ލިއޮނެލް މެސީ ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
ލިއޮނެލް މެސީ ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ޕެރިސް (ޖެނުއަރީ 2) - ހަތް ފަހަރު ބެލޮންޑިއޯ ކާމިޔާބުކޮށްފައިވާ ފްރާންސްގެ ޕީއެސްޖީ އަށް ކުޅޭ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން އެ ކުލަބުން ހާމަކޮށްފި އެވެ.

މެސީގެ އިތުރުން ޕީއެސްޖީގެ ހޫލިއަން ބާނަޓް އާއި ނޭތަން ބިޓުމަޒާލާ އާއި ގޯލްކީޕަރު ސާޖިއޯ ރިކޯ ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ޕީއެސްޖީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ. އަދި ކުޅުންތެރިން މިހާރު ތިބީ އައިސޮލޭޝަންގައި ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

މެސީ ކޮވިޑަށް ޕޮޒިޓިވްވުމުގެ ސަބަބުން، މާދަމާ ރޭ ޕީއެސްޖީން ފްރެންޗް ކަޕުގައި ވަނޭސް އޯސީއާ ދެކޮޅަށް ނުކުޅެވޭނެ އެވެ. މެސީ އެންމެ ފަހުން ޕީއެސްޖީއަށް މެޗެއް ކުޅުނީ ޑިސެމްބަރު 22 ގައި، ލީގުގައި އެ ޓީމު ލޮރިއެންޓްއާ ވާދަކޮށް އެއްވަރުވި މެޗުގަ އެވެ. އެ މެޗަށް ފަހު ފްރެންޗު ލީގު ވަނީ ވިންޓާ ބްރޭކަށް މެދުކަނޑާލައިފަ އެވެ.

މާދަމާ ރޭގެ މެޗަށް ފަހު ޕީއެސްޖީ ނުކުންނާނީ އަންނަ އާދިއްތަ ދުވަހުގެ ރޭ، ލީގުގައި އޮލިމްޕިކް ލިޔޯންއާ ދެކޮޅަށެވެ. ތާވަލުގެ އެއްވަނައިގައި ޕީއެސްޖީ އޮތީ ކުޅުނު 19 މެޗުން 43 ޕޮއިންޓް ހޯދައިގެން 13 ޕޮއިންޓުގެ ލީޑެއްގައެވެ.

މި އަހަރު ބާސެލޯނާ ދޫކޮށް ޕީއެސްޖީއަށް ބަދަލުވި މެސީ، 34، ވަނީ މިހާތަނަށް އެޓީމަށް ކުޅެދިން 16 މެޗުން ހަ ގޯލު ޖަހައިފަ އެވެ. ނަމަވެސް ފްރެންޗް ލީގުގައި މެސީ އަށް މިހާތަނަށް ޖެހުނީ އެންމެ ލަނޑެކެވެ.