އަޑަށްވުރެ ބާރަށް ދަތުރުކުރާ މިސައިލެއް އުތުރު ކޮރެއާ އިން އަޖުމަ ބަލައިފި
އަޑަށްވުރެ ބާރަށް ދަތުރުކުރާ މިސައިލެއް އުތުރު ކޮރެއާ އިން އަޖުމަ ބަލައިފި

އުތުރު ކޮރެއާގައި އަމިއްލަ އަށް އުފެއްދި، އަޑަށް ވުރެ ބާރަށް ދަތުރުކުރާ މިސައިލެއް ކާމިޔާބުކަމާ އެކު އަޖުމަ ބަލާފައިވާ ކަމަށް އެ ގައުމުން މިއަދު ބުނެފި އެވެ.

އެ ގައުމުގެ ރަސްމީ ނޫސް އޭޖެންސީން ބުނި ގޮތުގައި އިއްޔެ އަޖުމަ ބެލި މިސައިލް އޭގެ އަމާޒަށް ބަރާބަރަށް ވާސިލުވި އެވެ. އަޑަށް ވުރެ ބާރަށް ދަތުރުކުރާ މިސައިލެއް އުތުރު ކޮރެއާ އިން އިއްޔެ އަޖުމަ ބެލިކަން އެންމެ ފުރަތަމަ ހާމަކުރީ ޖަޕާނާއި ދެކުނު ކޮރެއާ އިންނެވެ. އުތުރު ކޮރެއާ އިން އިއްޔެ އަޖުމަބެލި މި މިސައިލަކީ މިދިޔަ އޮކްޓޫބަރު މަހުގެ ފަހުން އެ ގައުމުން އަޖުމަ ބެލި، އެ ބާވަތުގެ ފުރަތަމަ މިސައިލެވެ.

އަދި އެ ގައުމުން މިހާތަނަށް އުފައްދައި އަޖުމަ ބެލި، އަޑަށް ވުރެ ބާރަށް ދަތުރުކުރާ ދެ ވަނަ މިސައިލެވެ.
ބެލެސްޓިކް މިސައިލްތަކަކީ ވައިގެ ތެރެއަށް ވަރަށް މައްޗަށް އެރުމަށް ފަހު، އޭގެ އަމާޒަށް ތިރިއަށް ފައިބާ ގޮތަށް އުފައްދާފައިވާ މިސައިލަކަށް ވުމުން، އަސްކަރީ ރާޑަރުތަކަށް ވަރަށް ފަސޭހަ އިން ބެލެސްޓިކް މިސައިލް ދެނެގަނެވެ އެވެ. މިއާ ޚިލާފަށް، އަޑަށް ވުރެ ބާރަށް ދަތުރުކުރާ މިސައިލްތަކަކީ، މައްޗަށް އެރުމުގެ ބަދަލުގައި މާ ތިރިން ދަތުރުކޮށް އޭގެ އަމާޒަށް ހަމަލާދޭ ހަތިޔާރަކަށްވުމުން، އެފަދަ މިސައިލް ދެނެގަތުން އަސްކަރީ ރާޑުރަތަކަށް ވެސް ފަސޭހައެއް ނޫނެވެ.

އާންމު ގޮތެއްގައި، އަޑަށް ވުރެ ބާރަށް ދަތުރުކުރާ މިސައިލަކީ، އަޑު ދަތުރުކުރާ ދުވެއްޔަށް ވުރެ ފަސް ގުނަ ބާރަށް (ގަޑިއަކު ގާތްގަނޑަކަށް 6،200 ކިލޯމީޓަރު) ދަތުރުކުރާ ހަތިޔާރެކެވެ. އެހެންކަމުން، މިސައިލުން ދިފާއުވާ ނިޒާމުތައް ބޭނުންކޮށްގެން ވެސް، މިބާވަތުގެ މިސައިލުން ދިފާއުވުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ.

އުތުރު ކޮރެއާ އިން ބުނި ގޮތުގައި، އެ ގައުމުގައި އުފައްދަމުން އަންނަ، އަޑަށް ވުރެ ބާރަށް ދަތުރުކުރާ މިސައިލްތަކުގެ ތެރެއިން އިއްޔެ އަޖުމަ ބެލި މިސައިލަކީ ވެސް، އެ ގައުމުގެ ޒަމާނީ އަސްކަރީ ގާބިލުކަން އިތުރުކުރުމުގައި ކުރިއަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.

އުތުރު ކޮރެއާ އިން މިބާތުގެ މިސައިލްތައް އުފައްދައި އަޖުމަ ބަލަމުން މި އަންނަނީ، އެފަދަ ހަތިޔާރު އުފެއްދުމާއި އަޖުމަ ބެލުމާއި ބޭނުންކުރުން ވެސް، އދ. މަޖިލީހުން މަނާކޮށްފައި އޮއްވަ އެވެ. އަދި އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން، އުތުރު ކޮރެއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައި ވަނިކޮށެވެ.

އުތުރު ކޮރެއާ އިން ބުނި ގޮތުގައި އެ ގައުމުން އިއްޔެ އަޖުމަ ބެލި މިސައިލް ފޮނުވައިލީ 700 ކިލޯމީޓަރު ދުރުގައިވާ އަމާޒަކަށެވެ. މިސައިލް ހަރުން މިސައިލް ފޮނުވައިލީ ރޮކެޓް އިންޖީނެއްގެ އެހީގަ އެވެ. ރޮކެޓް އިންޖީނުން މިސައިލް ވަކިވުމަށް ފަހު، އިތުރު 120 ކިލޯމީޓަރަށް ދަތުރުކޮށް، އެއަށް ކަނޑައަޅާފައިވާ އަމާޒަށް ވަރަށް ބަރާބަރަށް ހަމަލާ ދިން ކަމަށް ވެސް އުތުރު ކޮރެއާ އިން ބުންޏެވެ.

މި މިސައިލްގެ އަޖުމަ ބެލުމުން ކާމިޔާބު ވުމުން އެނގުނީ، މިސައިލްގައިވާ ނިޔަމިކަމުގެ ނިޒާމުތަކާއި، ފިނި މޫސުމުގައި ވެސް ބަރާބަރަށް މަސައްކަތް ކުރުމުގެ ގާބިލުކަން އެ މިސައިލަށް ލިބިފައިވާ ކަން ކަމުގައި، އުތުރު ކޮރެއާ އިން ބުންޏެވެ.

އުތުރު ކޮރެއާއަކީ ނިއުކްލިއާ ހަތިޔާރުގެ ގާބިލްކަން ލިބިފައިވާ ގައުމަކަށް ވިޔަސް، 2017 ގެ ފަހުން އެ ގައުމުން ނިއުކްލިއާ ހަތިޔާރެއް އަދި ދުރު ރާސްތާގެ އިންޓަކޮންޓިނެންޓަލް ބެލެސްޓިކް މިސައިލެއް އަޖުމަ ބަލައިފައެއް ނުވެ އެވެ. އޭގެ ބަދަލުގައި އުތުރު ކޮރެއާ އިން މިހާރު އަޖުމަ ބަލަމުން އަންނަނީ، ދެކުނު ކޮރެއާ އާއި އެމެރިކާގައި ހުރި މިސައިލުން ދިފާއުވާ ނިޒާމުތަކުން ރެކިގަނެވޭ ޒާތުގެ މިސައިލް އުފައްދައި އަޖުމަ ބެލުމަށެވެ.