ކަޅު ސަފުހާ
ކަޅު ސަފުހާ

އާދިއްތަ ދުވަހާ ގުޅޭ

"އޭގެ ބޭނުންކޮށްފިއްޔާ އަޒްރާ ސަލާމަތްވާނެކަމަށް ލިޔުއްވާފައެއް ނެތް؟" މޭޒުމަތީގައި މަޑުމަޑުން ޖަހައިލައިފައި މަތީން ބުންޏެވެ.

"ތިއެއް ވެސް ނޭނގެ!" އިރުކޮޅަކު ވިސްނަން އިނދެލައިފައި އަޒްރާ ބުންޏެވެ.

"ތި ވިސްނީ ރަނގަޅަށް. މިހާރު އަހަރުމެންގެ ޗެނަލު އެބަ ދިމާވޭ!" މަޑުމަޑުން ބޯޖަހައިލަމުން މަތީން ބުންޏެވެ. "އެކަމަކު، ކުރީ ބައިގަ އަހަރެން އެބަ ޖެހޭ ވާހަކައެއް ބުނަން. މިހާ ހިސާބަށް ދެކެވުނު ވާހަކަތަކުން އަހަންނަށް ހީވަނީ، ތި ކަމުގެ އެންމެ އަޑިޔާ ހަމައަށް ދެވޭ އިރު، ވަރަށް އެހެން ކަހަލަ ސިއްރުތަކެއް ބޭޒާރުވެދާނެހެން. އަހަރެން ކިޔަވަން ފެށީމަ އަޒްރާގެ ދުލުން އެ ހުރިހާ ވާހަކައެއް ކިޔައިދޭނީ. އެ ވާހަކަތައް އަޑުއަހަން ނައުޝާދަށް ވަރަށް އުނދަގޫ ވެސް ވެދާނެ. އޯކޭތަ؟"

ނައުޝާދަށް ވިސްނުނީ އެންމެ ނުބައި ގޮތަށެވެ. އެހެންކަމުން، ޝައްކުގެ ނަޒަރަކުން އަޒްރާޔާ ދިމާއަށް ނައުޝާދު ބަލައިލިއެވެ. އަޒްރާ ގަސްތުގައި ނައުޝާދާ ހަތަރުކަޅި ހަމަނުކުރީއެވެ. އަމިއްލަ ކަންބޮޑުވުން ނައުޝާދަށް ނުދެއްކުމަށް ޓަކައެވެ. ފޮރުވަންޖެހޭ ސިއްރުގެ ބޮޑުކަން އަޒްރާއަށް ވިސްނެއެވެ.

"ކޮބާ ތީގެ މާނައަކީ؟" އަޒްރާ އެހިއެވެ.

"މާނަ އެނގޭނީ އެ ހިސާބަށް ދިޔައިމަތާ! އަޒްރާއަށް މިހާރު ތި ވާ ގޮތާ، ކުރިން ހިނގާފަ ހުރި ކަންކަމަށް ވިސްނާލީމަ އަހަންނަށް ފެންނަނީ ރަތް ބޮތްކެއް ނިވިދިއްލޭ ތަން،" ސިއްރު ހާމަނުކޮށް އަޒްރާއަށް ވިސްނައިދޭން މަތީން މަސައްކަތްކުރިއެވެ. "އަޒްރާ ފަހުން ހިތަށްއަރާފާނެ އަހަންނާ ބައްދަލުނުވި ނަމައޭ."

އަޒްރާއަށް އެ ވާހަކަތައް ވެސް ގަބޫލުކުރެވެއެވެ. މަތީނާ ބައްދަލުކުރަން ގެއިން ނުކުންނަން އުޅުނު އިރު ދިމާވި ކަންތައްތަކަކުންނެވެ. އަޒްރާއަކީ ހުވަފަތެކެވެ. ކުރީ ކައިވެންޏަށް ދަރިޔަކު ވެސް ލިބުނެވެ. ދަރިފުޅުގެ އުމުރުން ފަސް އަހަރު ފުރިއްޖެއެވެ. ނައުޝާދާ އެކުގައި އަޒްރާ ނުކުންނަން އުޅުނު ގަޑީގައި ދަރިފުޅު ވަރަށް ރުޔެއެވެ. އަޒްރާ ދިޔަ ނުދޭން އޭނައަށް ކުރެވުނު ހުރިހައި މަސައްކަތެއް ކުރިއެވެ. އެކުއެކީގައި، އަަޒްރާގެ ސިކުނޑި ވެސް އަޒްރާއަށް އިންޒާރުދެމުން ގެންދިޔައެވެ. މަތީނާ ބައްދަލުނުކުރުމަށް އެދުނެވެ. ބައްދަލުކޮށްފިއްޔާ އަޒްރާ އެކަނިވެދާނެކަމާއި، އަމިއްލަައަށް މަރުވާންޖެހިދާނޭ ވެސް ހިތަށްއެރިއެވެ. އެއީ މީހަކު ބުނި އެއްޗެއް ނޫނެވެ. އަޒްރާ ހިތަށްއެރި އެއްޗެކެވެ. އެ ވާހަކަތައް ވެސް އަޒްރާ ކިޔައިދިނެވެ.

