06 ޖެނުއަރީ 2022 - 13:06

އިންޑިނީޝިޔާގެ ވެރިރަށް ސުމަޓްރާ އަށް ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާގައި، 30 ހާހަށް ވުރެ ގިނަ މީހުން ގެދޮރު ގެއްލި އެކި ތަންތަނަށް ވިއްސިވިހާލިވެއްޖެ އެވެ.
ސުމަޓްރާ އަށް މީލާދީ އާ އަހަރު ލައިގަތީ ބޯ ވާރެއާއި ގަދަ ވައިގެ ތެރޭގަ އެވެ. ބޯކޮށް ވާރޭވެހި ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމުގެ ސަބަބުން، ގެނބިގެން ދެ ކުއްޖަކު މަރުވި އެވެ. އެތައް ހާސް ގެއެއް ވަނީ ދިރިއުޅެވޭ ވަރަށް ވުރެ ބޮޑަށް ހަލާކުވެފަ އެވެ.
މި ވިއްސާރައިގައި އެންމެ ބޮޑަށް ގެއްލުން ލިބުނީ ސުމަޓްރާގެ ހުޅަނގު ސަރަހައްދުގައި އޮންނަ ޖަމްބީ އާއި އަޗޭ ޕްރޮވިންސަށެވެ. މިހާރު ވެސް އެ ސަރަހައްދުތަކުގެ ގިނަ އަވަށްތައް ހުރީ ފެނު އަޑީގަ އެވެ. އެ އަވަށްތަކުގެ ގިނަ ގެތަކުގައި ހުންނަނީ ތިރީބުރި އެކަނި ކަމަށްވާއިރު، ބައެއް ގެތަކުގެ ފުރާޅާ ހަމައަށް ފެންގަނޑު ބޮޑުވެފައިވެ އެވެ.
އެހެންކަމުން، އެ އަވަށްތަކުގެ ގިނަ މީހުން މިހާރު ދިރިއުޅެމުން ދަނީ، އުސް ހިސާބުތަކުގައި ހުރި މިސްކިތްތަކާއި މަދަރުސާތަކާއި ސަރުކާރުގެ އޮފީސް އިމާރާތްތަކުގަ އެވެ.
ފެން ބޮޑުވެފައިވާ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންގެ މިހާރުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، ފެންގަނޑު ހިނދޭނެ އިރެއް ނޭނގުމެވެ. އަދި ފެންގަނޑު ހިނދުނަސް، ދަނޑުވެރިކަމުގެ މައްޗަށް ދިރިއުޅުން ބަރޯސާކޮށްގެން އުޅޭ، އެއަވަށްތަކުގެ މީހުން އިގްތިސާދު އަލުން ކޮޅަށް ޖަހާނެ ގޮތަކާ މެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.
ހުރިހާ ހަނޑޫ ދަނޑުތައް މިހާރު އޮތީ ފެނު އަޑީގައި ކަމަށްވާތީ، ފެންގަނޑު ހިނދިގެން އަލުން ދަނޑު ހައްދައިގެން ގޮވާން ކެނޑޭނެ ދުވަހެއް އަދި އޮތީ ނޭނގުމެއްގެ ތެރޭގަ އެވެ. އެ ސަރަހައްދުގައި ފެންބޮޑުވީ ދަނޑުތަކުގައި ކުރާތައް ފައްކާވެ ގޮވާން ކަނޑަން ތައްޔާރުވެފައި ވަނިކޮށެވެ. ނަމަވެސް ފެނު އަޑީގައި ހުންނަތާ ތިން ދުވަސްތެރޭގައި ހުރިހާ ގަސްތަކެއް މަރުވާނެ އެވެ. އެހެންކަމުން، މި މޫސުމުގެ ދަނޑުވެރިކަމުން އެ މީހުންނަށް އެއްވެސް އާމްދަނީއެއް ނުލިބޭނެ އެވެ.
ފެންބޮޑުވި ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ބުނާ ގޮތުގައި، ކޮންމެ އަހަރެއްގެ ވެސް މި ދުވަސްވަރު އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ހާދިސާތައް ހިނގާއިރު، އެ ސަރަހައްދުގެ ރައްކާތެރިކަމަށް ސަރުކާރުން މާބޮޑު މަސައްކަތެއް ނުކުރެ އެވެ. މި ދުވަސްވަރަށް ބޯކޮށް ވާރޭ ވެހޭކަން އެނގޭ އިރު، ކޯރުތަކުގެ ތިލަ ހިސާބުތަކަށް ޖަވާމާ ކުނިތަކާއި ކިސަޑުތައް ނަގައި ކޯރު ފުންކުރާ ނަމަ، ކޯރުތައް ފުރިގެން ބަންޑުންވުމުގެ ފުރުސަތު ކުޑަ ކަމަށް ވެސް އެމީހުން ބުނެ އެވެ.
ގެދޮރު ގެއްލި ހާލުގައި ޖެހިފައި ތިބި މީހުންނަށް އެކަށީގެންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ވެސް، ވަރަށް ގިނަ ގޮންޖެހުންތައް ހުރި ކަމަށް ކަމާ ބެހޭ އިދާރާތަކުން ބުނެ އެވެ. އަދި ވެސް ގިނަ ސަރަހައްދުތަކުގައި އެކަށީގެންވާ ފުންމިނަކަށް ފެންގަނޑު ހެދިފައި އޮތުމުން، އެއްގަމު އުޅަނދު ދުއްވުން ވެސް ވަނީ ވަރަށް ބޮޑަށް ދަތިވެފަ އެވެ.