ކަޅު ސަފުހާ
ކަޅު ސަފުހާ

ބުދަ ދުވަހާ ގުޅޭ

އެ އަޑު އަޒްރާއަށް އިވުނީ ގުގުރިއެއްޖެހިހެންނެވެ. އޭނަ ސިއްސައިގެންދިޔައެވެ. އެ މަންޒަރު ފެނުމުން ނައުޝާދު ހައިރާންވެފައި މަތީނަށް ބަލައިލިއެވެ. މަތީން ގާތަށް އައީ ލާނެތް ހިންޏެކެވެ. ފެންފުޅިއެއް ގެންނަން ތަންކޮޅެއް ބާރަށް މަތީން ގޮވައިލީ ބޭނުމަކުއެވެ. އެ ބޭނުން ފުދިއްޖެއެވެ. ފެން ގެންނާތީ "މީހަކަށް" އުނދަގޫވެއްޖެއެވެ.

"ކިހިނެއްވީ؟" ނައުޝާދު ސުވާލުކުރިއެވެ.

"މި ތަނަށް ވަނީމަ ނޭވާހާސްވަނީ." ފުންކޮށް ނޭވާލަމުން އަޒްރާ ބުންޏެވެ.

"އެ ކަމާ ހާސްނުވޭ!" މަތީން ބުންޏެވެ. "ފެންފުޅި ގެންނަ ހިސާބުން ދެނެއް ބަނޑަކު ނުރިއްސާނެ."

އެއީ މަތީން އާންމުކޮށް ބޭނުންކުރާ އުކުޅެކެވެ. އެ ފަހަރު ވެސް އުކުޅު ކާމިޔާބުވިއެވެ. ފެންފުޅީގެ ވާހަކަ މަތީން ބުނުމާއެކު އަޒްރާގެ ބަނޑު، އާންމުކޮށް ހުންނަ ވަރަށް ކުޑަވިއެވެ. އެއީ ލޯ ކުރިމަތީގައި ހިނގި ކަމެކެވެ. އެ ހިސާބުން ނިމުނީކީ ނޫނެވެ. އަޒްރާގެ ނޭވާ ހަމައަކަށްއެޅުނެވެ. ބަނޑުގެ ރިހުން ވެސް ކެނޑުނެވެ. ޖިންނީންނަށް ދެއްވި ތަފާތު އިނާޔަތަކީ ރޫހާނީ ބާރެވެ. އޭގެ ސަބަބުން އިންސާނުންނަށް ފަރުދާވެގެން ތިބުމުގެ ކުޅަދާނަކަން އެ މަހުލޫގުންނަށް ލިބެއެވެ. ދަތުރުކުރުމުގެ ދުވެލި، ފޯނުގެ ސިގުނަލާ އެއްވަރަށް ހަލުވިވެ، ސިގުނަލަށް ނުވަދެވޭ ތަންތަނަށް ވެސް އެ ބާރަށް ވަދެވެއެވެ. ބޭނުން ސިފަޔަކަށް ބަދަލުވެވެއެވެ. އިންސާނުންނަށް އެ ސިފަތައް ނުދެއްވި ނަމަވެސް، ޖިންނީންގެ މައްޗަށް އިންސާނުންނަށް ބާރުދެއްވިއެވެ. ޤުރުއާނުގެ ކަލިމަތަކުން ޖިންނީން ކަކޫމައްޗަށް ތިރިކުރެވެއެވެ. ހައްޔަރުކުރެވެއެވެ. ފަނާކޮށްލެވެއެވެ. އެއީ ޖިންނީން ވެސް ދަންނަ ހަގީގަތެކެވެ. ފެނަށް ކިޔަވަން އުޅޭކަން އެނގޭ އިރަށް ޖިންނިސައިތާނުން ބިރުގަންނަނީ އެހެންވެއެވެ. ނައުޝާދު ދުށް ގޮތުގައި އެ މޭޒު ކައިރީގައި ތިބީ މުޅިއެކު ތިން އިންސާނުންނެވެ. ނައުޝާދާއި، އަޒްރާއާއި، މަތީނެވެ. އެހެންނަމަވެސް މަތީނަށް "ފެންނަ" ގޮތް ތަފާތެވެ. މަތީނަށް ފެންނަނީ އަޒްރާގެ ތޮށިގަނޑު އެކަންޏެވެ. ހުރިހާ ކޮންޓުރޯލެއް އޮތީ އެހެން ބާރެއްގެ މުށުތެރޭގައެވެ. އަޒްރާއަށް ބަލަހައްޓައިގެން މަތީން ވާހަކަދެއްކިޔަސް މަތީން ވާހަކަދައްކަނީ އަޒްރާއަކާ ނޫނެވެ.

