އިދިކޮޅު އެއްވުމުން 11 މީހަކު ހައްޔަރުކޮށްފި
އިދިކޮޅު އެއްވުމުން 11 މީހަކު ހައްޔަރުކޮށްފި

ޕީޕީއެމް/ޕީއެންސީން މާލޭގައި ކުރިއަށް ގެންދާ "އިންޑިޔާ އައުޓް" އެއްވުމުގައި ބައިވެރިވި 11 މީހަކު ފުލުހުން މިއަދު ހައްޔަރުކޮށްފި އެވެ.

އިދިކޮޅު ދެ ޕާޓީގެ ހެންވޭރު އޮފީސް ދޮރުމަތިން މިއަދު ހަވީރު އެއްވުން ފެށުމާ އެކު ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް އެކަމަށް ހުރަސް އަޅައިފަ އެވެ.

ފުލުހުންގެ މިޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މުޒާހަރާ އިން މިހާތަނަށް 11 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އެ މީހުން ހައްޔަރު ކުރީ ފުލުހުންގެ ދައުރަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަންގެ ތަރުޖަމާން ހީނާ ވަލީދު "މިހާރު" އަށް ވިދާޅުވީ ހައްޔަރު ކުރި 11 މީހުންގެ ތެރޭގައި ކުރީގެ މަޖިލިސް މެންބަރު މުހައްމަދު އިސްމާއީލް އާއި އެ ޕާޓީގެ އާންމު މެންބަރުންގެ ތެރޭގައި ހިމެނޭ ނުވަ އަންހެނަކު ހިމެނޭ ކަމަށެވެ.

އިންޑިޔާއާ ދެކޮޅު ހަރަކާތެއް ކުރިއަށް ނުގެންދެވޭނެ ކަމަށާއި އެ ނަން ޖަހާފައިވާ ޓީޝާޓެއް ވެސް ނުލެވޭނެ ކަމަށް ފުލުހުން ބުނަމުން ގެންދިޔަ ކަމަށް ހީނާ ވިދާޅުވި އެވެ. އަދި އަންހެނުން ހައްޔަރު ކުރުމަށް ފިރިހެން ފުލުހުން ހަރަކާތްތެރިވާ ކަމަށް ވިދާޅުވެ ހީނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

"ފުލުހުންގެ ގާނޫނުން ވެސް އެއްވެސް އަންހެން ބޭފުޅެއް ހައްޔަރު ކުރަން ފިރިހެނުންނަށް ގައިގައި އަތެއް ނުލެވޭނެ. މި މައްސަލަ އަޅުގަނޑުމެން ވަރަށް އިދާރާތަކަށް ވެސް ހުށަހަޅައިފިން. އެއްވެސް ހައްލެއް ނުލިބޭ. ހޯމް މިނިސްޓަރު އިމްރާން ވެސް އެބަޖެހޭ ކަންނޭގެ ފުލުހުންގެ ކަންކަން ރަނގަޅު ކުރާއިރު މި މައްސަލަ ހައްލު ކުރަން،" ހީނާ ވިދާޅުވި އެވެ.

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވުމާ އެކު އެމަނިކުފާނުގެ ދެ ޕާޓީން ވަނީ އިންޑިޔާ އައުޓް ކެމްޕެއިން ފުޅާކޮށްފަ އެވެ. އެގޮތުން ކޮންމެ ދުވަހަކު ހަވީރު އެ ޕާޓީގެ އޮފީސް ދޮރުމަތީ އެ ހަރަކާތް ކުރިޔަށް ގެންދަން ވަނީ ނިންމައިފަ އެވެ.

މާލޭގެ އިތުރުން ބައެއް ރަށްރަށުގައި ވެސް، އިންޑިޔާ ސިފައިން ތިބޭ މައްސަލާގައި ނުރުހުން ފާޅުކޮށް މުޒާހަރާ ވަނީ ކޮށްފަ އެވެ.