"ތި ކަހަލަ ވަރަށް ބައިވަރު ވާހަކަތައް އަދިވެސް އަޒްރާ ކިޔައިދޭނެ. އަސްލު އަޒްރާއެއް ނޫން ކިޔައިދޭނީ. ކިޔައިދޭން އޭނައަށް މަޖުބޫރުކުރާނީ އަހަރެން،" މޭގައި އިނގިލި ޖައްސައިލައިފައި މަތީން ބުންޏެވެ. "ފަހަރެއްގަ ތި ދެ މީހުން މައްސަލަ ވެސް ޖެހިދާނެ. އަހަރެން ޖެހޭ މި ހުރިހާ އިންޒާރެއް ދޭން. އަޒްރާ އެ ހުރިހާ ޒިންމާއެއް ނަގާފަ ކިޔައިދޭން ޖެހޭނީ. ރުޤްޔާކުރަން އަންނަ އިރު، ކައިވެނި ހެޔޮނުވާ ފިރިހެނަކު ވެސް ބޭނުންވާނެ."

އަޒްރާ އެތައް އިރަކު ވިސްނައިފައި އެއްބަސްވިއެވެ. އެއްބަސްވެވުނީ ކިހާ ބޮޑު ކަމަކަށްކަމެއް އަޒްރާއަކަށް އޭރަކު ނޭނގެއެވެ. ޖިންނިސައިތާނުން ވަސްވާސްލުމުން އޭގެ އަސަރުކުރާ މީހާއަށް ހީވާނީ އެއީ އޭނަ ހިތަށްއެރި އެއްޗެއްހެންނެވެ. އިންސާނާގެ މުޅި ދިރިއުޅުން ޖިންނިން ކޮންޓުރޯލުކުރާ ގޮތަކީ އެއީ ކަމެއް އަޒްރާއަކަށް ނޭނގެއެވެ.

ދުވަހަކާއި ތަނެއް ހަމަޖައްސައިފައި އަޒްރާ ގެއަށް އައެވެ. އޭރު ވެސް ހިތަށްއެރިއެވެ. އަހަރެން އެއްބަސްވީ ކީއްކުރަން ހެއްޔެވެ؟ ގެއަށް ވަދެފައި ހިޔާލު ބަދަލުވިއެވެ. ރުގުޔާ ކެންސަލުކުރަން ނައުޝާދު ގާތުގައި ބުންޏެވެ. ނައުޝާދު ވަގުތުން މަތީނަށް ގުޅިއެވެ. ނޫނެކެވެ. ނައުޝާދެއް ނުގުޅައެވެ. އެއީ އަޒްރާގެ ލޯމައްޗަށް ނައުޝާދު ދެއްކި ދަޅައެކެވެ. އަޒްރާ ހިތަށްއެރިއެވެ. ނައުޝާދު ބިރުގަންނަވައިލަންވީއެވެ.

"އަހަރުމެންގެ ސީކްރެޓެއް އަހަންނަށް ކިޔައިދެވިއްޖެއްޔާ ކިހާ ކަޑަވާނެ." އަޒްރާ ބުންޏެވެ.

"އޯކޭވާނެ." ނައުޝާދު ވަރަށް ހަމަޖެހިލައިފައި ބުންޏެވެ.

"ބޭބެ ވެސް އެ ތާ އިންނާނޭ!" އަޒްރާ ޗޮކެއްކަނޑައިފައި ބުންޏެވެ. "އަހަންނަށް އޯކޭއެއް ނުވާނެއްނު!"

