ޗައިނާގެ އެންމެ ދިގު ބިންގަރާސް ހައިވޭ ހުޅުވައިފި
ޗައިނާގެ އެންމެ ދިގު ބިންގަރާސް ހައިވޭ ހުޅުވައިފި

ފެނު އަޑީގައި ޗައިނާ އިން މިހާތަނަށް ހެދި އެންމެ ދިގު ބިންގަރާސް ހައިވޭ އިއްޔެ އާންމު ދަތުރުފަތުރުތަކަށް ހުޅުވާލައިފި އެވެ.

ޖިއަންގްސޫ ޕްރޮވިންސްގައި އޮންނަ ޓައިހޫ ކުޅީގެ އަޑިން ހެދި މި ބިންގަރާސް ހައިވޭގެ ދިގުމިނުގައި 10.79 ކިލޯމީޓަރު (6.65 މޭލު) ހުރެ އެވެ. ޗައިނާ ސަރުކާރުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ޓައިހޫ ބިންގަރާސް ހައިވޭ ބިނާކުރުމުގެ މަސައްކަތް ފެށީ ޖެނުއަރީ 9، 2018ގަ އެވެ.

މަސައްކަތް ފެށިތާ ހަތަރު އަހަރު ވާން ކައިރިވެފައިވަނިކޮށް އާންމު ދަތުރުފަތުރަށް މި ބިންގަރާސް މަގު ހުޅުވައިލި އިރު، މުޅި މަޝްރޫއަށް 9.9 ބިލިއަން ޔުއާން (1.56 ބިލިއަން ޑޮލަރު) ހަރަދުވި ކަމަށް ޗައިނާ ސަރުކާރުން ބުނެ އެވެ.

ދެ ކޮޅަށް ދަތުރުކުރެވޭ ގޮތަށް ކޮންމެ ފަރާތެއްގައި ތިން ލޭން ހިމަނައިގެން ހެދި މި ބިންގަރާސް ހައިވޭ ހެދުމަށް ދެ މިލިއަން ކޮޑި މީޓަރުގެ ސިމެންތި ބޭނުންކޮށްފައިވެ އެވެ. މި ބިންގަރާސް މަގުގެ ފުޅާމިނުގައި 17.45 މީޓަރު (57.25 ފޫޓު) ހުރެ އެވެ. އުޅަނދުތައް ދުއްވާ މީހުންނަށް ފަސޭހައަކަށް، ބިންގަރާސް މަގުގެ ސީލިންގް ހުރީ ލެޑް ބޮކިން ދިއްލައިފަ އެވެ.

އިއްޔެ ހުޅުވައިލި މި ބިންގަރާސް ހައިވޭއަކީ، ޖިއަންގްސޫ ޕްރޮވިންސްގެ ވެރިރަށް ނަންޖިންގް އާއި ޝަންހާއީއާ ދެމެދު ގާއިމުކޮށް، މިދިޔަ ޑިސެމްބަރު 30 ވަނަ ދުވަހު އާންމު ދަތުރުތަކަށް ހުޅުވައިލި، 43.9 ކިލޯމީޓަރު ދިގުމިނުގެ ހައިވޭގެ އެއް ބައެވެ.

މި ހައިވޭ އާންމުންނަށް ހުޅުވައިލުމުން، ޔަންގްޒީ ކޯރުގެ ސަރަހައްދުގައި މިހާރު ހިންގާ ތަރައްގީގެ މަޝްރޫއުތަކާ ގުޅިގެން އެ ސަރަހައްދުގެ މަގުތަކަށް ކުރިމަތިވާ ކާރުބާރު، މިހާރަށް ވުރެ އެތައް ގުނައެއް ކުޑަވެގެންދާނެ އެވެ.

ދުނިޔޭގައި، ފެނުގެ އަޑިން މިހާތަނަށް ހަދާފައިވާ އެންމެ ދިގު ބިންގަރާސް ހައިވޭއަކީ، ނޯވޭގައި ހަދާފައިވާ 14.3 ކިލޯމީޓަރުގެ ހައިވޭ އެވެ. ދެ ވަނަ އަށް އެންމެ ދިގު ބިންގަރާސް ހައިވޭއަކީ، ޖަޕާންގެ ޓޯކިޔޯގައި އޮންނަ 9.6 ކިލޯމީޓަރުގެ ހައިވޭ އެވެ.

ނަމަވެސް ދުނިޔޭގައި މިހާތަނަށް ހަދާފައި އޮތް އެންމެ ދިގު ބިންގަރާސް މަގަކީ، އިނގިރޭސި ވިލާތާއި ފަރަންސޭސި ވިލާތާ ދެމެދު ކަނޑު އަޑިން ގާއިމުކޮށްފައިވާ ޗެނަލް ޓަނެލް އެވެ. ރޭލު ދަތުރުތަކަށް އެކަނި އޮންނަ މި މަގުގެ ދިގުމިނަކީ 50.46 ކިލޯމީޓަރެވެ. މި ހައިވޭގެ ކަނޑު އަޑީގައި އޮންނަ ބައިގެ ދިގުމިނުގައި 37.9 ކިލޯމީޓަރު ހުރެ އެވެ.