15 ޑިސެމްބަރ 2016 - 06:34

މި އަހަރުގެ ތިންވަނަ ކުއާޓަރު ނިމުނުއިރު ދައުލަތަށް 12.5 ބިލިއަން ރުފިޔާ ލިބުނުއިރު، ކުރި ހަރަދު 13.9 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.
ދައުލަތަށް ލިބުނު ހަރަދާއި އާމްދަނީގެ ތަފާސްހިސާބުތައް ހިމަނައިގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ނެރުނު ކުއާޓަލީ އިކޮނޮމިކް ބްލެޓިންގައިވާ ގޮތުން މިދިޔަ އޮގަސްޓް ނިމުނުއިރު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވާ މިންވަރަކީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ފަސް ޕަސެންޓް އިތުރު އަދަދެކެވެ. އެއީ 642.1 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ތިން ވަނަ ކުއާޓަރު ނިމުނުއިރު، ލަފާކުރި އާމްދަނީގެ 53 ޕަސެންޓް ލިބުނުއިރު ހަރަދުކުރަން ކަނޑައެޅި މިންވަރުގެ 58 ޕަސެންޓް ވަނީ ހަރަދުކޮށްފަ އެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ތިންވަނަ ކުއާޓަރު ނިމުނުއިރު ދައުލަތަށް ލިބުނު އާމްދަނީ 74 ޕަސެންޓަކީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އެވެ. އަދި އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ތިން ޕަސެންޓްގެ ކުރިއެރުމެކެވެ.
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޓެކްސް އިން ލިބުނު އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ ގްރީން ޓެކްސް އާއި އާއްމު ޖީއެސްޓީން ލިބުނު އާމްދަނީ އިތުރުވުމުންނެވެ. ނަމަވެސް އެ މުއްދަތުގައި ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު މަދުވުމުން ޓޫރިޒަމް ދާއިރާގެ ޖީއެސްޓީން ލިބުނު އާމްދަނީ ވަނީ 371 މިލިއަން ރުފިޔާ ދަށްވެފަ އެވެ. ޓީޖީއެސްޓީއަކީ ޓެކްސްގެ ތެރެއިން އެންމެ ބޮޑު އާމްދަނީ ލިބޭ އެއްބާވަތެވެ.
މަރުކަޒީ ބޭންކުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ތިން ވަނަ ކުއާޓަރު ނިމުނުއިރު ދައުލަތުން ކުރި ހަރަދު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 23.6 މިލިއަން ރުފިޔާ އިތުރުވެފަ އެވެ.
އެމްއެމްއޭ އިން ނެރުނު ކުއާޓަލީ ބްލެޓިންގައިވާ ގޮތުން ދައުލަތުން ކުރި ހަރަދު އިތުރުވި މައިގަނޑު ސަބަބަކީ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމަށްކުރި ހޭދަ އިތުރުވުމުންނެވެ. އޭގެ ތެރެއިން ބޮޑު ބައެއް ހަރަދުކޮށްފައި ވަނީ މާލެ ރީ ޑިވެލޮޕްމަންޓް ޕްރޮގްރާމަށެވެ.