02 ޖެނުއަރީ 2022 - 11:42

ކ. ގުޅިފަޅު ކައިރިއަށް ބޯވަ ހިފަންދިޔަ "ޖަންނު" ކިޔާ ލޯންޗަކުން މޫދަށް ފޭބި ފަހުން ގެއްލިގެން ހޯދަމުން އަންނަ ޝުރޭހު ހަސަން އަދިވެސް ނުފެންނަ ކަމަށް އޭނާގެ އާއިލާ އިން ބުނެފި އެވެ.
ކުމުންދު އަށް އުފަން، 21 އަހަރުގެ ޝުރޭހުގެ އާއިލާ ރަށުގައި ދިރިއުޅެމުން އައި ނަމަވެސް އޭނާއަކީ ގްރޭޑް 5ގައި ކިޔަވަން މާލެ އައި ގޮތަށް މާލޭގައި އުޅެމުން އައި ޒުވާނެކެވެ.
ރަށުގައި ހުރި އޭނާގެ މަންމަ، "މިހާރު" އަށް ކިޔައިދިން ގޮތުގައި އާއިލީ ރައްޓެހި ބައެއްގެ ގާތުގައި އެންމެ ކުރިން ފެށިގެން ވެސް އުޅެމުން އައި ޝުރޭހުއަކީ އާންމުކޮށް ބޯވާ ނެގުމަށް ގޮސް އުޅޭ ވެސް ޒުވާނެއް ނޫނެވެ.
ވަޒީފާ އަށް ދިއުމުގެ އިތުރުން ޝުރޭހު އައީ މެކޭނިކަލް އިންޖީނިއަރިން ކޯހެއްގައި ބައިވެރިވެގެން ކިޔަވަމުންނެވެ. ވަރަށް ބިޒީކޮށް އުޅެން ޖެހޭތީ އަމިއްލަ ބޭނުންތަކުގައި އޭނާ ގެއިން ބޭރަށް ނިކުމެ ހަދާނީ ވެސް ވަރަށް މަދުން ކަމަށް އޭނާގެ މަންމަ ބުންޏެވެ.
"ހުކުރު ދުވަހަކީ އޮފް ދުވަސްވީމަ ރައްޓެހިންތަކަކާ އެކީގަ ދިޔައީ ކަމަށް ބެލެވެނީ. އެ ހާދިސާ ހިނގިއިރު އޭނާ އުޅޭ ގޭގެ މީހުން ވެސް ވީ ޗުއްޓީ އަށް ބޭންކޮކަށް ގޮސް،" މަންމަ ބުންޏެވެ.
ޝުރޭހު ފެންނާނެ ކަމަށް އޭނާގެ މަންމަ އަދިވެސް އުއްމީދުކުރެ އެވެ. އެކަމަކު އެ ވާހަކަ އިތުރަށް ދައްކަން ބޭނުން ނުވާ ކަމަށާއި މިވަގުތު ބޭނުން ވަނީ ބޯހަމަޖައްސާލަން ކަމަށް ބުންޏެވެ.
"ޝުރޭހު ގެއްލުނު ހަބަރާ އެކު ވަރަށް ހިތްދަތިވި. ޝުރޭހުގެ ބައްޕައަކީ ނުކުޅެދޭ މީހެއް. އެ ހަބަރު އިވިގެން އޭނާގެ ހާލު ދެރަވެ ރަށުން ފަރުވާ ނުދެވިގެން ކުޅުދުފުއްޓަށް ގެންގޮސް ފަރުވާ ދޭން ޖެހުނު. ރަނގަޅަށް ކެވެނީކީ ނޫން. އާއިލާ އެކީ މާޔޫސްވެފައި،" އޭނާގެ މަންމަ ކިޔައިދިނެވެ.
އެ އާއިލާގައި ތިބި 10 ކުދިންގެ ތެރެއިން ޝުރޭހުއަކީ ފަސް ވަނަ ކުއްޖާ އެވެ. އެންމެ ފަހުން ޝުރޭހު އާއިލާ ގާތަށް ރަށަށް ދިޔައީ މިދިޔަ ޖުލައި މަހު އެވެ. އެކަމަކު އެފަހަރު ވެސް ކަރަންޓީނުގެ މުއްދަތަށް ފަހު އާއިލާގެ ގާތުގައި މަޑުކުރީ ހަފްތާއެއްހާ ދުވަހަށެވެ. މަދުމަދުން ރަށަށް ދިޔަ ނަމަވެސް އޭނާ އައީ ކޮންމެ ދުވަހަކު ވެސް މަންމަ އަށް ގުޅައި ވާހަކަ ދައްކަމުންނެވެ.
އެކަމަކު މިދިޔަ ހުކުރު ދުވަހު ޝުރޭހުގެ ހަބަރެއް ނުވެ އުޅެނިކޮށް މަންމަ އަށް ލިބުނީ އޭނާ ގެއްލިގެން އުޅޭ ހަަބަރެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި ގުޅީފަޅުގެ ހުޅަނގުދެކުނު ކަންމަތީގައި ބޯވަ ހިފަން އުޅެނިކޮށް ޝުރޭހު އޮޔާ ދަމައިގަތީ ވާދޫ ކަނޑުތެރެއަށް ހުޅަނގަށް ވާގޮތަށެވެ. އޭނާ ހޯދުމަށް ކޯސްޓްގާޑުގެ ޑައިވަރުން ވަނީ ޑައިވްކޮށްގެން 55،000 އަކަ މީޓަރު ބަލައިފަ އެވެ. އަދި ސްނޯކެލް ކޮށްގެން 36،000 އަކަމީޓަރުގެ ސަރަހައްދެއް ބަލި ނަމަވެސް އޭނާ ނުފެންނަ ކަމަށް ބުނެ އެވެ.