"ބަލަ ފެން ގެންނަންދެން މަޑުކޮށްލި ނަމަ." މަތީން ބުންޏެވެ.

ނައުޝާދަކަށް ވާނުވާއެއް ނޭނގެއެވެ. އަޒްރާ ލާނެތް ގޮތަކަށް ހީނގަތެވެ. ހީވަނީ އޭނަ ކުރަން އުޅުނު ކަންތައް ބޭޒާރުވީހެންނެވެ.

"ކީއްވެ ތި ހެނީ؟" ނައުޝާދު ސުވާލުކުރިއެވެ.

"ދެން ހެވޭނެއްނު! ހެއްވާ ކަމެއްވިއްޔަ އެ ވީ،" އަޒްރާ ބުންޏެވެ. "ގަބޫލެއް ނުވެސް ކުރެވޭ! އެކަމަކު އަހަންނަށް ވީކަމެއް ވީމަ ގަބޫލުކުރަން ވެސް އެބަ ޖެހޭ."

މަތީނަށް ފާހަގަކުރެވުނު ގޮތުގައި އަޒްރާގެ އަނދިރި މާޒީއެއް އެބަ އޮތެވެ. ޖިންނީންނާއި ރުގުޔާ ގަބޫލުނުކުރަނީ އެހެންވެއެވެ. ކޮންމެ ގޮތެއް ހަދައިފައި ނަމަވެސް މަތީން ޖެހޭނީ އެ ހާދިސާ ތިލަކުރާށެވެ. އޮޅުންފިލުވާށެވެ. އެހެނަސް އޭގެ ނަތީޖާ ރަނގަޅު ނުވާނެހެން މަތީނަށް ހީވާން ފެށިއެވެ.

"ކީއްވެ ގަބޫލުނުކުރެވެނީ؟" މަތީން އެހިއެވެ. "އަހަންނަށް ކިޔައިދީބަލަ!"

އަޒްރާގެ ހަށިގަނޑުގެ ކޮންޓުރޯލު އަޒްރާއަށް ލިބުނެވެ. ކުޑަ އިރުކޮޅަކަށެވެ. އޭނަ ވިސްނައިލިއެވެ. އެ ވާހަކަ ކިޔައިދީފިއްޔާ ވާހަކައިން ވާހަކަ ފަޅާނެއެވެ. ދެން ހުރި ވާހަކަތައް ވެސް ކިޔައިދޭން ޖެހޭނެއެވެ. މާޒީގެ ޑައިރީގައި ފޮރުވައިފައިވާ ކަޅު ސަފުހާ ހުޅުވާކަށް އަޒްރާއަކަށް ފަސޭހައެއް ނޫެނެވެ.

"ކުޑައިރުއް ސުރެ އަހަރެންގެ ބައްޕައަކީ ތި ކަހަލަ ފާޑުފާޑުގެ ކަންތައްކުރާ މީހެއް،" ވަރަށް ވިސްނައިގެން އަޒްރާ ކިޔައިދޭން ފެށިއެވެ. "އޭރު ކިޔަނީ ފަންޑިތަ. ސިހުރޭ ވެސް ކިޔާ. ދެން އަހަންނަކަށް ނޭނގެ އަސްލު ނަމެއް، އެކަމަކު އަހަންނަށް ފެނޭ މީސްމީހުންނަށް ބައްޕަ ދޭ ލަނޑު. ފެނޭ ކުރާ ކަންތައް ވެސް. އަހަންނަށް އެނގޭ ބައްޕަ މަކަރުކަން އެ ހަދަނީ. މިސާލަކަށް މީހަކު އަތުވެދާނެ ކޮންމެވެސް ކަމެއް ކުރަން. އައީމަ، ސިޓިންރޫމުގަ ތިބެގެން ދެ މީހުން ވާހަކަތަކެއް ދައްކައިފަ، އެ މީހާ ސޯފާގަ ބައިންދާފަ، ބައްޕަ ވަދެދާނެ ކޮޓަރިއަށް. ވަދެފަ އޮވެދާނެ ނިދާފަ ވެސް. ދެން އެއްކަލަ މީހާ އިންނާނެ ސޯފާގަ ވައިވެފަ. އޭނައަކަށް ނޭނގޭނެ ބައްޕަ ކުރަނީ ކީއްކަމެއް. މަގުރިބު ނަމާދު ވެސް ނުކޮށް އޮށޯންނާނީ. އިޝާ ނަމާދަށް ގޮވާ އިރު ވެސް ހެޔެއްނުލާނެ. ދެން އަހަރެން އޭރު ހިތަށްއަރާ ބައްޕަ ކީއްބާއޭ އެ ކުރަނީ. ކުޑައިރު ދެން އެ ކަހަލަ އެއްޗެއްނު ހިތަށްއަރާނީ. އަހަންނަކަށް ނުފެނޭ ބައްޕަ އެއްވެސް ކަމެއް ކުރި ތަނެއް. އިރުގަނޑެއްކޮށްފަ ހޭލައިގެން އައިސް އެ މީހާ ގާތުގަ ބުނާނެ އާނ ދެން ތި ކަން ހަމަޖެހިފަޔޭ އޮންނާނީ. އެ މީހާ އަތުން ބައްޕަ އަތުލާނެ ފަސް ސަތޭކަ ރުފިޔާ. މިހާރަށް ބަލާ އިރު އެއީ ފަސް ހާސް ރުފިޔާ. ކޮންމެ ރެޔަކު އަންނާނެ ދެތިން މީހުން. އެހެންވެ އަހަންނަށް އެ ވެސް ގަބޫލެއް ނުކުރެވޭ! ތި ވެސް ގަބޫލެއް ނުކުރެވޭ!"

