06 ޖެނުއަރީ 2022 - 06:28

ފާނަ މަސްވެރިކަމުގައި އުޅޭ "އަލަމާ 5" ފ. އަތޮޅުން ފުރައިގެން މާލެއަށް ކުރި ދަތުރުގައި ހޯމަ ދުވަހުގެ ރޭ އަޑިއަށް ގޮސް އޭގައި ތިބި މީހުން ގެއްލުނުތާ 24 ގަޑިއިރު ފަހުން އެ މީހުންގެ ޚަބަރެއްވީ ހީވެސް ނުކުރާ ކަހަލަ ގޮތަކަށެވެ. ކަނޑުވެފައި އެހާ ގިނައިރު ވުމުން ކަނޑުމަތިން ފެނިގެން ނޫން ގޮތަކަށް އެ މީހުންގެ ޚަބަރެއް ވާނެ ކަމަކަށް ހިއެއް ނުކުރެ އެވެ. އެކަމަކު ކަނޑުވި މީހުންގެ ތެރޭ ހިމެނޭ އަސަދުލް އިސްލާމްގެ ފޯނަށް ގުޅޭތޯ އުޅުނު މީހުންނަށް އަންގާރަ ދުވަހުގެ ރޭ 10:00 ހާއިރު އެލާޓެއް އައީ ކަވަރޭޖް ލިބޭ ހިސާބަށް ފޯނު އަތުވެއްޖެ ކަމަށެވެ.

ދިވެއްސަކާ ކައިވެނިކޮށްގެން ރާއްޖޭގައި އުޅޭ އަސަދުލް އިސްލާމް، 37، "މިހާރު" އަށް ކިޔައިދިން ގޮތުގައި އެ މީހުން ސަލާމަތުން ތިބިކަން އެނގުމުގެ މެދުވެރިއަކަށްވީ އޭނާގެ ފޯނެވެ. ދޯނީގައި ތިބި ތިން މީހުންގެ ފަސް ފޯނު އޮތް ކަމަށާއި ކަނޑަށް ފުންމާލި އިރު އެ ފަސް ފޯނު ފުޅިމަދު ފޮއްޓަކަށް ލައިގެން ތިއްބާ އަސަދުލް އިސްލާމްގެ ތިން ފޯނުގެ ތެރެއިން އެއް ފޯނު ނޫން ހުރިހާ ފޯނަކަށް ލޮނު އެޅި ހަލާކުވީ ކަމަށް އޭނާ ބުންޏެވެ.

"އެއީ [ހޯމަ ދުވަހުގެ ރޭ] 9:30 ހާއިރު. އެކަކު ހުރީ ތިރީގައި. އަޅުގަނޑާ ކައްޕި [އާދަމް ޝަފީގް] ހުރީ މަތީގައި. ތިރީގައި ހުރި މީހާ ގޮވީ ޕަމްޕުން ދޯނީގެ ދިޔަގަނޑު މައިތިރިނުވާތީ. އޭނާ ގޮވައިފި ދޯނި މަޑުކުރާށޭ، އަޑިއަށް ދަނީއޭ. ދެން ތިރިއަށް ފައިބައި ބަލައިލި އިރު ނެތް ހަމަ އެއްވެސް ގޮތަކަށް ސަލާމަތްވާކަށް،" ކަނު އަނދިރީގައި މާކަނޑަށް ދޯނި އަޑިއަށް ގޮސް ކަނޑުވި ހާދިސާ ފެށުނު ގޮތް އޭނާ ކިޔައިދިނެވެ.

ކަނޑުވިތާ 30 ގަޑިއިރު ފަހުން އިއްޔެ ހެނދުނު ކަނޑުން ނެގި އަސަދުލް އިސްލާމް ބުނީ ދިޔަވީ ދޯނީގެ މަޑުލެއް ނައްޓައިގެން ދިއުމުން ކަމަށް ވެދާނެ ކަމަށާއި އެކަމަކު އަނދިރިކަމުން ވީ ގޮތެއް ނޭނގޭ ކަމަށެވެ.

