02 ޖެނުއަރީ 2022 - 13:26

ދެކުނު އެފްރިކާގެ ގާނޫނު ހަދާ މަޖިލީހުގެ އިމާރާތުގައި އަލިފާން ރޯވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ގާނޫނު ހަދާ މަޖިލީހުގެ އިމާރާތުން ދަނީ ވަރަށް އޮލަ ދުން އަރަމުންނެވެ. އަދި އިމާރާތުގެ ބައެއް ހިސާބުތަކުން ފުރާޅުން މައްޗަށް އަލިފާނުގެ ހުޅުގަނޑު އަރާފައިވެ އެވެ.
ގާނޫނު ހަދާ މަޖިލީހުގެ އިމާރާތުގައި އަލިފާން ރޯވީ ކީއްވެގެން ކަމެއް އަދި ނޭނގެ އެވެ. އަދި މި ހާދިސާ ހިނގި ގޮތާ ބެހޭ ގޮތުން ދެކުނު އެފްރިކާ ސަރުކާރުން ވެސް މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ. އިމާރާތުގައި ރޯވެ އަނދަން ފެށިތާ ގަޑިއިރުތަކެއް ވެފައިވާ އިރު، އިމާރާތުގެ ބައެއް ފާރުތަކުން ރެނދުތައް ފެންނަ ކަމަށް ވެސް ބައެއް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން އެންމެ ބޮޑަށް އަލިފާން ރޯވެފައި ހުރީ އިމާރާތުގެ ތިން ވަނަ ބުރީގަ އެވެ. އެންމެ ފުރަތަމަ އާންމުވި ހަބަރުތައް ބުނާ ގޮތުން އަލިފާން ރޯވީ އިމާރާތުގައި ހުންނަ އޮފީސް ބައިގަ އެވެ. އެއަށް ފަހު އިމާރާތުގައި ހުންނަ ޖިމެއްގެ ގޮތުގައި ބޭނުންކުރާ ހޯލަށް އަލިފާންގަނޑު ފެތުރި، އިތުރު ބައިތަކުގައި ވެސް މިހާރު ވަނީ އަލިފާން ރޯވެފަ އެވެ.
ވެރިރަށް ކޭޕްޓައުންގައި ހުންނަ ޕާލަމެންޓް އިމާރާތް ހުންނަނީ މައިގަނޑު ތިން ބައެއް ހިމެނޭ ގޮތަށެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ މުސްކުޅި އިމާރާތަކީ 1884 ވަނަ އަހަރު ބިނާކުރި އިމާރާތެކެވެ. އޭގެ ފަހުން، އިތުރު ކުރި ދެ އިމާރާތުގެ ތެރެއިން އެއް އިމާރާތް ބިނާކުރީ، 1920ގެ އަހަރުތަކުގަ އެވެ. އެންމެ ފަހުން އިތުރު ކުރި އިމާރާތް ބިނާކުރީ 1980ގެ އަހަރުތަކުގަ އެވެ.