02 ޖެނުއަރީ 2022 - 23:46

ގެޓާފޭ (ޖެނުއަރީ 2) - ސްޕެނިޝް ލަ ލީގާގެ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑުން މި އަހަރު ކުޅުނު ފުރަތަމަ މެޗުގައި ގެޓާފޭއާ ވާދަކޮށް 1-0 އިން ބަލިވެއްޖެ އެވެ.
މިއީ މިދިޔަ އޮކްޓޯބަރު މަހު ލީގުގައި އެސްޕަނިޔޯލް އަތުން ރެއާލް ބަލިވި މެޗަށް ފަހު އެ ޓީމު ބަލިވި ފުރަތަމަ މެޗެވެ. ރަށުން ބޭރުގައި އެސްޕަނިޔޯލް އަތުން 2-1 އިން ބަލިވި މެޗަށް ފަހު ރެއާލް ވަނީ ބަލި ނުވެ 13 މެޗު ހަމަކޮށްފަ އެވެ.
ގެޓާފޭ އިން އަމިއްލަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ ނުވަ ވަނަ މިނިޓުގައި އީނަސް އުނާލް އެވެ. އޭނާ މި ލަނޑު ޖެހީ ރެއާލްގެ އެޑާ މިލިޓާއޯ ބޯޅަ ހިފައިގެން ފަހަތަށް އެނބުރި އޭރިއާ ތެރެއަށް ވަން ވަގުތު އޭނާ އަތުން ބޯޅަ ހޯދުމަށް ފަހު އެވެ.
ގެޓާފޭގެ ލަނޑަށް ފަހު ލޫކާ މޮޑްރިޗް ވަނީ ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލައިފަ އެވެ. ފުރަތަމަ ހަމަލާ ގޯލް ދަނޑި ކައިރިން ބޭރަށް ދިޔައިރު ދެން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
ފަހު ހާފުގައި ގެޓާފޭގެ ގޯލާ އަމާޒުކޮށް ރެއާލްގެ ކަސެމީރޯ އާއި އިސްކޯ ފޮނުވާލި ހަމަލާތައް ދިފާއުކުރީ ކީޕަރު ޑޭވިޑް ސޮރިއާ އެވެ.
ފޯވާޑް ވިނީޝަސް ޖޫނިއާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވާތީ ރެއާލް އަށް ވަނީ އޭނާގެ ބޭނުން މި މެޗުގައި ނުހިފިފަ އެވެ.
މި ނަތީޖާއާ އެކު ރެއާލް އެއްވަނައިގައި އޮތީ ދެ މެޗު މަދުން ކުޅެގެން ދެވަނައިގައި އޮތް ސެވިއްޔާ އަށް ވުރެ އަށް ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. މިހާތަނަށް ކުޅުނު 20 މެޗުން ރެއާލް އަށް ވަނީ 46 ޕޮއިންޓް ލިބިފަ އެވެ.
އެތުލެޓިކޯ މެޑްރިޑް ވަނީ މިރޭ އަމިއްލަ ދަނޑުގައި ރަޔޯ ވަޔެކާނޯއާ ދެކޮޅަށް ކުޅުނު މެޗު 2-0 އިން ކާމިޔާބު ކޮށްފަ އެވެ. އެތުލެޓިކޯގެ ދެ ލަނޑު ވެސް މިރޭގެ މެޗުގައި ޖަހައިދިނީ އެންހެލް ކޮރެއާ އެވެ. ލީގުގައި އެތުލެޓިކޯ ކުޅުނު 19 މެޗުން ހޯދި 32 ޕޮއިންޓާ އެކު އެ ޓީމު އޮތީ ޓޭބަލްގެ ހަތަރު ވަނައިގަ އެވެ.