06 ޖެނުއަރީ 2022 - 10:12

އިދިކޮޅު ފަރާތްތަކުން މާލޭގައި އިއްޔެ ކުރި މުޒާހަރާއިން ހައްޔަރުކުރި 11 މީހުން ދޫކޮށްލައިފި އެވެ.
ޕީޕީއެމް/ޕީއެންސީން ކުރަމުން އަންނަ "އިންޑިޔާ އައުޓް" މުޒާހަރާ އިން ނުވަ އަންހެނުންނާއި ދެ ފިރިހެނުން ހައްޔަރުކުރި އެވެ.
ފުލުހުން މިއަދު ބުނީ އެ މީހުން ރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ވަނީ ކޮންމެ ހަވީރަކު އެ ޕާޓީ އޮފީސް ކުރިމަތިން އިންޑިޔާ އައުޓް ހަރަކާތްތައް ބާއްވަން ނިންމައިފަ އެވެ. ނަމަވެސް ކޮންްމެ ފަހަރަކު ފުލުހުން އެކަމަށް ހުރަސް އަޅަ އެވެ.
މާލޭގެ އިތުރުން ބައެއް ރަށްރަށުގައި ވެސް އިންޑިޔާ ސިފައިން ތިބުމާ ދެކޮޅަށް އަންނަނީ މުޒާހަރާ ކުރަމުންނެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވުމާ އެކު "އިންޑިޔާ އައުޓް" ކެމްޕެއިން އިތުރަށް ފުޅާކުރަން ނިންމާފައިވާ އިރު ސަރުކާރު ކޯލިޝަންގެ ހުރިހާ ޕާޓީތަކުން ވަނީ އެ ކެމްޕެއިނާ ދެކޮޅު ކަމަށް ބުނެފަ އެވެ.
ރާއްޖެ އެތެރެވާ ޑްރަގް ބޯޓުތަކުގެ މައުލޫމާތު އިންޑިޔާ އިން ދޭތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ "އިންޑިޔާ އައުޓް" ކެމްޕެއިނަކީ ޑްރަގް ވިޔަފާރި ކުރާ މީހުންނާ ގުޅުން އޮތް ކަމެއް ކަމަށް ތުހުމަތުކުރައްވައި އެކަމާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ.