ހިތަދޫ މިސްކިތެއްގައި ދިރިއުޅުނު މީހާ ކޮވިޑްގައި ނިއާވެއްޖެ
ހިތަދޫ މިސްކިތެއްގައި ދިރިއުޅުނު މީހާ ކޮވިޑްގައި ނިއާވެއްޖެ

ގެދޮރުނެތި އަޅާލާނެ މީހަކު ނެތުމުގެ ސަބަބުން އައްޑޫ ހިތަދޫގެ މަސްޖިދުލް އިކްރާމްގެ (ފަޒާ މިސްކިތް) ބޭރުގައި ކުނާ އަޅައިގެން ނިދަމުން އައި ތުއްތުދީދީ ކޮވިޑް-19 ގައި ނިއާވެއްޖެ އެވެ.

އުމުރުން 83 އަހަރުގެ ތުއްތުދީދީ އިއްޔެ ނިއާވީ ކޮވިޑް ޖެހިގެން، އައްޑޫގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށެވެ. އެއީ ރާއްޖެއިން ކޮވިޑްގައި ނިއާވި 263 ވަނަ މީހާ އެވެ.

ތުއްތުދީދީގެ ދޮންދަރިއަކު، "މިހާރު" އަށް ބުނި ގޮތުގައި ތުއްތުދީދީ ނިއާވީ ޑޮކްޓަރަށް ދައްކަން ކަމަށް ބުނެ މިދިޔަ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ރޭ ފުލުހުން ގޮސް ތުއްތުދީދީ މިސްކިތުން ގެންދިޔަ ފަހުންނެވެ.

"އަޅުގަނޑު އަތްލިއިރަކު ހުމެއް ނެތް. އެތަނަށް އައި ފުލުހުން ގެންދިޔައީ ޑޮކްޓަރަށް ދައްކާށޭ ކިޔާފައި. ބޭބެ [ތުއްތުދީދީ] ވަރަށް ނުދާންވެގެން އުޅުނު. އެ މީހުން ގެންދިޔަ ފަހުން ކޮވިޑަށް ޕޮޒިޓިވްވީ،"

އޭނާ ބުނީ ތުއްތުދީދީ ނިއާވިކަން ވެސް އެނގުނީ ތުންތުންމަތިން އެ އަޑު އިވިގެން ހޮސްޕިޓަލަށް ގުޅުމުން ކަމަށާއި އޭގެ ކުރިން އެކަން ނާންގާ ކަމަށް ވެސް ބުންޏެވެ.

"އަޅުގަނޑު މީ ކާއެތި ކޮޅު ވެސް ދިއްކޮށްލަމުން އައި މީހާ. އަޅުގަނޑަށް ވެސް މީހުން ކިޔާތީ އިވިގެން ގުޅީމަ އެނގުނީ،" މީގެ 33 އަހަރު ކުރިން ތުއްތު ދީދީ އިން މީހަކު އެހެން މީހަކާ އިނދެގެން ލިބުނު އެ ފިރިހެން މީހާ ބުންޏެވެ.

އޭނާ ބުނީ ތުއްތުދީދީ ނިއާވިކަން އޭނާގެ ހުރި ހަމައެކަނި ދަރިފުޅަށް ވެސް އެންގިކަން ޔަގީން ނުވާ ކަމަށެވެ.

ތުއްތުދީދީގެ ހުންނަ ހަމައެކަނި ދަރިފުޅު މަސްތުވާތަކެތީގެ ވަބާގައި ޖެހި އުޅެމުން ދަނީ އެކި ތަންތަނުގަ އެވެ. އޭނާ މިހާރު ވީ ތަނެއް ވެސް ނޭނގެ އެވެ.

އެހެންވެ، ތުއްތުދީދީއަށް ކާންދީ އޭނާގެ އަންނައުނު ދޮވުމުގެ ކަންކަން ބަލަހައްޓަމުން އައީ އޭނާގެ ދޮންދަރި އެވެ. ގާތްގަނޑަކަށް މުޅި ދުވަސް ތުއްތުދީދީ މިސްކިތުގައި ހޭދަކުރާއިރު އެކަނިވެފައި އިންނަން ޖެހޭތީ އަބަދުވެސް އިންނަނީ ގުރުއާން ކިޔެވުމުގަ އެވެ.

ތުއްތުދީދީ ބުނެފައިވާ ގޮތުގައި އޭނާ މިސްކިތުގައި ނިދައި، ކައިބޮއެ ހެދުމުގެ އިތުރުން އެތަނުން ފެންވަރައިގެން އުޅެމުން އަންނަތާ ދިހަ ވަރަކަށް އަހަރުވެދާނެ އެވެ.