02 ޖެނުއަރީ 2022 - 18:56

މި ދުވަސްވަރު ރާއްޖޭގައި ބޭރަށް ހިންގުމާއި ހޮޑުލުން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
ބޭރަށް ހިންގުމުގެ ބަލި އިތުރުވެފައިވާތީ، އެ އިދާރާ އިން ކުރި ޓްވީޓެއްގައި ވަނީ އެކަމުގެ އަލާމާތްތައް ފެންނަ ނަމަ ޑޮކްޓަރަށް ދެއްކުމަށް އިލްތިމާސް ކޮށްފަ އެވެ.
ބޭރަށް ހިންގުމާއި ހޮޑުލުމުގެ ބަލީގެ އަލާމާތްތަކުގެ ތެރޭގައި ބޯ އެނބުރުމާއި ކުޑަކަމުދެވޭ ވަރު މަދުވުމާއި ހޮޑު ނުވަތަ ބޮޑުކަމުދާ ވަގުތު އޭގައި ލޭގެ އަސަރު ހުރުމާއި އާދަޔާ ހިލާފަށް ކަރު ހިއްކުމާއި މީހާ މާބޮޑަށް ވަރުބަލިވެ، ދިޔާތަކެތި ބޭނުން ނުކުރެވުމުގެ އިތުރުން ވަރަށް ބޮޑަށް ބަނޑުގައި ރިއްސުން ހިމެނެ އެވެ.
- ގިނަގިނައިން ލޮނު ޕެކެޓް، ފެން، ސޫޕް ފަދަ ދިޔާތަކެތި ބޭނުންކުރުން.
- ފާހާނާ ކުރުމަށް ފަހު އަދި ކާބޯތަކެތި ތައްޔާރު ކުރުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުން.
- ބޭރަށް ހިންގުމުގެ އަލާމާތްތައް ނުފެންނަތާ އެއް ދުވަސް ވަންދެން، ސްކޫލަށް ނުފޮނުވައި، މަސައްކަތަށް ނުނިކުމެ ގޭގައި އަރާމުކުރުން.
- އާންމުން އެއްވެ އުޅޭ ތަންތަނަށް ދިއުން މަދުކުރުން.
ރާއްޖޭގައި ފެތުރެމުންދާ އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކުރާ މީހުންގެ އަދަދު މިދިޔަ އަހަރުގެ ފަހުކޮޅު ވެސް ވަރަށް ބޮޑަށް އިތުރުވި އެވެ. ރޯގާ ކޮންޓްރޯލް ނުވެ މަހެއްގެ މައްޗަށް ބަލި ޖެހޭ މީހުންގެ އަދަދު 30،000 އިން ވެސް މައްޗަށް އަރައިގެންދިޔަ އެވެ.
އެކަމަކު މިހާރު ބޭރަށް ހިންގުމާއި ހޮޑުލުމުގެ ކޭސްތައް އިތުރުވަމުންދާއިރު، މިދިޔަ އަހަރު އެ އަދަދުތައް ހުރީ ގާތްގަނޑަކަށް އެއް ވަރެއްގައި ހިފެހެއްޓިފަ އެވެ.