04 ޖެނުއަރީ 2022 - 13:48

މާލޭގެ އެކި ހިސާބުތަކުން 211 ޕާކިން ސްލޮޓު ލިބޭ މީހުން ކަނޑައެޅުމަށް މާދަމާ ރޭ ގުރުއަތުލުން ބާއްވަން ހަމަޖެއްސުމަށް ފަހު، ޕާކިން ސްލޮޓް ދޫކުރުމުގެ އިއުލާނު ބާތިލްކޮށް އަލުން ކުރިމަތިލާން ހުޅުވާލަން ނިންމައިފި އެވެ. ،
ސިޓީ ކައުންސިލްގެ އިއުލާނުގައި ބުނީ ޕާކިން ސްލޮޓްތަކަށް ކުރިމަތިލާފައިވާ މީހުން ހުށަހަޅާފައިވާ ލިޔެކިޔުންތަކުގައި އިދާރީގޮތުން އޮޅުންތަކެއް އަރާފައިވާތީ އަލުން އިއުލާންކޮށްގެން ކުރިއަށް ދިއުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގާފައިވާ ކަމަށެވެ.
އެހެންވެ، ޕާކިން ސްލޮޓުތަކަށް ކުރިމަތިލުމަށް ކުރި އިއުލާން ބާތިލްކޮށް އެ ޖާގަތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަން ނިންމީ އެވެ.
"މި ގޮތުން ހުޅުވާލެވިފައިވާ 211 ޕާކިން ސްލޮޓަށް އަލުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ވާހަކަ ދެންނެވީމެވެ،" އިއުލާންގައި ބުންޏެވެ.
ޕާކިން ސްލޮޓުތަކާ ބެހޭ އިއުލާން ބާތިލްކުރިއިރު، އެ ސްލޮޓުތައް ލިބޭ މީހުން ހޮވުމަށް އެއްފަހަރު ގުރުއަތުލުން ނެގި އެވެ. ނަމަވެސް އޭރު އެކަން ގެންދިޔަ ގޮތުން ޕާކިން ސްލޮޓުތަކުގެ ގުރުއަތުލަން އަލުން ގެންދަން އޭސީސީން އެންގި އެވެ. އެއާއެކު، އެ ގުރުއަތުލުން ނަގާނެ ތާރީހު ވެސް އިއުލާނުކުރި އެވެ. އެކަމަކު އިދާރީ އޮޅުންތަކާ ހެދި އެކަން ކުރިއަކަށް ނުގެންދެވުނެވެ.
ޕާކިންގެ މައްސަލަ އަށް ހައްލު ހޯދުމަށް މާލޭގެ އެކި ހިސާބުތަކުން 450 ޖާގަ ކުއްޔަށް ދޫކުރަން ނިންމައި އޭގެ ތެރެއިން 211 ސްލޮޓަކަށް ކުރިމަތިލާން މިދިޔަ ޖުލައި މަހު ވަނީ ހުޅުވާލައިފަ އެވެ. އެ މުއްދަތު ހަމަވިއިރު 969 މިހާކު ޕާކިން ސްލޮޓަށް ކުރިމަތިލި އެވެ. މާލޭގެ 10 ސަރަހައްދަކުން ޕާކިން ސްލޮޓް ކުއްޔަށް ދޫކުރަނީ 350 ކިލޯ އުފުލޭ ޕިކަޕާއި ކާރު އަދި ވޭނަށެވެ.
އެ ސްލޮޓުތަކަށް ކުރިމަތިލި ހުރިހާ އެންމެންނަށް ސްލިޕް ނަމްބަރެއް ސިޓީ ކައުންސިލުން ދިނެވެ. އެންމެ ފުރަތަމަ ގުރުއަތުލުން ނެގިއިރު، ސްލޮޓުތައް ލިބޭ މީހުން ކަނޑައެޅީ އެ ސްލިޕް ނަމްބަރުންނެވެ.