04 ޖެނުއަރީ 2022 - 13:08

މާފަންނު ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު ހާޝިމް މުހައްމަދުގެ މަރުގެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކަށް ޝައްކު ނުކުރެވޭ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އިއްޔެ ރޭ 9:30 ހާއިރު މަރުވެފައި އޮއްވައި ފެނުނު ހއ. ހޯރަފުށި ޑީންސްވިލާ، ހާޝިމްއާ ގުޅޭ މައްސަލަ ފުލުހަށް ރިޕޯޓްކުރީ މީހަކު ވެއްޓިގެން އުޅޭ މައްސަލައެއްގެ ގޮތުގަ އެވެ. ސީނަށް ދިޔަ އިރު އެ މީހާ މަރުވެފައި އޮތް ކަމަށް އެތަނަށް އެޓެންޑުވި ޑޮކްޓަރާ ހަވާލާދީ ފުލުހުން ބުންޏެވެ.
ހާޝިމް ދަންނަ މީހުން ބުނި ގޮތުގައި އޭނާގެ ބޯ ފެޅުމުގެ އިތުރުން ވެސް ޒަހަމްތަކެއް ހުރި ކަމަށް އެނގިފައިވެ އެވެ. އެކަމުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރި ކަމަށް ތުހުމަތުކުރި ނަމަވެސް މިއަދު ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން މިހާތަނަށް ބެލި ބެލުމުން ޖިނާއީ އަމަލެއް އަދި ބައެއްގެ އިހުމާލެއް ވެސް އޮތް ކަމަށް ނުބެލެވެ އެވެ.
ހާޝިމް މަރުވެފައި އޮތީ އޭނާ ދިރިއުޅޭ އެޕާޓްމަންޓުގަ އެވެ. އެތަނުގައި އޭނާ މާލޭގައި ހިންގާ ބައެއް ފިހާރަތަކުގައި މަސައްކަތް ކުރާ ބިދޭސީންތަކެއް ވެސް އުޅެ އެވެ.