14 ޑިސެމްބަރ 2016 - 11:46

ގައުމީ ކްރިކެޓް ޓީމު މެލޭޝިއާ އަށް 11 ދުވަހުގެ ދަތުރެއްކޮށް އެކުވެރިކަމުގެ ހަތް މެޗު ކުޅޭ ގޮތަށް ހަމަޖެހިއްޖެ އެވެ.
މިއީ ދެ އަހަރުގެ ތެރޭގައި ގައުމީ ކްރިކެޓް ޓީމު ބައިނަލްއަގްވާމީ މެޗުތަކެއް ކުޅޭ ފުރަތަމަ ފަހަރެވެ. މި މަހުގެ 28 ވަނަ ދުވަހު މެލޭޝިއާ އަށް ފުރުމަށް ހަމަޖެހިފައިވާއިރު އެނބުރި އަންނާނީ އަންނަ މަހުގެ 8 ވަނަ ދުވަހު އެވެ.
ކްރިކެޓް ބޯޑުން ބުނީ މި ޓުއާގައި މެލޭޝިއާގެ ޑިވެލޮޕްމަންޓް ސްކޮޑާއި މެލޭޝިއާގެ 23 އަހަރުން ދަށުގެ ޓީމު އަދި ބޯޑް ޕްރެޒިޑެންޓް އިލެވެން ޓީމުން ހޮވާލެވޭ 45 ކުޅުންތެރިންގެ ސްކޮޑަކާ ދެކޮޅަށް ހަތް މެޗު ކުޅެން ހަމަޖެހިފައިވާ ކަމަށެވެ. މި ސްކޮޑަކީ އައިސީސީ ވޯލްޑް ކްރިކެޓް ލީގުގެ ތިން ވަނަ ޑިވިޝަނުގައި ވާދަކުރަން މެލޭޝިއާ ގައުމީ ޓީމު ނެގުމަށް އެކުލަވަލާފައިވާ ސްކޮޑެކެވެ.
ކްރިކެޓް ބޯޑުގެ ރައީސް މުހައްމަދު އަފްލާހް (އަފޫ) ވިދާޅުވީ މިއީ މެލޭޝިއާގެ ކްރިކެޓް ބޯޑުގެ ރައީސާ ބައްދަލުކޮށް ކުރި މަޝްވަރާތަކަށް ފަހު ހަމަޖެހިގެން ދިޔަ ޓުއާއެއް ކަމަށާއި ބޭނުންވަނީ ދިވެހި ކުޅުންތެރިންނަށް ބައިނަލްއަގްވާމީ ތަޖުރިބާ ހޯދައިދިނުން ކަމަށެވެ.
"ކުޅުންތެރިން އެބަ ބޭނުންވޭ މިފަދަ މެޗުތައް. ދެ އަހަރުވެއްޖެ ކްރިކެޓް ޓީމު ރާއްޖޭން ބޭރުގެ ޓީމްތަކާ މެޗުތައް ނުކުޅޭތާ. އެހެންކަމުން އަޅުގަނޑުގެ ދައުރުގައި ބޭނުންވީ އެކަން އަލުން ފަށަން. ކްރިކެޓުގައި ކާމިޔާބީ ލިބޭނީ މިފަދަ މެޗުތައް ކުޅެގެން،" އަފްލާހް ވިދާޅުވި އެވެ.
ކުރީގެ ކެޕްޓަން ވިދާޅުވީ ބައިނަލްއަގްވާމީ ކްރިކެޓް ޖަމިއްޔާތަކުން ވެސް ލިބޭ ފުރުސަތުތައް މަދުވެފައިވާ ކަމަށާއި މިފަދަ މެޗުތައް ކުޅުމުން އެ ޖަމިއްޔާތަކުގެ ލޮލުގައި ރާއްޖެ އަޅައިގަނެ އިތުރު ފުރުސަތުތައް ލިބިގެންދާނެ ކަމަށެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ ތައިލެންޑުގެ ކްރިކެޓް އެސޯސިއޭޝަނާ ވާހަކަދައްކަމުން އަންނަ ކަމަށާއި މެލޭޝިއާ ޓުއާގެ ކާމިޔާބީ އަށް ބެލުމަށް ފަހު ތިން ގައުމުގެ މެދުތަކުގައި މެޗުތަކެއް ކުޅެން ރާވާނެ ކަމަށެވެ.
"މިއީ އަޅުގަނޑުގެ ދައުރުގެ ފެށުމެއް ކަމަށް މި ބަލަނީ. ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ކްރިކެޓް ކުޅުންތެރިންނަށް ފުރުސަތު ހޯދައިދޭން. މެލޭޝިއާ ދަތުރުން ވެސް ގިނަ ތަޖުރިބާތަކެއް ލިބިގެންދާނެ. މެލޭޝިއާގެ ކްރިކެޓް ވަރަށް ބޮޑަށް ކުރިއަރާފައިވާ ދަނޑިވަޅެއްގައި ކުޅޭ މި މެޗުތަކުގެ ސަބަބުން ދިވެހި ކުޅުންތެރިންނަށް ވެސް ކުރިއެރުން ލިބޭނެ،" އަފްލާހް ވިދާޅުވި އެވެ.
މި ޓުއާގައި ބައިވެރިވާ ރާއްޖޭގެ ގައުމީ ޓީމު ނަގާފައިވަނީ ނިމިގެން ދިޔަ ގައުމީ ކްރިކެޓް މުބާރާތުންނެވެ. ރާއްޖޭގެ ޓީމުގައި ތަޖުރިބާކާރު ކުޅުންތެރިޔާ މުހައްމަދު ޝާހިދުގެ އިތުރުން ޒުވާން ހުނަރުވެރި ގިނަ ކުޅުންތެރިން ހިމެނެ އެވެ. ޓީމުގެ ކޯޗަކީ އިމާދު އިސްމާއިލެވެ. އެސިސްޓަންޓް ކޯޗަކަށް ސްރީ ލަންކާގެ ކުރީގެ ކުޅުންތެރިޔާ އަދި ކްރިކެޓް ބޯޑުގެ ޑިވެލޮޕްމަންޓް ކޯޗު ނިލަންތަ ކޫރޭ މަސައްކަތްކުރާއިރު ފީލްޑިން ކޯޗަކީ ނީޝާމް ނާސިރެވެ.
ރާއްޖޭން ވަނީ 2005، 2006 އަދި 2010 ވަނަ އަހަރު އިމާޖިން ނޭޝަންސް ކްރިކެޓް މުބާރާތް ކާމިޔާބުކޮށް ސަރަހައްދީ ލެވެލްގައި ރަނގަޅު ހިސާބަކަށް ގޮސްފަ އެވެ. އެކަމަކު ފަހަކަށް އައިސް އޭޝިއަން ކްރިކެޓް ކައުންސިލް (އޭސީސީ) އިން ވެސް އެފަދަ މުބާރާތްތައް ބޭއްވުން މަޑުޖައްސާލާފައިވާތީ ރާއްޖޭގެ އަޑު ސަރަހައްދީ ކްރިކެޓުގައި ވަނީ މަޑުވެފަ އެވެ.