02 ޖެނުއަރީ 2022 - 21:32

ގޮހޮރުގައި ފާރު ހެދި ނުކެވެން ފެށުމުން ހާލު ގޯސްވެ އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަނިކޮށް އަނާލް އަބްދުﷲ ޝިޔާމް މިއަދު ނިއާވެއްޖެ އެވެ.
ތ. ހިރިލަންދު އަށް އުފަން، ނުވަ އަހަރުގެ އަނާލް އަކީ ސެލެބްރަލް ޕަލްސީގެ ސަބަބުން ނުހިނގޭ އަދި ވާހަކަ ވެސް ނުދެއްކޭ ކުއްޖެކެވެ.
އަނާލްގެ ހާލު ގޯސްވީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އޭނާއަށް ރޯގާ ޖެހިގެން ވަރަށް ބޮޑަށް ހޮޑުލެވެން ފެށި ހިސާބުންނެވެ. ވޭމަންޑޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ދައްކައިގެން ވެސް ފަރުވާ ނުލިބިގެން އެންމެ ފަހުން މާލެ ގެނެސް ހެދި ޓެސްޓުތަކުން، ކުއްޖާގެ ގޮހޮރުގައި ފާރު ހެދިފައި ހުރިކަން އެނގުނުއިރު އަނާލްގެ ވިންދާއި އޮކްސިޖަން ދަށްވެގެން އެޑްމިޓްކޮށްގެން ފަރުވާ ވެސް ދޭން ޖެހުނެވެ.
އައިޖީއެމްއެޗުގައި އަނާލްއަށް ފަރުވާ ދެމުން އަންނަތާ މަހަކަށް ވުރެ ގިނަ ދުވަސްވިއިރު ވެސް އަނާލްގެ ހާލަތަށް މާބޮޑު ބަދަލެއް ނާދެ އެވެ. އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަނިކޮށް ނިއާވިއިރު އޭނާގެ މައްޗަށް ކުރާ ކަށު ނަމާދު އޮތީ މިރޭ 10:30 ގައި އާސަހަރާ މިސްކިތުގަ އެވެ.
އަނާލްގެ މަންމަ މަރިޔަމް ނިޝާމާ މިރޭ ބުނީ އޭނާގެ ހަގު ދަރިފުޅު ނިއާވީ ރާއްޖެއިން ބޭރުން ފަރުވާ ކުރުމަށް އާސަންދަ ހަމަޖެހި، އެކަމާ ގުޅޭ ކަންކަން ކުރަމުން ދަނިކޮށް ކަމަށެވެ.
އެ ކުއްޖާގެ ހާލަތަށް ބަދަލެއް ނާންނާތީ އާއިލާއިން ބޭނުންވީ ރާއްޖެއިން ބޭރަށް ދާށެވެ. އެކަމަކު، ރާއްޖެއިން ލިބޭ ފަރުވާއަކަށް ވާތީ އާސަންދައިގެ އެހީއެއް އޭރު ނުލިބުނެވެ. އެހެންވެ އާއްމުންގެ އެހީއާއެކު އެ އާއިލާއިން އައީ ކުއްޖާ ބޭރަށް ގެންދެވޭތޯ އޭރު މަސައްކަތްކުރި އެވެ.
"އަނެއްކާ ހާލު ދެރަވެގެން އައިސީޔޫއަށް ލާން ޖެހުނީ. އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށް ނިޔާވީ،" ނިޝާމާ ބުންޏެވެ.