"އެގަޑީ ދޯނީގެ ގެގަނޑު އަޑިއަށް ހިނގައްޖެ. ދެން އަހަރެމެން ތިބީ ފަހަތުގައި. ދެން އަހަރެން ބުނެފިން އެއްޗެހި ރެޑީކުރާށޭ މި ދޯނި ފެންމަތީގައި ނޯންނާނެޔޭ. ދެން ހައެއްކަ ހަން ނަގާފައި ރެޑީކޮށްލީ. ދެން ގެގަނޑުތެރޭ ހުރި އެއްވެސް އެއްޗެއް އަތުޖެހުނީކީ ނޫން. ދެން ފޯނުތަކާ އެއްޗެހި ފުޅިމަދު ފޮށިތެރެއަށް އަޅާލާފައި ހަންތައް ހިފައިގެން އަހަރެމެން ފުންމާލީ. ދޯނީގައި ތިބިން ކަކުލާ ހަމަޔަށް ފެން އަރަންދެން،" އަސަދުލް އިސްލާމް ކިޔައިދިނެވެ.
އޭނާ ބުނީ އެ ވަގުތު އެއްވެސް ދިމާލަކުން އަލިކަމެއް ވެސް ފެންނަން ނެތް ކަމަށާއި ތިބެވުނު ހިސާބެއް ވެސް ނޭނގޭ ކަމަށެވެ. އަދި މޫދުގައި ތިބި އިރު ވެސް ތިބީ ކޮން ހިސާބެއްގައި ކަމެއް ދެވެނީ ކޮން ދިމާލަކަށް ކަމެއް ވެސް އެ މީހުންނަކަށް ނޭނގެ އެވެ. ބޯމަތިން ޖަހަމުން ދިޔައީ ރާޅެވެ.
އޭނާ ބުނީ ދޯނިން ފުންމާލި އިރު ކާނެ އެއްވެސް އެއްޗެއް ނުނެގުނު ކަމަށާއި އަތުޖެހުނީ ދޮޅު ލިޓަރުގެ ފެންފުޅިއެއް އެކަނި ކަމަށެވެ.
"އަހަރެމެން ތިން މީހުން އެ ފެންފުޅިން ބޮއެގެން އެ ހުރިހާ އިރަކު ތިބީ،"
އޭނާ ބުނީ ސަލާމަތްވާނެ ކަމުގެ އުންމީދު އެތައް ފަހަރަކު ގެއްލުނު ކަމަށެވެ.
"އަޅުގަނޑާ އެކީ އޮތް މީހާ ވެސް ބުނި މަރުވެއްޖާ ރަށަށް ގުޅާފައި އަންގައިދޭށޭ. ދެން އަހަރެން ބުނީ އިރާދަކުރެއްވީ ރަނގަޅުވާނޭ. ފައިން ނުޖަހާ މީގައި ހިފަހައްޓާލައިގެން ވަރުބަލި ނުވެ އޮންނާށޭ،"
އޭނާ ބުނީ ފޯނަށް ރޭންޖް ލިބިއްޖެ ނަމަ ސަލާމަތްވާނެ ކަމުގެ އުންމީދު އޮތް ކަމަށާއި އެކަމަކު އެ ހުރިހާ އިރަކު ވެސް ފޯނުން ނުގުޅޭ ކަމަށެވެ.
ކަނޑުވި ވަގުތުން ފެށިގެން ފުޅިމަދު ފޮށީގައި ހިފަހައްޓައިގެން އޮތީ އަސަދުލް އިސްލާމެވެ. ދެން އޭނާއާ އެކު ތިބީ ބަންގްލާދޭޝް އެހެން މީހަކާއި ދިވެހި ކައްޕި އާދަމް ޝަފީގެވެ.
އަސަދުލް އިސްލާމް ބުނީ އިއްޔެ ރޭ ފޯނަށް ރޭންޖް ލިބުމުގެ ކުރިން ކައްޕިއާ ވާހަކަދެއްކި އިރު އެ ވަގުތު ތިބީ ވ. އަތޮޅު ތެރޭގައި ކަމަށް ބުނި ކަމަށެވެ. އެކަމަކު ފޯނަށް ރޭންޖް ލިބި މީހުންނަށް އެންގޭނެ ގޮތެއް ވުމުގެ ކުރިން ބަންގްލާދޭޝް ދެ މީހުންނަށް ކަައްޕި ގެއްލުނީ އެވެ.
