03 ޖެނުއަރީ 2022 - 12:54

ރަޝިޔާގެ އަވައްޓެރި ޔޫކްރޭނަށް ރަޝިޔާ ސިފައިން އުދުވާނީ ހަމަލާއެއް ދީފި ނަމަ، އޭގެ ބަދަލުގައި ވަރަށް ހަރުކަށި ގޮތަކަށް އެމެރިކާ އާއި އެމެރިކާގެ ބައިވެރިން ރައްދު ދޭނެ ކަމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ރިއާސީ ގަނޑުވަރު ވައިޓް ހައުސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީއާ އެކު ފޯނުން އިއްޔެ ކުރެއްވި މަޝްވަރާތަކުގައި ރައީސް ބައިޑެން ވަނީ، ރަޝިޔާގެ އުދުވާނީ ހަމަލާއަކުން ޔޫކްރޭން ދިފާއުކޮށްދޭނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. ރައީސް ބައިޑެން ޔޫކްރޭންގެ ރައީސާ އެކުގައި މި މަޝްވަރާ ކުރެއްވީ، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންއާ އެކުގައި މީގެ އެއް ދުވަސް ކުރިން، ރައީސް ބައިޑެން މަޝްވަރާ ކުރެއްވުމަށް ފަހުގަ އެވެ.
ރަޝިޔާގެ ލައްކައެއްހާ ސިފައިން މިހާރު ވެސް ބަރު ހަތިޔާރާއެކު، ރަޝިޔާ އާއި ޔޫކްރޭން ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި ތައްޔާރީ ހާލަތުގައި އެބަތިއްބެވެ. އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން ތުހުމަތުކުރާ ގޮތުގައި، ރަޝިޔާ ސިފައިން ތައްޔާރުވަމުން ދަނީ، ރައީސް ޕުޓިންގެ އަމުރެއް އައުމާއެކު ޔޫކްރޭނަށް އުދުވާނީ ހަމަލާއެއް ދިނުމަށެވެ.
ނަމަވެސް ރަޝިޔާ އިން މި ތުހުމަތުތަކަށް އިންކާރު ކުރެއެވެ. ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ވިދާޅުވާ ގޮތުގައި ޔޫކްރޭންގެ ސަރަހައްދީ ރޮނގު ކައިރީގައި ރަޝިޔާގެ ސިފައިން ބައިތިއްބަން ޖެހުނީ، ނޭޓޯގެ އަސްކަރީ ހަރަކާތްތައް އެ ސަރަހައްދަށް ފުޅާކުރަމުން ދާތީ އެވެ.
ރައީސް ބައިޑެންއާ އެކު ފޯނުން އިއްޔެ މަޝްވަރާ ކުރެއްވުމަށް ފަހު، ރައީސް ޒެލެންސްކީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމެރިކާ އިން ޔޫކްރޭނަށް ކުރާ ތާއީދުގެ އަގު ވަޒަންކުރައްވާ ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައި ވަރަށް ގާތް ހާއްސަ ގުޅުމެއް އުފެދިއްޖެކަން، ރައީސް ބައިޑެންގެ ފޯން ކޯލުން ކަށަވަރުވި ކަމަށް ވެސް އޭނާގެ ޓުވީޓްގައިވެ އެވެ.
ޔޫކްރޭން-ރަޝިޔާ މައްސަލައާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް، އެމެރިކާ އާއި ރަޝިޔާގެ މަތީ ފެންވަރުގެ ވަފުދެއް، މިމަހުގެ 9، 10 ގައި ޖެނީވާގައި ބައްދަލުކުރައްވާނެ އެވެ. އޭގެ އިތުރުން ރަޝިޔާ-ނޭޓޯ ކައުންސިލްގެ ބައްދަލުވުމަކާއި އޯގަނައިޒޭޝަންގެ ފޯ ސެކިއުރިޓީ އެންޑް ކޯޕަރޭޝަންގެ އިން ޔޫރަޕްގެ ބައްދަލުވުމެއް ވެސް، ހަމަ އެ ދުވަސްވަރު ޖެނީވާގައި ކުރިއަށް ދާނެ އެވެ.
ރައީސް ބައިޑެން ވިދާޅުވި ގޮތުގައި ޖެނީވާގައި ބާއްވާ މަޝްވަރާތައް ފެށުމުގެ ކުރިން، މަސްރަހު ފިނިކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް، އޭނާ ވާނީ ރައީސް ޕުޓިންއާ އެކު މިދިޔަ ހުކުރު ދުވަހު ކުރެއްވި ފޯން މަޝްވަރާތަކުގައި ދަންނަވައިފަ އެވެ.
"އަޅުގަނޑު ވަރަށް ސާފުކޮށް ރައީސް ޕުޓިންއަށް ދެންނެވިން، ރަޝިޔާއިން ޔޫކްރޭނަށް ހަމަލާއެއް ދީފި ނަމަ އަހަރެމެން ވަރަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާނެ ކަމަށް. އަދި އެފަދަ ހަމަލާއެއް ދީފި ނަމަ، ނޭޓޯގެ ބައިވެރިންނާ އެކުގައި ޔޫރަޕްގައި އަހަރެމެންގެ ހަރަކާތްތައް ފުޅާ ކުރާނެ ކަމަށް ވެސް އޮންނާނީ ދަންނަވާފައި،" މިދިޔަ ހުކުރު ދުވަހު ރައީސް ޕުޓިންއާ މަޝްވަރާކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބައިޑެން ވިދާޅުވި އެވެ.
ރަޝިޔާ ސިފައިން 2014 ވަނަ އަހަރުގެ ތެރޭގައި ޔޫކްރޭނަށް ހަމަލާ ދިނުމަށް ފަހު، އެ ގައުމުގެ ކްރީމިއާއޭ ކިޔާ ސަރަހައްދު ރަޝިޔާ ސިފައިން ވަނީ ހިފައިފަ އެވެ. އޭގެ ފަހުން ރަޝިޔާއިން ބުނާ ގޮތުގައި ކްރީމިއާއަކީ ރަޝިޔާގެ ބައެކެވެ.