އެސްޓީއޯގެ އިންޓާންޝިޕް ޕްރޮގްރާމުން 26 ފުރުސަތެއް ހުޅުވާލައިފި
އެސްޓީއޯގެ އިންޓާންޝިޕް ޕްރޮގްރާމުން 26 ފުރުސަތެއް ހުޅުވާލައިފި

އެސްޓީއޯ އާއި ޔޫތު މިނިސްޓްރީއާ ގުޅިގެން އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ފަށައިފި އެވެ.

މަސައްކަތުގެ މާހައުލުގައި ތިބެގެން އެ މަސައްކަތްތަކުގެ ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ގައުމީ ފެންވަރުގައި ދިނުމަށް ދޭ މި ފުރުސަތުގައި އެސްޓީއޯއިން ވަނީ ހަ ދާއިރާއަކުން 26 ޖާގަ އަށް ހުޅުވާލައިފަ އެވެ.

މިއަދު އެސްޓީއޯގައި މިކަމާ ގުޅޭ ރަސްމިއްޔާތެއް ވަނީ ބާއްވައިފަ އެވެ. އެ ރަސްމިއްޔާތުގައި ޔޫތު މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

ހަ މަސް ދުވަހަށް ހިންގާ މި ޕްރޮގްރާމުގައި މަސައްކަތުގެ މާހައުލުގައި 800 ގަޑިއިރު މި ޕްރޮގްރާމުުގެ ބައިވެރިން ތަމްރީނު ކުރާނެ އެވެ. މި ޕްރޮގްރާމް ފުރިހަމަކުރާ މީހުންނަށް ރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 3 ސެޓްފިކެޓް ލިބޭނެ އެވެ.

މި ޕްރޮގްރާމްގެ ދަށުން ހިންގާ ތަމްރީންތައް ހިންގާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ (އެމްއެންއެސްޑީއޭ) ގެ "ނެޝަނަލް ކޮމްޕިޓެންސީ ސްޓެންޑަޑްސް"ތަކާ އެއްގޮތަށެވެ.

މި ޕްރޮގްރާމުގައި އެސްޓީއޯގެ އުސޫލްތަކާ އެއްގޮތްވާ ގޮތުގެ މަތިން އެޕްރެންޓިސްއިން ކުރާ މަސައްކަތާ އެކަށީގެންވާ އެލަވަންސެއް އެސްޓީއޯއިން ދޭނެ އެވެ.

މި ޕްރޮގްރާމް ތިން އަހަރަށް ކުރިއަށްގެންދާނެ އެވެ. އެސްޓީއޯގެ އިތުރުން ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކުން ވަނީ އިންޓާންޝިޕް ޕްރޮގްރާމުގެ ދަށުން ވަޒީފާގެ ގިނަ ފުރުސަތުތަކެއް ހުޅުވާލައިފަ އެވެ.