03 ޖެނުއަރީ 2022 - 17:27

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ނ. މާޅެންދޫގައި ދުވާލާއި ރޭގަނޑު ވެސް މަސްކަނޑާ ތަނެއް ހަދައިފި އެވެ.
މި މަސްކަނޑާތަން ތަރައްގީކޮށްފައިވަނީ ސޮސައިޓީ ފޯ ލީޑާސް އިނިޝިއޭޓް ޑިވެލޮޕްމަންޓްގެ (އެސްއެލްއައިޑީ) ފަރާތުންނެވެ. މިތަނުގައި އެއްފަހަރާ އަށް މީހުންނަށް މަސްކަނޑަން ތިބެވޭނެ އެވެ. ސާފު ރީތި ފެން ލިބޭނެހެން އިސްކުރު ހަރުކޮށް މަސްކަނޑަން ޖާގަ އޮންނަ ގޮތަށް ހެދި މިތަނުގައި ތަކެތި ރައްކާ ކުރުވޭނެ ގުދަނެއްވެސް ހުރެ އެވެ.
މަސްކެނޑުމަށް ފަހު އުކާލާ ތަކެތި އެޅުމަށް ޑަސްބިން ބަހައްޓައި ތަނާއި ފަސޭހައިން ސާފުކުރެވޭނެ ގޮތް ވެސް ވަނީ ހަމަޖައްސައިފަ އެވެ.
އެސްއެލްއައިޑީގެ އޮފިޝަލަކު ވިދާޅުވީ، މިއީ މާޅެންދޫގެ މަސްވެރިންނަށާއި އެހެނިހެން ރަށްރަށުން މި ރަށަށް އަންނަ މަސްވެރިންނަށް މަސް ކެނޑުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކުރި މުހިންމު މަސައްކަތެއް ކަމަށެވެ.
މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަންނަނީ މިތަން ބޭނުންކުރަމުންނެވެ. މިތަން ރަސްމީކޮށް ހުޅުވުމުގެ ގޮތުން ވަނީ އަންހެނުންނާއި ފިރިހެނުން ހިމެނޭހެން މަސްކެނޑުމުގެ މުބާރާތެއް ވެސް ބާއްވައިފަ އެވެ.
ކޮމިއުނިޓީ ފަންޑުގެ ދަށުން މިހާތަނަށް 60 ޕްރޮޖެކްޓެއް ހިންގުމަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.