05 ޖެނުއަރީ 2022 - 15:31

އެހެން ބަޔަކަށް ނުކުރެވި އޮތް ކަމެއް ކުރާތަން ފެނުމަކީ ހިތް އެދޭނެ ކަމެއް ނޫން ކަމަށާއި މި ސަރުކާރުގެ ތަރައްގީ އަމާޒުކޮށްފައިވަނީ ސީދާ ރައްޔިތުންނަށް ފައިދާ ވާނެ ގޮތަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ނ. ހޮޅުދޫގެ އާ އިންޖީނުގެ ހުޅުވައިދެއްވުމަށްފަހު އެ މަނިކުފާނު ވިދާޅުވީ އެންމެންނަށް ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމާއި ރަށުގައި ތިބެގެން ނުވަތަ ކައިރި ހިސާބުން ސިއްހީ ފަރުވާ އާއި ރަށުގައި ތިބެގެން ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުމަކީ މި ސަރުކާރުން ވައުދުވި ކަންކަން ކަމަށެވެ. އަސާސީ މި ކަންކަމަކީ ސަރުކާރެއް ހިންގާނަމަ އެއީ ރައްޔިތުންނަށް ފޯރުކޮށްދިނުން ލާޒިމް ކަންތައްތައް ނަމަވެސް މި ވެރިކަމާ ހަމައަށް އެކަން އޮތީ ފުރިހަމަ ނުވެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ވެރިކަމަށް އައި އިރު ފެނާއި ނަރުދަމާ ގާއިމްކޮށްފައިވާ މިންވަރު 20 ޕަސެންޓަށް ނާރާ ކަމަށާއި ކަރަންޓުގެ ހާލަތު ވެސް އޮތީ ވަރަށް ދަށުގައި ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް، މިދިޔަ މަސް ނިމުނުއިރު ފެނާއި ނަރުދަނާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ހަވާލުނުކުރާ އެންމެ ރަށެއް ވެސް ނެތް ކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
"އެ ބަޔަކަށް ނުކުރެވި އޮތް ކަމެއް ކުރާތަން ދެކުމަކީ ހިތް އެދޭނެ ކަމެއް ނޫން. އެ ބޭފުޅުންގެ ތަރައްގީއާ އަޅުގަނޑުމެންގެ ތަރައްގީގެ މިސްރާބު ތަފާތު. އަޅުގަނޑުމެންގެ ތަރައްގީ އަމާޒުކޮށްފައި ހުރީ ރައްޔިތުންނަށް. ސީދާ ރައްޔިތު މީހާއަށް. ވަކިވަކި ފަރުދުންނަށް ދޭންޖެހޭ ހިދުމަތްތައް، ފުރަތަމަ އަސާސީ ހިދުމަތްތައް ދިނުމަށް. މި ވިސްނުމުގައި ލާމަރުކަޒީ ނިޒާމްގެ ދަށުން ރަށްތައް ތަރައްގީކުރަމުން މި ގެންދަނީ،" ރައީސް ވިދާޅުވި އެވެ.
ރަށްރަށުގެ އިންޖީނުގެތައް ހަދާއިރު އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަކީ ސަރުކާރުގެ ވިސްނުމެވެ. އެކަން ކާމިޔާބުކުރަން ގިނަ މަސައްކަތްތަކެއް އެބަކުރެ އެވެ. ރައީސް ވިދާޅުވީ 16 މެގަވޮޓްގެ ސޯލާ އެނާޖީން 20 މެގަވޮޓަށް އިތުރުކޮށްފައިވާ ކަމަށެވެ.
މި ވެރިކަން ނިމޭއިރު އެ އަދަދު 50 މެގަވޮޓަށް އިތުރުކޮށް، ސަރުކާރުން އަމާޒު ހިފާފައިވަނީ، ރައީސް ވިދާޅުވި ގޮތުގައި، 2030 ވަނަ އަހަރު އަންނަން ވާއިރަށް ރާއްޖެ ނެޓްޒީރޯއަށް ގެންދިއުމެވެ.
މީގެ ތިން އަހަރުކުރިން ހޮޅުދުއަށް ކުރި ޒިޔާރަތުގައި އެ ރަށުގެ އާއްމުން ފުރަތަމަ އެދުނު ކަމަކީ މިސްކިތެއް އަޅައިދިނުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ މިސްކިތުގެ މަސައްކަތްތައް މިދިޔަ އަހަރު ވަނީ ނިންމާފައި ކަމަށެވެ. އާއްމުން ދެން އެދުނީ ބަނދަރުގެ ދަތިކަން ހައްލުކޮށްދިނުމަށެވެ. އެ މަސައްކަތް ހައްލުކުރުމަށް މި އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ފެނަކައިގެ ކެޕޭސިޓީގައި ހުރީ 70 މެގަވޮޓެވެ. މިހާރު ރަށްރަށަށް 140 މެގަވޮޓްގެ ކަރަންޓު ފޯރުކޮށްދީ، ސަތޭކައަށްވުރެ ގިނަ ރަށުގެ ކޭބަލް އަޕްގްރޭޑުކޮށްފައިވެ އެވެ.
ރައީސް ވިދާޅުވި ގޮތުގައި 39 ރަށެއްގެ އިންޖީނުގެ ނިންމައި، މިހާރު ވެސް 33 ރަށެއްގެ އިންޖީނުގޭގެ އަމަލީ މަސައްކަތް އެބަދެ އެވެ. އާ އިންޖީނުގެ އެޅުމުގެ 70 ޕްރޮޖެކްޓު އަދި 14 ރަށުގައި އާ އިންޖީނުގެ އެޅުމުގެ ޕްލޭން ކުރިއަށް އެބަގެންދެ އެވެ.
ރަށްރަށުގައި ރޯދަ މަހު ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެ، ބައެއް ރަށްރަށުގައި އިންޖީނުގެ ބަދަލުކުރަންޖެހެ އެވެ. އޭރު އެންމެ ގިނަ ފޯން ކޯލް އަންނަ ކަމަކީ، ރައީސް ވިދާޅުވި ގޮތުގައި، އިންޖީނުގޭގެ ޝަކުވާތަކެވެ.
ނަމަވެސް ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި އެފަދަ އެއްވެސް ޝަކުވާއެއް އައިސްފައިނުވާކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ރަށްރަށަށް އަޅުގަނޑުމެން ދިއުމުން އެކަން ފާހަގަވޭ. ރައްޔިތުން އެކަން ގަބޫލުކުރޭ ފެނަކައިގެ ހިދުމަތް،" ރައީސް ވިދާޅުވި އެވެ.