"ބޭބެ ގާތުގަ ބުނާނީ ކަންފަތަށް ހެޑްފޯނު ޖަހައިގެން އިންނާށޭ،" ނައުޝާދުގެ ވިސްނުން ބަދަލެއްނުވިއެވެ. "ދެން އެހެން ނޫނަސް އަހަރުމެން މެރީކުރަން ދޯ މި އުޅެނީ. އަހަރެން ފިލައި ރައްކާވަން އުޅޭ ނަމަތާ ބޭބެ ރަތަށްއަރާނީ. އޯކޭވާނެ. ދެން އަޒްރާ މާ ލަދުގަންނަންޏާ އަހަރެން ބަހައްޓާފަ ބޭބެޔާ އެއްކޮށް ދޭ!"

ބޮޑުބައްދަލުވުން ބާއްވަން ހަމަޖެއްސީ މާލޭގައެވެ. ރޭގަނޑު ނުވައެއްޖެހާ އިރު މަތީންގެ ގޭގައެވެ. ޖަލީލާ އެކުގައި އަޒްރާ އައީ ނައުޝާދު ވެސް ގޮވައިގެންނެވެ. ކިޔަވަން ފެށުމުގެ ކުރިން ވެސް، ކުރީ ރޭ ދެކެވުނު ވާހަކައާއި، ގާތުގައި އެއްބަނޑުއެއްބަފާ ބޭބެ އިންކަން މަތީން ހަނދާންކޮށްދިނެވެ. އަޒްރާ އެ ވާހަކަ ކުރިން ބުނެފައި އޮތުމުން، އެ ފަހަރު މަތީނަށް ރުހުންދިނީ ޖަލީލެވެ. އެ ހިސާބުން މަތީންގެ މަސައްކަތް ފެށިއެވެ.

ރުގުޔާ ފެށީ ވަރަށް އާދައިގެ ގޮތަކަށެވެ. އަޒްރާ އޮތީ އެނދުގައި އޮށޯވެގެންނެވެ. އެނދުގައި އިށީނދެގެން އެންމެ ކައިރީގައި އިނީ ޖަލީލެވެ. މަތީން އިނީ އެނދު ކައިރީގައި ހުރި ގޮނޑިއެއްގައި އިށީނދެގެންނެވެ. ނައުޝާދު ހުރީ އެނދު ކައިރީގައި ކޮޅަށެވެ. ކަރާ ހަމައަށް ފޮތިގަނޑެއް އަޅައިގެން އޮތް އަޒްރާ ލޯމަރައިލައިގެން އޮތެވެ. ފެންޖަހާ، ފިތާފުޅިއެއް މަތީން އަތްފޯރާ ފަށުގައި ހުއްޓެވެ. ފުރަތަމަ ދިހަ މިނެޓުގައި އަޒްރާގެ ފަރާތުން އެއްވެސް އަލާމާތެއް ނުފެނެއެވެ. އެކަމަކު ތޭރަވަނަ މިނެޓުގައި، ކުއްލިއަކަށް މުޅި މަންޒަރު ބަދަލުވެގެންދިޔައެވެ. އަޒްރާ ހޭން ފެށިއެވެ. އެއީ މަތީން އުންމީދުކުރި ގޮތެވެ. މަތީން ހައިރާންވީ ޖަލީލު މަޑުމަޑުން ކޮޅުކޮޅަށް ހެލެން ފެށީމައެވެ. އޭނަ ގައިކަހަން ފެށީމައެވެ. އެއް ފައި ތަޅުވަން ފެށީމައެވެ. ރުގުޔާކުރާ ތަނުގައި ޖިންނިއަވަލަވައިފައިވާ މީހަކު ހުރި ނަމަ، ކިޔަވާ އަޑުއިވުމުން އޭނަ އެ ފަދަ ހަރަކާތްތައް ކުރާނެއެވެ. އެއް ގޮތަކީ، ބަލިމީހާޔާ ގުޅުމެއް އޮތުމެވެ. އަނެއް ގޮތަކީ، އެއްވެސް ގުޅުމެއް ނެތުމެވެ. ހަށިގަނޑަށް އަންނަ ބަދަލުތަކުން ހުދު ޖަލީލު ވެސް ހުރީ ހައިރާންވެފައެވެ. ކިޔެވި ވަރަކަށް ޖަލީލުގެ ހާލަތު ދިޔައީ ގޯސްވަމުންނެވެ. އެންމެ ފަހުން މަތީނަށް ޖެހުނީ ކިޔެވުން ހުއްޓައިލާށެވެ. ހަމަ ހުއްޓައިލުމާ އެކު ޖަލީލުގެ ހަރަކާތްތައް ވެސް ހުއްޓުނެވެ.