އެކަން ދިމާވީ އަސަދުލް އިސްލާމް ކިޔައިދިން ގޮތުން ނަމަ ކައްޕި އަމިއްލަ އަށް ފަތާފައި ދާން އުޅެނިކޮށް ނަސޭހަތް ދީގެން އެއްފަހަރު ހިފެހެއްޓި ފަހުންނެވެ.
"އޭނާ އެއްފަހަރު ދިޔަ އަހަރެމެންނާ ވަކިވެގެން. އޭނާ ދިޔައީ ހިކިފަސް ތަނެއް އެބަ ފެނެޔޭ، އެތަނަށް އަރާލާފައި އެބަ އަންނަމޭ ކިޔާފައި. އެހެން ކިޔާފައި ނައްޓާލީމަ މަ ބުނެފިން ތިތާ ނޯންނާނޭ ހިކިފަސް ތަނެއް. ކަނޑުތެރެއޭ ތިއީ. ކޮން ހިކިފަސް ތަނެއްހޭ ތިތާ އޮންނާނީ. ހިކިފަސް ތަނެއް އައީމާ ބުނާނަމޭ. އެހެން ކިޔާފައި އޭނާ އަނެއްކާ ގެނައީ،" ކަނޑުގައި ގިނައިރުވުމުން ކައްޕިއަށް ނަފްސާނީ ގޮތުން އަސަރުކޮށްފައި ހުރިކަން ފާހަގަކޮށް އަސަދުލް އިސްލާމް ބުންޏެވެ.
އޭނާ ބުނީ އެފަހަރު ކައްޕި ގެނެސް ދެން އެ މީހުން ދޫކޮށްލާފައި ނުދިއުމަށާއި އެންމެން ތިބެންވާނީ އެކީގައި ކަމަށް ބުނެ ނަސޭހަތް ވެސް ދިން ކަމަށެވެ. އެކަމަކު ކައްޕި އޭރު ވެސް ހަމަނުޖެހޭ ވާހަކަ ދެއްކި ކަމަށާއި ކަނޑުގައި ގިނައިރު ވުމުން އޭނާ އަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށް ބުންޏެވެ.
"ދެން އިއްޔެ [އިރުއޮއްސި] 7:30 ހާއިރު އަހަރެމެން ދެ މީހުން ތިބީ ކުރީގައި ކައްޕި އޮތީ ފަހަތުގައި. ދެން އެހެން ތިބެފަ ފަހަތް ބަލައިރި އިރު ކައްޕިއެއް ނެތް ފެންނާކަށް. ދެން މަ ގޮވާލީ. ގޮވާލީމަ އޭނާ ބުނީ ތިމަން އެބަ އޮތީމޭ ފަހަތުގައި ކަލޭމެން ދާށޭ ކުރިއަށް. ތިމަންނާ އެބަ ދަމޭ. ދެން އޭގެ ފަހުން ވެސް ދެތިން ފަހަރު ގޮވާލީމަ ވެސް އަޑު ލައްވާލި. ދެން އޭގެ ފަހުން ގޮވައިގޮވައި ވެސް އަޑެއް ނީވުނު،" އިރުއޮއްސި ގަތް އަނދިރިއާ އެކު ކައްޕި ގެއްލުނު ގޮތް އަސަދުލް އިސްލާމް ކިޔައިދިނެވެ.
އޭރު އެ މީހުންނަށް އެންޓަނާއެއްގެ އަލި ފެނެ އެވެ. ފަހުން އެނގުނު ގޮތުގައި އެއީ އދ. ދަނގެތީ އެންޓަނާގެ އައްޔެވެ.
