06 ޖެނުއަރީ 2022 - 12:13

ރޯމް (ޖެނުއަރީ 6) - އާސެނަލްގައި ކުޅުމުގެ ފުރުސަތު ލިބުން މަދުވުމުގެ ސަބަބުން ޓީމު ދޫކޮށްލަން ބޭނުންވާކަން ހާމަކުރި މިޑްފީލްޑަރު އެއިންސްލީ މެއިޓްލެންޑް-ނައިލްސް ލޯނު އުސޫލުން އިޓަލީގެ އޭއެސް ރޯމާ އަށް ގެންދަން ދެ ކުލަބުން އެއްބަސް ވެއްޖެ އެވެ.
ކުޅުމުގެ ފުރުސަތު ނުލިބޭތީ އެކަމާ ހިތްހަމަ ނުޖެހިގެން މެއިޓްލެންޑް-ނައިލްސް، 24، ވަނީ އޭނާ އަށް ކުޅޭނެ ފުރުސަތު ލިބޭ ކުލަބަކަށް ދާން ބޭނުންވާކަން ސޯޝަލް މީޑިއާގައި މިދިޔަ އޮގަސްޓް މަހު ހާމަކޮށްފަ އެވެ.
ރޯމާގެ ކޯޗަކީ މީގެ ކުރިން ޗެލްސީ އާއި ޓޮޓެންހަމަށް ވެސް ކޯޗުކޮށްދިން ހޯސޭ މޮރީނިއޯ އެވެ. މެއިޓްލެންޑް-ނައިލްސް އަކީ މޮރީނިއޯ ޕްރިމިއާ ލީގުގައި ކޯޗު ކޮށްދިން ދުވަސްވަރު ފާހަގަކޮށްލެވުނު ކުޅުންތެރިއެއް ކަމަށް މޮރީނިއޯ ވަނީ ބުނެފަ އެވެ.
ރޯމާގެ މާލީ ހާލަތު ދަށްވުމާ އެކު، މި ޓްރާންސްފާ ބާޒާރުގައި ލޯނު އުސޫލުން ޓީމަށް އިތުރު ކުރެވެން އޮތީ މަދު ކުޅުންތެރިއެއްކަން މޮރީނިއޯ ވަނީ ބުނެފަ އެވެ.
އާސެނަލްގެ މުހައްމަދު އެލްނެނީ އާއި ތޯމަސް ޕާޓޭ އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ކުޅެން ގައުމީ ޓީމަށް ދޫކޮށްފައިވާތީ އެ ޓީމުގައި މިޑްފީލްޑަރުންގެ ދަތިކަން ބޮޑެވެ. އެހެންވެ މެއިޓްލެންޑް-ނައިލްސް ރޯމާއަށް ދޫކޮށްފައި ވަނީ މި ސީޒަނުގެ ނިޔަލަށެވެ. އަރިމަތިން ފަހަތަށް ވެސް ކުޅޭ މެއިޓްލެންޑް-ނައިލްސްގެ ޑީލް މި ސީޒަނަށް ފަހު ރޯމާއިން ދާއިމީ ކުރަން އެއްބަސްވުމުގައި ހިމަނަން އެ ޓީމުން ޝައުގުވެރިކަން ފާޅުކުރި އެވެ. ނަމަވެސް އާސެނަލް އިން އެގޮތަށް އެއްބަހެއް ނުވެ އެވެ.
އަންނަ ސީޒަނުގެ ނިޔަލަށް އާސެނަލްއާ އެކު ކޮންޓްރެކްޓުގައި ހުރި މެއިޓްލެންޑް-ނައިލްސް މިދިޔަ ސީޒަނުގެ ފަހު ބައިގައި ކުޅުނީ ލޯނު އުސޫލުން ވެސްޓް ބްރޮމް އަށެވެ. އެއަށް ފަހު މިދިޔަ ހޫނު މޫސުމުގައި އެވަޓަން އިން އޭނާ އަށް ޝައުގުވެރިކަން ފާޅުކުރި ނަމަވެސް އާސެނަލް އިން ވަނީ އޭނާ ވިއްކާލަން ދެކޮޅު ހަދައިފަ އެވެ.
މެއިޓްލެންޑް-ނައިލްސް މި ސީޒަނުގައި އާސެނަލް އަށް 11 މެޗުގައި ކުޅެފައިވީ ނަމަވެސް ލީގުގައި ފުރަތަމަ 11 ގައި ހިމެނިގެން ކުޅުނީ އެންމެ ދެ މެޗުގަ އެވެ.
ރޯމާ އިން އަންނަނީ ޕޯޗުގަލްގެ ޕޯޓޯއަށް ކުޅޭ 29 އަހަރުގެ މިޑްފީލްޑަރު ސާޖިއޯ އޮލިވޭރާ ވެސް ސީޒަން ނިމުމުން އެއްބަސްވުން ދާއިމީ ކުރާގޮތަށް، ލޯނު އުސޫލުން، އެ ޓީމަށް ގެންނަން މަސައްކަތް ކުރަމުންނެވެ. މޮރީނިއޯ ވަނީ މެއިޓްލެންޑް-ނައިލްސް އާއި ސާޖިއޯ އޮލިވޭރާ ވެސް މި ޓްރާންސްފާ ބާޒާރުގައި ބޭނުންވާކަން ހާމަކޮށްފަ އެވެ.