭހަކީ އާންމުކޮށް ބޯވަ ނެގުން ކަހަލަ ކަންކަމަށް ގޮސް އުޅޭ މީހެއް ވެސް ނޫނެވެ. ވަޒީފާ އަށް ދިއުމުގެ އިތުރުން ޝުރޭހު އައީ މެކޭނިކަލް އިންޖީނިއަރިން ކޯހެއްގައި ބައިވެރިވެގެން ކިޔަވަމުން ކަމަށާއި އޭނާއަށް ބޭރަށް ގޮސް އުޅެން ވަރަށް ވަގުތު ނުވާ ކަމަށް އޭނާގެ އާއިލާ އިން ބުނެފައިވެ އެވެ.