"ޖަލީލަކަށްނު ފުރަތަމަ ކިޔަވަންވީ؟" މަތީން ބުންޏެވެ. "އެންމެ ކަމެއް ނޫނެއްނު ތި އުޅެނީ."

"އަހަންނަށް ވެސް ކިރިޔާ ހޮޑުނުލެވުނީ،" ލޯ ހުޅުވައިލައިފައި އަޒްރާ ބުންޏެވެ. "ފާޑަކަށް ބޮލުގަ ރިއްސާފަ، މޭނުބައިކުރަން ފެށީ. ހަމަ ކިރިޔާ ހޮޑުނުލެވުނީ."

މަންޒަރު ފުސްވުމާއި، ކަންފަތް ބައްވުން ވެސް އެއީ އަޒްރާއަށް އެ ރޭ ދިމާވި ކަމެކެވެ. އެ ކަން ރަނގަޅުވީ މަތީން ކިޔެވުން ހުއްޓައިލިތާ ވެސް އެތައް އިރެއް ފަހުންނެވެ. މަތީން ބޭނުންވީ، ކުރިޔަށް ގެންދަންވީ ގޮތް އަލުން ރާވާށެވެ. ކިޔަވަން އިތުރު މީހަކު ވެސް ގެންނާށެވެ. ބޭނުންވި ހިސާބަށް އެ ރޭ ނުގެންދެވުމަކީ މަތީން ކަންބޮޑުވި ކަމެކެވެ. އޭގެ ނަތީޖާ ރަނގަޅެއް ނުވާނެއެވެ. ފަހަރެއްގައި އަޒްރާއަށް ރައްދެއް އަތުވެދާނެއެވެ.

"އަހަންނަކަށް ނުފެނޭ އަޒްރާ ވެސް ޖަލީލު ވެސް މިރޭ ކަނޑުމައްޗަށް އަރާކަށް،" މަތީން ބުންޏެވެ. "ތިބޭނެ ތަނެއް ނެތިއްޔާ މި ގޭގަ މަޑުކުރިޔަސް އޯކޭ. މި ތަން ވަރަށް ރައްކާތެރިވާނެ. އުޑުފެންނަ ހިސާބަކަށް ނުކުމެއްޖެއްޔާ ފަހަރެއްގަ ލޮޓިއެއް ދީފާނެ."

އެކަކު ވެސް އައީ އެ ކަމަށް ތައްޔާރުވެގެނެއް ނޫނެވެ. ތިބޭނެ އެހެން ތަނެއް މާލެއަކު ނެތެވެ. އެ މީހުން ބޭނުންވީ، ކޮންމެ ގޮތެއް ވިޔަސް ހުޅުމާލެއަށް ދާށެވެ. ވިސްނައިދޭން ނައުޝާދު ކުރި މަސައްކަތްވީ ބޭކާރެވެ. އެންމެ ފަހުން މާތް ކަލާނގެއާ ވަކީލުކޮށްފައި އެ މީހުން މަތީންގެ ގެއިން ނުކުތެވެ. އެގާރައިގެ ފެރީއަށް އަރައިގެން ގެއާ ދިމާއަށް ދަތުރު ފެށިއެވެ. ވާނީ ކިހިނެއްކަން ނޭނގޭތީ އެއްވެސް ކަމަކަށް އެ މީހުން ތައްޔާރެއް ނޫނެވެ. ކަނޑު މަޑު، ފެރީގައި މީހުން މަދު ދަތުރެކެވެ. އާދަޔާ ހިލާފު އެއްވެސް ކަމެއް ފެރީތެރެއަކު ނެތެވެ. ނައުޝާދު އިރުއިރުކޮޅާ އުޑުމަތި ބަލައިލައެވެ. އެއީ މޫސުން ރީތި ރެޔެކެވެ. ބަލަބަލައި އިންދައި ހުޅުމާލޭގެ ނެރުން ފެރީ ވަނެވެ. ފާލަން ކައިރިއަށް މަޑުކުރިއެވެ.

