ރިޔާސީ އިންތިހާބު ބާތިލްކުރަން ޕީޕީއެމުން އަނެއްކާވެސް ކޯޓަށް ދަނީ
ރިޔާސީ އިންތިހާބު ބާތިލްކުރަން ޕީޕީއެމުން އަނެއްކާވެސް ކޯޓަށް ދަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ނާކާމިޔާބުވި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ބާތިލްކުރަން އިދިކޮޅު ފަރާތްތަކުން ކޯޓަށް ދާން އަނެއްކާވެސް ނިންމައިފި އެވެ.

ޕީޕީއެމް/ޕީއެންސީގެ ވަކީލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ ގާޒީ މުހައްމަދު ރާގިބު އަހުމަދު ވިދާޅުވީ ރިޔާސީ އިންތިހާބުގައި އޮޅުވާލުންތަކާއި ވޯޓު ބާތިލް ކުރެވޭނެ ގިނަ ކަންތައްތަކެއް ހުރުމުން އެ މައްސަލަތައް ކޯޓުތަކާއި އެންމެހާ މުއައްސަސާތަކަށް ހުށަހެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަލަށް ތިލަވެފައިވާ މައްސަލަތަކާއި ލީކުވި ކަމަށް ބުނާ ބަޔާންތަކަށް ބަލާއިރު ވޯޓު ބާތިލު ކުރެވޭ ކަންކަން އެބަހުރި ކަމަށް ރާގިބު ވިދާޅުވި އެވެ.

ސެޕްޓެމްބަރު 2018 ގައި ބޭއްވި ރިޔާސީ އިންތިހާބު ބާތިލްކުރަން އިންތިހާބުގެ ނާކާމިޔާބީއާ އެކު ވެސް ޕީޕީއެމުން ހުށަހެޅި އެވެ. އެ މައްސަލާގައި ހުކުމް ކުރީ އިންތިހާބުގެ ނަތީޖާއަށް ބަދަލު އަންނަ ވަރުގެ އެއްވެސް މައްސަލައެއްގެ ހެއްކެއް ނެތް ކަމަށާއި އެހެންވެ އިންތިހާބު ބާތިލްކުރަން ނުޖެހޭ ކަމަށެވެ.

"2013 ވަނަ އަހަރު ރިޔާސީ އިންތިހާބު ބާތިލު ކޮށްފައި ވަނީ ހަމައެކަނި ލިސްޓުގައި މަރުވެފައި ތިބި މީހުން ހިމަނާފައިވާތީ. އެއަށްވުރެ މާ ގިނަ ކަންތައްތަކެއް މީގެ ތެރޭގައި އެބަހުރި. އެހެންވީމަ އެކަންތައްތަކުގެ އަލީގައި ޝަރީއަތަށް ހުށަހަޅަން ގަސްތު ކުރަނީ،" އޭނާ ވިދާޅުވި އެވެ.

ކޯޓުގައި ފާހަގަކުރާނެ މަައިގަނޑު ކަންތައްތަކުގެ ތެރޭގައި ވޯޓުލީ މީހުންގެ އަދަދާއި ވޯޓު ފޮށީގައިވާ ކަރުދާސްތަކުގެ އަދަދު ދިމާ ނުވާ މައްސަލަ އާއި ކަރުދާސްތަކުގެ ފީޗާތައް ދިމާ ނުވެ، ފޭކު ވޯޓު ކަރުދާސްތަކެއް ހުރި މައްސަލަ ހިމެނޭ ކަމަށް ރާގިބު ވިދާޅުވި އެވެ.

"މިއީ ދިވެހި ރައްޔިތުންގެ ބޮޑު ނިންމުމެއް ބަދަލުކޮށް ބޮޑު ހައްގެއް ގެއްލިގެން ދިޔުމުގެ ސަބަބުން އެ ހައްގު ހޯދައި ދިނުމަށްޓަކައި އެންމެހާ މުއައްސަސާތަކަށް ހުށަހެޅުމަށް ނިންމަން،" ރާގިބު ވިދާޅުވި އެވެ.

ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނޭ އާދަމް އާސިފް ވިދާޅުވީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވޯޓު ކަރުދާސްތައް އަންދާނުލި ނަމަ އޭގައި ހިމެނޭ ތިން ސެކިއުރިޓީ ފީޗާއެއް މަދުކަން ޔަގީންކުރެވޭނެ ކަމަށާއި އޭގެ ތެރެއިން އެއްވެސް ވޯޓު ކަރުދާހެއްގައި އެ ސިފަތައް ނުހިމެނޭ ކަމަށެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ އާއި ދާއިމީ ނަތީޖާ އިއުލާންކޮށްފައި ވަނީ ވެސް ހުރިހާ ވޯޓު ފޮށިތަކެއް އިލެކްޝަން ސެންޓަރަށް ގެނައުމުގެ ކުރިން ކަމަށާއި އިތުރަށް ނަތީޖާ ކަށަވަރު ކުރުމަށް މަސައްކަތް ކޮށްފައި ނުވާ ކަމަށް ވެސް އާސިފް ވިދާޅުވި އެވެ.

"އެ ޝަކުވާތައް ހުށަހަޅަން އެތައް ބަޔަކު މަސައްކަތް ކުރަމުން ދިޔަ އިރު ވޯޓުލާން އޮތް ދުވަހުގެ ކުރީ ރޭ މައްސަލަ ހުށަހަޅަން ގާނޫނުން ލާޒިމް ކުރާ ކޮމްޕްލެއިންސް ބިއުރޯ ވުޖޫދުން ގެއްލުވާލި،" އާސިފް ވިދާޅުވި އެވެ.

ޕީޕީއެމުން އަންނަނީ ޔާމީން ނާކާމިޔާބުވި ދުވަހުން ފެށިގެން ވެސް ވޯޓު އޮޅުވައިލި ކަމަށް ތުހުމަތު ކުރަމުންނެވެ. އެ ވާހަކަތައް އަލުން ދައްކަން ފެށީ އިދިކޮޅު ލީޑަރު ޖަލުން މިނިވަންވުމާއެކުގަ އެވެ.

އީސީން ތަކުރާރުކޮށް ބުނަމުން ދަނީ އިންތިހާބުގައި އެއްވެސް އޮޅުވާލުމެއް ނެތް ކަމަށާއި އީސީ އަށް ތުހުމަތުކޮށް ދައްކާ ވާހަކަތަކުގައި އަސްލެއް ނެތް ކަމަށެވެ.