އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އަށް ކުންފުންޏަކަށް ދައުވާކޮށްދޭން އެދިއްޖެ
އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އަށް ކުންފުންޏަކަށް ދައުވާކޮށްދޭން އެދިއްޖެ

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ދައުލަތުގެ ފައިސާ ޖަމާކުރި، އެސްއޯއެފުން ޑޮލަރުގެ މުއާމަލާތް ހިންގި ކުންފުނިތަކުގެ ތެރެއިން އަށް ކުންފުންޏެއްގެ މައްޗަށް ދައުވާކޮށްދޭން އެސެޓް ރިކަވަރީ ކޮމިޝަނުން އެޓާނީ ޖެނެރަލްގެ އޮފީހުގައި އެދިއްޖެ އެވެ.

ދައުލަތަށް ތިން ބިލިއަންގެ ގެއްލުންވި ކަމަށް އަންދާޒާ ކުރެވޭ ހިޔާނާތުގައި އެސްއޯއެފުން ވަނީ ސަރުކާރުގެ ކުންފުނިތައް ވެސް ހިމެނޭ ގޮތުން، ރާއްޖޭގެ އެންމެ ބޮޑެތި ކުންފުނިތަކާ އެކު ޑޮލަރުގެ މުއާމަލާތް ހިންގައިފަ އެވެ. މީގެތެރެއިން ބައެއް ކުންފުނިތަކަށް ވަނީ މަނީ ލޯންޑްރިންގެ ތުހުމަތު ވެސް ކޮށްފަ އެވެ.

ކުންފުނިތަކަކަށް ދައުވާކޮށްދޭން ރިޔާސީ ކޮމިޝަނުން އެޓާނީ ޖެނެރަލްގެ އޮފީހުގައި އެދުނީ، "މިހާރު"އަށް އެނގިފައިވާ ގޮތުގައި، މިދިޔަ މަހުގެ ފަހުކޮޅެވެ.

މިއީ، ހިޔާނާތުގެ ތަހުގީގު ރިޔާސީ ކޮމިޝަނުން ފެށި ފަހުން ދައުލަތަށް ގެއްލުނު ފައިސާ ހޯދަން މަދަނީ ދައުވާ އުފުލައިދޭން އެދުނު ފުރަތަމަ ފަހަރެވެ. އެކަމަކު ދައުވާކޮށްދޭން އެދުނީ ކޮން ކުންފުނިތަކަކަށް ކަމެއް އެސެޓް ރިކަވަރީ ކޮމިޝަނުން ސާފެއް ނުވި އެވެ.

މިދިޔަ އަހަރުގެ މެދެއްހާ ހިސާބުގައި ތަހުގީގު ނިންމައި ރައީސް އޮފީހަށް ފޮނުވި މި މައްސަލަތަކުގައި ދައުވާކުރަން ނިންމީ އެ އޮފީހުގެ ލަފަޔާ އެކުގަ އެވެ. ރިޔާސީ ކޮމިޝަންތަކާ ބެހޭ ގާނޫނުގައި ބުނެފައި ވަނީ ތަހުގީގުކުރާ މައްސަލަތަކުގެ މަދަނީ ގެއްލުމުގެ ބަދަލު ހޯދުމާއި މުދަލާއި ފައިސާ އަނބުރާ ހޯދުމުގެ ކަންކަން ހިމެނޭ ނަމަ އެފަދަ މައްސަލަތަކުގައި އަޅަން ޖެހޭ ފިޔަވަޅު އެޅުމާއި ދައުވާ ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ލަފާގެ މަތިން އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ އިހްތިޔާރު ކޮމިޝަނަށް ލިބިގެންވާ ކަމަށެވެ.

ރިސޯޓް ތަރައްގީ ކުރަން ރަށްތަކާއި ފަޅުތައް ދޫކޮށްގެން ދައުލަތަށް ވަންނަން ޖެހޭ ފައިސާ އިން މަނީ ލޯންޑްރިން ހިންގި އެސްއޯއެފް އިން މުއާމަލާތް ކުރި ގިނަ ކުންފުނިތަކެއްގެ މައްސަލަ އެސެޓް ރިކަވަރީ ކޮމިޝަނުން ތަހުގީގު ކުރި އެވެ. އެ މުއާމަލާތުން ގޯހެއް ނެތް ކުންފުނިތަކަށް މިހާރު ވަނީ އެކަން އަންގައިފަ އެވެ.

ޓޫރިޒަމްގެ ބޭނުމަށް އެމްއެމްޕީއާރުސީ މެދުވެރިކޮށް، 37 ރަށަކާއި 12 ފަޅެއް ނުއަގުގައި ދޫކޮށްފައިވެ އެވެ. މި ރަށްތަކާއި ފަޅުތަކުން ދައުލަތަށް ވަންނަން ޖެހޭ 76 މިލިއަން ޑޮލަރު އަމިއްލަ ކުންފުނިތަކަށް ޖަމާކޮށްފައިވާ ކަމަށް ތަހުގީގުން އޮތީ ފެންނާށެވެ.

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތުން ދައުލަތަށް ގެއްލުނު ފައިސާ ހޯދަން މި ސަރުކާރުން ވީ ވައުދާ އެކު އުފެއްދި ކޮމިޝަނާއި ފުލުހުންނާއި އޭސީސީ އަދި ޕީޖީ އޮފީސް ގުޅިގެން ހިންގާ ތަހުގީގުގައި ވަނީ ހިޔާނާތާ ގުޅޭ ލިސްޓެއް އެކުލަވާލައިފަ އެވެ. އެ ލިސްޓުގައިވާ ގޮތުގައި މުޅި ދައުލަތުގެ ތެރޭގައި ވެސް ހިޔާނާތުގެ ފައިސާ ދައުރުވެފައިވެ އެވެ.

ޚިޔާނާތުގެ މަންފާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ ލިސްޓުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ 44 މެމްބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރުންނާއި މިނިވަން މުއައްސަސާތަކުގައި ކުރިން އުޅުއްވި ފަސް މެމްބަރުންނާއި ކުރީގެ ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބެވި 30 ބޭފުޅުން ހިމެނެ އެވެ. މީގެ އިތުރުން މިހާރުގެ ސަރުކާރުގައި ހިމެނޭ ހަތް ބޭފުޅުންންނާއި ފަސް ފަނޑިޔާރުންނާއި ސަލާމަތީ ޚިދުމަތްތަކާ ބެހޭ ހަތް އޮފިސަރުން ހިމެނެ އެވެ.