02 ޖެނުއަރީ 2022 - 13:11

ކަޝްމީރުގެ އިންޑިއާ ފަޅީގައި ހުންނަ ހިންދީ ފައްޅިއެއްގައި އާ އަހަރު ފާހަކުރުމަށް އެއްވި އެތައް ހާސް ބަޔަކު ފިތި ބާރުވެގެން އޭގެ ތެރެއިން މަދުވެގެން 12 މީހަކު މަރުވެ އެތައް ސަތޭކަ ބަޔަކަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.
ކަޝްމީރުގައި ހުންނަ މާތާ ވައިޝްނޫ ދޭވީ ފައްޅީގައި ބަޔަކު ފިތި ބާރުވުމުގެ ހާދިސާ ހިނގީ، ފައްޅީގައި އޮތް އާ އަހަރު ފެށުމުގެ އަޅުކަމަށް ގޮސް ތިބި ބައެއްގެ މެދުގައި ހިނގި ދެބަސްވުމެއްގެ ތެރޭގައި މީހުންތައް ތޮއްޖެހުމުގެ ސަބަބުންނެވެ. ކޮންމެ ދުވަހަކު ވެސް އެތައް ހާސް ބަޔަކު އެ ފައްޅިއަށް ޖަމާވާއިރު، އިއްޔެގެ އަޅުކަމުގައި އެހެން ދުވަސްތަކާ ހިލާފަށް ގިނައިން މީހުން ބައިވެރިވި ކަމަށް ނޫސްތަކުން ބުނެ އެވެ.
ކޮވިޑްގެ ތެރޭގައި ދުވާލެއްގެ މައްޗަށް ފައްޅިއަށް ވަދެވޭނެ މީހުންގެ އަދަދު ވަނީ 25،000 އަށް ދަށްކޮށްފަ އެވެ. ނަމަވެސް އިއްޔެ އޮތް އަޅުކަމަށް އޭގެ ދެ ގުނަ ހާޒިރުވި ކަމަށްވެ އެވެ. ފިތި ބާރުވުމުގެ ހާދިސާ ހިނގުމާ ވިދިގެން، ފައްޅިއަށް މީހުން ވަނުން އިރުތަކެއް ވަންދެން މެދުކަނޑައިލި އެވެ. ނަމަވެސް، އެ ހާދިސާގައި މަރުވި މީހުންގެ ހަށިތަކާއި އަނިޔާ ލިބުނު މީހުން ހޮސްޕިޓަލަށް ގެންދިއުމަށް ފަހު، ފައްޅި ވަނީ ހުޅުވާލައިފަ އެވެ.
މި ހާދިސާގެ ތަހުގީގު މިހާރު ކުރަމުން އަންނަ ކަމަށް އިންޑިއާ ފުލުހުން ބުންޏެވެ. މި ހާދިސާއާ ގުޅިގެން ވަރަށް ބޮޑަށް ހިތާމަ ކުރައްވާ ކަމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވި އެވެ.
އާންމު ގޮތެއްގައި އިންޑިއާގެ ފައްޅިތަކުގައި އޮންނަ އަޅުކަމަށް މީހުން ވައްދަނީ، ސަލާމަތީ ފިޔަވަޅުތަކާ އެކުގައި ކަމަށްވާތީ، ފައްޅިތަކުގައި އޮންނަ އަޅުކަންތަކުގައި، މީހުން ފިތި ބާރުވުމުގެ ހާދިސަތައް ހިނގަނީ ވަރަށް މަދުންނެވެ.