ނުދަންނަ މީހަކު ދަރިފުޅަށް ގާތުން ދީގެން މަންމަަ ރަތަށް
ނުދަންނަ މީހަކު ދަރިފުޅަށް ގާތުން ދީގެން މަންމަަ ރަތަށް

ހޮސްޕިޓަލްގައި ދެ ކުއްޖަކު އޮޅި، އޭނާގެ ދަރިފުޅަށް އެހެން މީހަކު ބުއް ދިނުމުން އެކަމާ ރުޅިއަައިސް މަންމައަކު ހޮސްޕިޓަލާ ދެކޮޅަށް ދައުވާކުރަން ނިންމައިފި އެވެ.

އެމެރިކާގެ ޓެމީ ވެން ޑައިކްގެ ފަރާތުން މައްސަލަ ހުށަހަޅަނީ އެބޮޓް ނޯތުވެސްޓަން ހޮސްޕިޓަލުގައި އެއްމާބަނޑު ދެ ކުދިން ވިހައިގެން ދެ ވަނައަށް ވީ ދުވަހު އެއް ދަރިފުޅު އޮޅިގެން ގެންގޮސް އެހެން މީހަކާ ހަވާލުކުރުމުންނެވެ.

ހޮސްޕިޓަލް މުވައްޒަފުންނަށް އޮޅިގެން ކޮޑީ ގެންގޮސް ދެވުނީ އެހެން އަންހެނެއްގެ އަތަށެވެ. ކޮން ކުއްޖެއްކަން އެނގޭ ގޮތަށް އަތުގައި އެއްޗެއް އަޅުވާފައި އޮތަސް އަންހެންމީހާ އަށް އެއީ އޭނާގެ ދަރި ނޫންކަން ނަގައެއް ނުގަނެވުނެވެ. އެހެންކަމުން ދަރިފުޅު ކަމަށް ހީކޮށް ބުއްޖެއްސި އެވެ.

ދައުވާގައި ޓެމީ ބުނީ އޭގެ ސަބަބުން ބޭނުމެއް ނެތް ފަރުވާތަކާއި ޓެސްޓްތަކަށް ޚަރަދުތަކެއް ކުރަން ޖެހުނު ކަމަށެވެ. އަދި އޭނާ އަށް ނަފްސާނީ ގެއްލުންތަކެއް ލިބި ވޭނާއި ތުރާ ވެސް އުފުލަން ޖެހުނު ކަމަށް ބުންޏެވެ.

މި އޮޅުން އެރި ދުވަހުން ފެށިގެން އެތައް ދުވަހެއް ވަންދެން އެ ކުއްޖާ އާއި އޭނާ އަށް ގާތުން ދިން މީހާގެ އެތައް ޓެސްޓެއް ހެދި އެވެ. އެއީ އެޗްއައިވީ އާއި ހެޕަޓައިޓިސް ކަހަލަ އެއްވެސް ބައްޔެއްގެ އަސަރު ހުރިތޯ ޗެކްކުރުމަށެވެ.

ހޮސްޕިޓަލުގެ ފަރުވާކުޑަކަމުން ދިމާވި އެ ހާދިސާގެ ބަދަލެއްގެ ގޮތުން 50،000 ޑޮލަރު ހޯދަން ޓެމީ ވަނީ ކޯޓުގައި އެދިފަ އެވެ.

މިކަން ހިނގައިގެން އުޅުނު ދުވަސްވަރު ޓެމީ ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ މިލިއަން އަހަރުން އެއް ފަހަރު ވެސް އެފަދަ ކަމެއް ހިނގާފާނެ ކަމަށް ގަބޫލުކުރަން ދަތި ކަމަށެވެ.

އެކަން ދިމާވީ އެތަނުގެ ކުށަކުން ކަން ހޮސްޕިޓަލުން ވަނީ އެއްބަސްވެފަ އެވެ. އަދި އަލަށް އުފަންވާ ކުދިން މައިންނާ ހަވާލުކުރުމުގައި ކުރިން ގެންގުޅުނު އުސޫލުތައް ވެސް މިހާރު ވަނީ ބަދަލުކޮށްފަ އެވެ.

މިހާރު ބޭނުންކުރަނީ ހައި-ޓެކް އައިޑެންޓިފިކޭޝަން ބޭންޑެކެވެ. އުފަންވާ ކޮންމެ ކުއްޖެއްގެ އާއި އޭނާގެ މަންމަގެ އަތުގައި އެ ބޭންޑް އަޅުވަ އެވެ. މި ދެ ބޭންޑްގެ އައިޑެންޓިފިކޭޝަން މެޗުވުމުން ނޫނީ އެއްވެސް މީހަކާ ކުއްޖާ ހަވާލެއް ނުކުރާނެ އެވެ.