03 ޖެނުއަރީ 2022 - 11:15

އެންޑްރޮއިޑް އެޗްޑީ، ސެމްސަންގް އަދި އެލްޖީ ސްމާޓް ޓީވީތަކުން ޑީކޯޑަރަކާ ނުލައި ވެސް ޗެނަލްތަކުގެ އިތުރުން ވީއޯޑީ ބެލޭނެ މުޅިން އާ ހިދުމަތެއް މީޑިއާނެޓުން ތައާރަފް ކޮށްފި އެވެ.
ކަސްޓަމަރުންގެ މެދުގައި އެންމެ މަގްބޫލް ޗެނަލްތައް ހިމަނައިގެން، "އެމްއެސް ލައިޓް" ނަމުގައި ތައާރަފްކުރި މި ހިދުމަތުގައި ޕެކޭޖްތަކަށް ވެސް ހެޔޮ ބަދަލުތަކެއް ގެނެސްފައިވާ ކަމަށް މީޑިއާނެޓުން ބުންޏެވެ. އެންމެ މަގްބޫލު ޗެނަލްތަކުގެ އިތުރުން އެކި ކަހަލަ ފިލްމާއި ވީއޯޑީ ސީރީސްތައް މިހާރު 630ރ. އަށް ބަލައިލެވޭނެ އެވެ.
އާ އަހަރާ ދިމާކޮށް ތައާރަފް ކުރި މި ހިދުމަތުން 70 އަށް ވުރެ ގިނަ ލައިވް ޗެނަލްގެ އިތުރުން ތަފާތު އެކި ވީއޯޑީ ފިލްްމުތަކާއި ސީރީސް ބަލައިލެވޭނެ ކަމަށް މީޑިއާނެޓުން ބުންޏެވެ.
ދިވެހިންގެ މަގްބޫލުކަން ހޯދައިފައިވާ ސޮނީ، ސްޓާ، ޒީގެ ޗެނަލްތަކުގެ އިތުރުން ސީއެންއެން މި ޗެނަލްތަކުގެ ތެރޭގައި ހިމެނެ އެވެ. އަދި ދުނިޔޭގެ އެންމެ މަގްބޫލު ފުޓްބޯޅަ ދެ ލީގު ކަމަށްވާ އިނގިރޭސި ޕްރިމިއަ ލީގާއި ސްޕެނިޝް ލަ ލީގާ މުޅި ރާއްޖެއަށް ދައްކަމުން އަންނަ ހަމައެކަނި ޗެނަލްތަކަކީ އައިސް ޓީވީ އަދި އައިސް ސްޕޯޓްސް އެވެ. މި ތައާރަފް ކުރި ހިދުމަތުން މި ޗެނަލްތަށް ވެސް ކަސްޓަމަރުންނަށް ބަލައިލެވޭނެ އެވެ.
މި ހިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ބަލައިލަން ބޭނުންވާ ޝޯއެއް ނުވަތަ އިވެންޓެއްގެ ދައްކާ ގަޑީގައި ނުބެލިއްޖެ ހާލަތެއްގައި، މި ހިދުމަތުގައި ހިމެނޭ ކެޗަޕް ފީޗާ މެދުވެރިކޮށް އެޝޯއެއް ނުވަތަ ޕްރޮގްރާމެއް ވެސް ފަހުން ވެސް ބަލައިލެވޭނެ އެވެ. "ފޭވަރިޓް ޗެނަލް ލިސްޓް" ހެދުމާއި އެ މީހެއްގެ ބޭނުންތަކާ އެއްގޮތްވާ
ގޮތުގެމަތިން ޗެނަލް ލިސްޓު އަތުރާލުމާއި "ޔޫޒާ ޕްރޮފައިލް" ހެދުން ވެސް ހިމެނެ އެވެ.
އެމްއެސް ލައިޓް މެދުވެރިކޮށް މީޑިއާނެޓުގެ އަމިއްލަ އުފެއްދުންތައްް ކަމުގައިވާ ނަފްސު، ގިރިދާ ފަދަ ސީރީޒް ތަކުގެ އިތުރުން މަޝްހޫރު ދިވެހި/ހިންދީ ފިލްމުތައް ވެސް ވީޑިއޯ އޮން ޑިމާންޑް ފީޗާ މެދުވެރިކޮށް ބަލައިލެވޭނެ އެވެ. ބެލުންތެރިން ޝައުގުވެރިވާ ފަދަ އިތުރު ކޮންޓެންޓްތައް މި ފީޗާ މެދުވެރިކޮށް ކުރިއަށް އޮތް ތަނުގައި ލިބޭނެ މީޑިއާނެޓުން ބުންޏެވެ.
މި ހިދުމަތް މިވަގުތު ބޭނުން ކުރެވޭނީ މާލެ އަދި ހުޅުމާލޭގަ އެވެ. ކުރިއަށް އޮތްތަނުގައި މި ހިދުމަތް އިތުރަށް ފުޅާ ކުރުމުގެ ގޮތުން ރާއްޖޭގެ އެހެން ރަށްތަކަށް ވެސް ތައާރަފް ކުރުމުގެ މަސައްކަތް މީޑިއާނެޓުން އަންނަނީ ކުރަމުންނެވެ.