"އަޅުގަނޑަކަށް ނޭނގެ އެހެން އަތޮޅު ކިޔައިދޭކަން. އެހެންވެ ރޭންޖް ލިބުނީމާ ކޮމްޕެނީ ބޮޑު މީހާ އަށް ގުޅާފައި ބުނީ. ދެން އޭނާ ބުނެފި ކޮން ރަށެއްގެ ކައިރީގައި ހެއްޔޭ ތިި ތިބީ. މަ ބުނިން ކޮން ރަށެއް ކަމެއް ނޭނގެޔޭ ވ. އަތޮޅޭ ކައްޕި ބުންޏޭ،" ސަލާމަތުން ތިބިކަން އަންގައިދެވުނު ފޯނު ކޯލުގެ ވާހަކަ އޭނާ ކިޔައިދިނެވެ. އެކަމަކު އޭރު ކައްޕި އެ މީހުންނާ ވަކިވެ ގެއްލިއްޖެ އެވެ. އޭނާ ބުނީ ކައްޕި އެ މީހުން ދޫކޮށްލާފައި ނުދިޔަ ނަމަ ސަލާމަތްވީސް ކަމަށެވެ.
އޭނާ ދެން އެ ހިސާބުން ކިޔައިދިނީ ފެންނަމުން ދިޔަ އަލިކަން ހުރި ގޮތެވެ. އެ މީހުންނަށް ފެންނަނީ އެންޓަނާއެއްގައި އިން ބޮތްކަކާއި އޭގެ ތިރިން ނިވި ދިއްލޭ ރީނދޫ އައްޔަކާއި ހުދު އައްޔެކެވެ. އެ ހިސާބުން އެނގުނީ ތިބެވުނީ އދ. އަތޮޅުގައިކަމެވެ. އެއީ ކަނޑުވި ފަހުން އެއްވެސް އަލިކަމެއް އަދި އެއްޗެއް ފެނުނު ވަގުތެވެ. އަސަދުލް އިސްލާމް ބުނީ ދުވާލު ވެސް ރޭނގަނޑު ވެސް އެއްވެސް އުޅަނދެއް ނުފެންނަ ކަމަށާއި މަތިންދާބޯޓެއް ވެސް ނުފެންނަ ކަމަށެވެ.
ކަނޑުވެފައި ތިބި މީހުންގެ ފޯނަށް ގުޅުނަސް އެ މީހުންނަށް ލޮކޭޝަން ކިޔައިދޭން ނޭނގުމުނުންނާއި ފޯނުގެ ރޭންޖް ކެނޑޭތީ އެ މީހުން ހޯދުމުގެ މަސައްކަތަށް ވެސް ދަތިވި އެވެ. އަދި އެންމެ ފަހުން ފޯނުގެ ޗާޖު ގޮސް ފޯނު ނިވުނު އިރު އެ މީހުން ތިބި ކަމަށް ބުނީ އދ. މާމިގިލި ކައިރީގަ އެވެ. އޭރު އިރު އަރައިފި އެވެ. އަސަދުލް އިސްލާމް ބުނީ އެ ވަގުތު ކައިރިން ލޯންޗެއް ވެސް ދިޔަ ކަމަށާއި އެކަމަކު އެ މީހުންނަށް ހަނައަޅައިގެން ވެސް ނުފެނުނު ކަމަށެވެ.
ދެން އެ ހިސާބުން އެ މީހުން ނިންމީ ފެންނަން އޮތް ލަކްސް މޯލްޑިވްސް ރިސޯޓަށް އަރައި ފޯނުކޮށް އެ މީހުން ތިބި ތަން އަންގާށެވެ.
"ދެން މަޑުމަޑުން ޖަހާފައި އެ ދިމާލަށް ދަނިކޮށް ސީ އެމްބިއުލާންސް އައިސް އަހަރެމެން ނެގީ،" އެމްއެންޑީއެފުން ބުނި ގޮތުގައި އެއީ އިއްޔެ ހެނދުނު 6:50 ގަ އެވެ.
އަސަދުލް އިސްލާމް ބުނީ ކަނޑުން ނެގި އިރު ފައިގައި އަދި ގައިގައި ވެސް އެއްވެސް ވަރެއް ނެތް ކަމަށާއި ކޮޅަށް ވެސް ނުހުރެވުނު ކަމަށެވެ. އެކަމަކު މަހިބަދޫ ހެލްތު ސެންޓަރަށް ގެންގޮސް ފަރުވާދީ ދޫކޮށްލުމުން ނިދައި އަރާމު ކުރުމަށް ފަހު މިހާރު ހަމަޖެހިފައި ހުރި އަސަދުލް އިސްލާމް ބުންޏެވެ.