މޭރީ މަރާލި ވަގުތު ދަރިފުޅު ގެންގުޅުނީ ލަމްހާ: ދައުވާ
މޭރީ މަރާލި ވަގުތު ދަރިފުޅު ގެންގުޅުނީ ލަމްހާ: ދައުވާ

އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕިންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް އޮނެޑް ޕިނެޑާ (މޭރީ) މަރާލި އޭނާގެ ފިރިމީހާ މާވިން އެސް.ވައި ވާގަސް ކަމަށާއި އެ އަމަލު ހިންގަން މަގު ފަހިކޮށްދިނުމުގެ ގޮތުން އެކަން ކުރި ވަގުތު މޭރީ އާއި މާވިންގެ ދަރިފުޅު ބެލެހެއްޓީ މާވިންގެ ލޯބިވެރިޔާ ހަލީމަތު ލަމްހާ ކަމަށް މި މައްސަލާގައި ކުރި ދައުވާތަކުގައި ބުނެފި އެވެ.

ދައުވާތަކުގެ ތަފްސީލެއް އަދި ރަސްމީ އެއްވެސް އިދާރާއަކުން ހާމަކޮށްފައި ނުވިޔަސް "މިހާރު" އަށް ވަނީ މިކަން ކަށަވަރުވެފަ އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 12:00 އާއި 12:49 އާ ދެމެދު މޭރީ މަރާލި ކަމުގެ ތުހުމަތުގައި އޭނާގެ ފިރިމީހާ މާވިންގެ މައްޗަށް، އެނގިހުރެ މީހަކު މެރުމުގެ ދައުވާކޮށްފައި ވާއިރު ލަމްހާގެ މައްޗަށް ވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ދައުވާ އަދި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ ކޮށްފަ އެވެ.

މި ދައުވާތަކުގައި ބުނެފައިވަނީ މާވިން މޭރީ މަރާލީ ބޮލަށާއި ކަރަން އަނިޔާދީ އަދި ނޭވާ ހާސްކޮށްގެން ކަމަށާއި މި އަނިޔާތައް ދިން ވަގުތު މޭރީ އާއި މާވިންގެ ދަރިފުޅު ހުރީ ލަމްހާގެ ބެލުމުގެ ދަށުގައި ލަމްހާގެ ގޭގައި ކަމަށެވެ. އަދި މޭރީ މަރާލުމާ އެކު ދަރިފުޅު ގެޔަށް ގެންދިޔަ ކަމަށާއި މޭރީ މަރުވީ ދަންޖެހިގެން ކަމަށް ދެއްކުމަށް ސީންއެއް ހަދަން ލަމްހާ އެހީވެފައިވާ ކަމަށެވެ.

މޭރީ ދަންޖެހިގެން މަރުވި ކަމަށް ބުނެ މާވިން ހޮސްޕިޓަލަށް ގުޅަނީ މޭރީ މަރާލި ގެއިން ލަމްހާ ނުކުންނަތާ މިނެޓެއްހާއިރު ފަހުން ކަމަށް ވެސް ދައުވާގައިވެ އެވެ.

ލަމްހާ އާއި މާވިންގެ ލޯބީގެ ގުޅުން ފަޅާއަރައި ލަމްހާ އާއި މޭރީއާ ދެމެދު ވެސް ވަނީ އެތައް ފަހަރަކު ދެބަސްވުންތައް ވެސް ހިނގައިފަ އެވެ. ދައުވާގައި ވެސް ބުނެފައިވަނީ މޭރީ އަށް ލަމްހާ އިންޒާރު ދީފައިވާ ކަމަށެވެ.

ލަމްހާ އަށް ކުރާ ދައުވާތަކުގައި ބުނެފައިވަނީ ލަމްހާ އުޅުނު ކޮޓަރި ފާސްކުރި އިރު، އޭނާ މަސައްކަތްކުރި އައިޖީއެމްއެޗްގެ ހުއްދަ ނެތި، ހޮސްޕިޓަލުން ބޭރަށް ގެންދިއުން މަނާ އަދި ހޮސްޕިޓަލުގެ ބޭނުމަށް އެކަނި ދޫކުރެވޭ އިންޖެކްޝަންތަކެއް ވެސް ފެނިފައިވާ ކަމަށެވެ. މި މައްސަލާގައި އޭނާ އަށް ވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާ ކޮށްފަ އެވެ.

މީގެ އިތުރުން، ހޮސްޕިޓަލް އަދި ފަރުވާދޭ މަރުކަޒުތަކުގެ ބޭނުމަށް އެކަނި ދޫކުރެވޭ ބާވަތުގެ ބޭސްތަކެއް ވެސް ފެނުނު ކަމަށް ދައުވާގައިވެ އެވެ. މިކަމާ ގުޅިގެން ކުރަނީ ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ އެވެ.