15 ޑިސެމްބަރ 2016 - 06:25

ބޮލީވުޑް ތަރިންގެ ތެރެއިން ޝާހިދު ކަޕޫރާއި ކަންގަނާ ރަނާވަތުގެ "ފިނި ހަނގުރާމަ"އިގެ ވާހަކަ "ރަންގޫން" ފެށުނީއްސުރެ އިވެ އެވެ. އެކަމަކު ދެ މީހުންގެ މެދުގައި އޮތް ރުޅިވެރިކަމާ ބެހޭ ގޮތުން މީގެ ކުރިން އެއިން އެކަކު ވެސް ވާހަކައެއް ނުދައްކަ އެވެ. ނަމަވެސް ކަންގަނާ އަކީ އަބަދުވެސް ހިތުގައި އޮންނަ އެއްޗެއް ހާމަކޮށްލާ އެކްޓަރަކަށް ވާތީ އެންމެ ފަހުން އެކަމާ ބެހޭ ގޮތުން ވެސް އަމުނާލީ އެވެ.
އިންޓަވިއުއެއްގައި ކަންގަނާ ބުނީ ފިލްމު ސެޓުގައި އޭނާ އާއި ޝާހިދާ ދެމެދު ރަނގަޅު ގުޅުމެއް އޮންނަ ކަމަށެވެ. އަދި އެމީހުންގެ މެދުގައި އެއްވެސް މައްސަލައެއް އުޅޭކަން އޭނާ އަށް ނޭނގޭ ކަމަށް ވެސް ބުންޏެވެ.
"އަހަރެމެން ދެ މީހުންނަކީ ދެ އެކުވެރިންނެއް ނޫން. އެހެންވެ ކަންނޭނގެ މީހުން އެފަދަ ވާހަކަތައް ދައްކަނީ. ފިލްމު ޝޫޓިން އަށް ދަނީ އެކުވެރިން ހޯދާކަށް ނޫން، މަސައްކަތް ކުރަން. އެހެންވީމާ އެފަދަ ވާހަކަ ދައްކާ މީހުން ވެސް އެކަން ދަންނަން ޖެހޭނެ،" ކަންގަނާ ބުންޏެވެ.
އޭނާ ބުނީ "ރަންގޫން"ގެ އަނެއް އެކްޓަރު ސައިފް އަލީ ޚާން އަކީ އޭނާ ވަރަށް އިހްތިރާމްކުރާ ރަނގަޅު މީހެއް ކަމަށެވެ. އަދި ކަރީނާ ވެސް އޭނާއަށް ވަރަށް ރަނގަޅު ކަމަށާއި ދައުވަތު ދީގެން އެއް ރޭގެ ކެއުމަށް ވެސް ގެންދިޔަ ކަމަށް ކަންގަނާ ބުންޏެވެ.
"ރަންގޫން" އަކީ ކަރީނާގެ ފިރިމީހާ ސައިފް އާއި އޭނާގެ ކުރީގެ ލޯބިވެރިޔާ ޝާހިދު އެކުގައި މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ.
ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރުގެ ވާހަކައަކަށް ބިނާކޮށް އުފައްދާ މި ފިލްމުގައި ކަންގަނާ ކުޅެނީ ވަރަށް ބިރުކުޑަ އަންހެނެއްގެ ބަ އެވެ. ސައިފް އާއި ޝާހިދު ކުޅެނީ ކަންގަނާގެ ލޯބިވެރިންގެ ރޯލެވެ.
މި ފިލްމުގެ ފުރަތަމަ ޓްރެއިލާ ރިލީޒްކުރުން މިހާރު ވަނީ މި މަހު ފަހުކޮޅަށް ފަސްކޮށްފަ އެވެ.