14 ޑިސެމްބަރ 2016 - 12:52

ނިއު ޔޯކް (ޑިސެމްބަރު 14) - ލެސް ވެގާސްގައި އޮތް އެއްވުމެއްގައި ފުލުސް އޮފިސަރެއްގެ ފިސްތޯލަ އަތުލުމަށް ފަހު ޑޮނަލްޑް ޓްރަމްޕަށް ހަމަލާ ދޭން އުޅުނު މީހާ 12 މަހާއި އެއް ދުވަހަށް ޖަލަށްލާން ހުކުމްކޮށްފި އެވެ.
ޓްރަމްޕް އަވަހާރަކޮށްލަން ހަމަލާ ދޭން އުޅުމާއި ގަވާއިދާޚިލާފަށް ގޮވާތަކެތި ގެންގުޅުމާ އަދިި ރަސްމީ ހަފުލާއަކަށް ހުރަސް އެޅުމުގެ ކުށް އިނގިރޭސި ރައްޔިތެއް ކަމަށްވާ މައިކަލް ސެންޑްފޯޑް، 20، ގެ މައްޗަށް ސާބިތުވީ ސެޕްޓެމްބަރު މަހު އެވެ. އޭނާގެ މައްޗަށް ވަނީ ލެސް ވެގަސްގައި އޮތް އެއްވުމެއްގައި ފުލުސް މީހެއްގެ ބަޑި އަތުލާ ޓްރަމްޕަށް ހަމަލާ ދޭން އުޅުނު ކަމަށް ތުހުމަތުކޮށްފަ އެވެ.
ސެންޑްފޯޑުގެ މަންމަ ބުނީ ކުރެވުނު ކަންތަކާ މެދު އޭނާ ވަރަށް ބޮޑު ދެރަވާ ކަމަށެވެ. ޑިފެންސް ޓީމުން ބުނީ ސެންފޯޑަކީ އޯޓިސްޓިކް މީހެއް ކަމަށާއި އޭނާ އަކީ ފިޓްޖެހި އަދި ނަފްސީ ބަލި ހުންނަ މީހެއް ކަމަށެވެ.
ޖަލުގެ އޮރެންޖު ހެދުމުގައި ބިޑީގައި ކޯޓަށް ހާޒިރު ކުރި ސެންޑްފޯޑް ވަނީ އޭނާގެ އާއިލާގެ މެމްބަރުންނަށް އިޝާރާތް ކުރުމަށް ފަހު "އެންމެންދެކެ ވެސް ވަރަށް ލޯބިވާ" ކަމަށް ބުނެފަ އެވެ. އޭގެ ފަހުން އޭނާ ވަނީ ރޯން ފަށާ ކުރެވުނު ކަންތަކަށް މައާފަށް އެދިފަ އެވެ.
ފަނޑިޔާރު ޖޭމްސް މާހަން ވިދާޅުވީ ސެންޑްފޯޑުގެ ނުބައި ނިޔަތެއް އޮތް ކަމަށް ގަބޫލް ނުކުރާ ކަމަށެވެ. އަދި އޭނާ ހަދަން އުޅުނީ "މޮޔަ ސްޓަންޓެއް" ކަމަށް ގަބޫލް ކުރެވޭ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ. ސެންފޯޑުގެ މަންމަ ލީން ސެންފޯޑް ވަނީ ލުއި އަދަބަށް ފަނޑިޔާރުގެ ކިބައިން އެދިފަ އެވެ. އަދި އޭނާގެ ދަރިފުޅަށް ފަރުވާ ބޭނުންވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ކޯޓުގެ ލިޔުންތަކުން އެނގޭ ގޮތުގައި ސެންފޯޑް އެމެރިކާގައި ދިރިއުޅެފައި ވަނީ ވިސާ ނެތި ގަވާއިދާޚިލާފަށެވެ.