ފުރަތަމަ ފޭބީ ނައުޝާދެވެ. އަޒްރާ ފައިބަން ދިޔަ އިރު ޖަލީލު ހުރީ ފަހަތުގައެވެ. ފާލަމަށް އަރަން އުޅެނިކޮށް އަޒްރާ ކުޑަކޮށް އަރިއަޅައިލިއެވެ. ޖަލީލަކަށް ހިފާއްޓާކަށް ނުވެސް ޖެހެއެވެ. ނައުޝާދު އަތުގައި ހިފައިގެން އަޒްރާ ފާލަމަށް އެރިއެވެ. އެ މީހުން ގެއަށް ދިޔައީ ހިނގައިފައެވެ. ފަޅުވެފައިވާ، އަލިކަން ކުޑަ މަގުތަކަކުންނެވެ. އަނެއްކާ ވެސް އަޒްރާ ކުޑަކޮށް އަރިއަޅައިލިއެވެ. އެންމެނަށް ވެސް ހީކުރެވުނީ ކޮންމެވެސް އެއްޗެއްގައި އަޅައިގަތީކަމަށެވެ. އެ ފަހަރު ވެސް އަޒްރާއެއް ނުވެއްޓެއެވެ. އެކަމަކު ގޭގެ ހަތަރު ފާރުން އެތެރޭގައި ފައި އެޅުމާއެކު އަޒްރާ ހޭނެތިގެން ވެއްޓުނެވެ. ނައުޝާދާއި ޖަލީލު ވަގުތުން އަޒްރާ ނަގައިގަނެގެން ގެއަށް ވެއްދިއެވެ. އަޒްރާގެ މޫނުގައި ޖަލީލު ފެންއުނގުޅަން ފެށިއެވެ. ގޭގެ އެހެން މީހުން ތިބީ ނިދައި ހަރުވެފައެވެ. އޭރު އެގާރަގަޑި ބައިވަނީއެވެ. ނައުޝާދު އަވަސްއަވަހަށް މަތީނަށް ގުޅިއެވެ.

"އަޒްރާ ވެއްޓިއްޖެ!" ވަރަށް ހާސްވެފައި ނައުޝާދު ބުންޏެވެ. "ހަމަ ނުލާހިކު ސަޅިކޮށް ހުޅުމާލެއަށް މި އައީ. އެއްވެސް ކަމެއް ދިމައެއް ނުވޭ! އެކަމަކު ގެއަށް ކިރިޔާ ވަދެވުނީ. ވެއްޓިއްޖެ!"

"މިހާރު ކޮބާ؟" މަތީން ސުވާލުކުރިއެވެ.

"ބޭބެ އެބަ ފެންހާކާ! އެކަމަކު އަދި ހެޔެއްނާރާ!" ނައުޝާދު ޖަވާބުދިނެވެ.

"ރީތިކޮށް ތަނެއްގަ ބާއްވާ! އިތުރުކަމެއް ކުރާނެކަމެއް ނެތް." މަތީން ވަރަށް ހަމަޖެހިލައިފައި ބުންޏެވެ.

އަޒްރާގެ މޫނަށް ފެންބުރުއްސައި، ބޮލުގައި ފެންހާކަން ފެށިތާ އިރުކޮޅެއް ފަހުން އަޒްރާ ހޭއެރިއެވެ. އެކަމަކު ހަރަކާތެއް ނުކުރެއެވެ. ޖަލީލަށް ބަލަހައްޓައިގެން އޮތީއެވެ. އަޒްރާގެ މޫނަކު އެއްވެސް އިހުސާސެއް ނެތެވެ. އަޒްރާ ދުވަހަކު ވެސް ޖަލީލާ ދިމާއަކަށް އެހެނެއް ނުބަލައެވެ. އަޒްރާގެ ދެ ލޯ މަޑުމަޑުން ބޮޑުވާން ފެށިއެވެ. އެ ވަގުތު އަންހެނަކު ހަޅޭއްލަަވައިގަތް އަޑު އިވުނެވެ. ޔަގީނުން ވެސް ނައުޝާދާއި ޖަލީލަށް އެ އަޑު އިވުނެވެ. އަޒްރާއަށް އެ އަޑު އިވުނުހެނެއް ހިޔެއްނުވެއެވެ. އަޑު އައީ ހަލީމާ ކޮޓަރިންނެވެ. ހަލީމާއަކީ އަޒްރާގެ މަންމައެވެ. އަނެއްކާ ވެސް ހަމަ އެ އަޑު އިވުނެވެ.

ނުނިމޭ