މިދިޔަ މަހު 164،000 ޓޫރިސްޓުން އައި
މިދިޔަ މަހު 164،000 ޓޫރިސްޓުން އައި

މިދިޔަ ޑިސެމްބަރު މަހު ރާއްޖެއަށް 164،000 ޓޫރިސްޓުން އައި ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ކޮންމެ އަހަރަކު ވެސް ޑިސެމްބަރު މަހަކީ ގިނައިން ޓޫރިސްޓުން އަންނަ މަހެކެވެ.

މިދިޔަ އަހަރު ރާއްޖެއަށް 1.3 މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ. އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ އިންޑިއާއިންނެވެ. ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައީ ރަޝިއާއިންނެވެ. އަދި ތިން ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ ޖަރުމަނުންނެވެ.

މިދިޔަ އަހަރު ރާއްޖޭގެ ޓޫރިޒަމް ފެށީ ވަރަށް ކާމިޔާބުކޮށެވެ. ނަމަވެސް ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، މެއި މަހު ދެވަނަ ފަހަރަށް ރާއްޖޭގެ ބޯޑަރު ބަންދުކުރި އެވެ. ތިން މަހަށް ފަހު ޖުލައި މަހު ރާއްޖޭގެ ބޯޑަރު ހުޅުވާލުމަށް ފަހު ކޮންމެ މަހަކު އަންނަ ޓޫރިސްޓުން ވަނީ އިތުރުވެފަ އެވެ.

މިދިޔަ އަހަރު ރާއްޖޭގެ ޓޫރިޒަމް ވަނީ 2020 ވަނަ އަހަރަށް ވުރެ 70 ޕަސެންޓްގެ ކުރިއެރުމެއް ހޯދައިފަ އެވެ. އަދި މިދިޔަ އަހަރު ރާއްޖޭގެ ޓޫރިޒަމް ހުރީ ކޮވިޑްގެ ބަލިމަޑުކަމުގެ ކުރިން، 2019 ވަނަ އަހަރަށް ވުރެ 4 ޕަސެންޓް ދަށުގަ އެވެ. ރާއްޖެއަށް 2019 ވަނަ އަހަރު 1.7 މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ.

މި އަހަރުގެ ބަޖެޓުގައި ލަފާކޮށްފައިވަނީ 1.6 މިލިއަން ޓޫރިސްޓުންނެވެ. ނަމަވެސް ޓޫރިޒަމް މިނިސްޓްރީން ބުނީ މިއަހަރު ކޮވިޑްގެ ހާލަތު ގޯސް ނުވާ ނަމަ ރާއްޖެއަށް ދެ މިލިއަން ޓޫރިސްޓުން ގެނެވޭނެ ކަމަށެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ރިސޯޓުތަކާއި ގެސްޓްހައުސް އަދި ސަފާރީ ހިމެނޭ ގޮތަށް 57،000 އެނދު އެބަހުއްޓެވެ. އޭގެ ތެރެއިން 53،000 އެނދު ހުރީ އޮޕަރޭޝަންގަ އެވެ. ރާއްޖޭގައި 167 ރިސޯޓު އަންނަނީ ހިންގަމުންނެވެ. އަދި 800 އަށް ވުރެ ގިނަ ގެސްޓްހައުސް 90 ރަށެއްގައި އަންނަނީ ހިންގަމުންނެވެ.