ކުރީ ޒަމާން އެކަންޏެއް ނޫނެވެ. މަކަރުހެދުމަކީ ހުރިހައި ޒަމާނެއްގައި ވެސް ހިނގާ ކަމެކެވެ. މަތީނަކަށް އެ ކަމެއް ނޯޅެއެވެ. ގަމާރު މީހުންނަށް ކެހިދީގެން ފައިސާ އަތުލުމަކީ ވިޔަފާރިއެކެވެ. އާމުދަނީ ހޯދުމުގެ ގޮތުން ބަޔަކު ކުރާ މަސައްކަތެކެވެ.

"ގަބޫލުކުރުމާ ނުކުރުމަކީ އަމިއްލަ އިހުތިޔާރުގަ އޮންނަ ކަމެއް. ބައްޕަ މަކަރުހެދީ ލާރި ހޯދަން. އޭގެ މާނައަކީ ރުޤްޔާއަކީ ގޯސް އެއްޗެކޭއެއް ނޫނެއްނު." މަތީން ބުންޏެވެ.

"ބައްޕަ ރަނގަޅެކޭ ނޫން. އަހަރެންގެ ސުވާލަކީ، ބައްޕައަށް އެހެން އުޅެވުނީ ކީއްވެހޭ؟ ހުރިހާ ކަމެއް ވެސް މި އޮންނަނީ ލިޔުއްވާފައެއްނު،" އަޒްރާ ބުންޏެވެ. "މިސާލަކަށް އަހަރެން ކިތަންމެ ރަނގަޅަށް އުޅެން ބޭނުންވިޔަސް، ލިޔުއްވާފަ އޮތް ގޮތަކަށްނު އަހަންނަށް އުޅެވޭނީ."

ވާހަކަ ގެންދާ މިސްރާބު މަތީނަށް އެނގެއެވެ. އިންސާނުންގެ ސިކުނޑިޔާ ކުޅެގެން އަގީދާ ބަލިކަށިކުރުމަކީ ޖިންނިސައިތާނުންގެ ވަޒީފާއެވެ. އެކަމަކު، ދެއަތަށް ކިރިކިރި ތިބޭ މީހުންނަށް މަގު އޮޅުވައިލެވުނަސް މަތީނަށް ވާނުވާ އެނގެއެވެ. ފޭހުނު އިލޮށިގަނޑު އޭނަގެ ލޮލަށް ހަރައިލަން މަތީން ތައްޔާރުވިއެވެ.

"އެހެންވިއްޔާ ދެން ކީއްކުރަން ރަނގަޅަށް ތި އުޅެނީ؟" މަތީން ސުވާލުކުރިއެވެ. "ހިތުހުރިހާ ނުބައިކަމެއް ވެސް ކުރަންވީނު. އާނ އެ ގޮތަށް ލިޔުއްވާފަ އޮތީމަތާ ހުރިހާ ނުބައިކަމެއް ވެސް ކުރެވެނީ. ދެން ބުނާނީ ރަނގަޅުކަމެއް ނުކުރެވެނީ އެ ގޮތަށް ލިޔުއްވާފަ ނެތީމައޭ. ދެން މިހާރު ތި ދިމާވެގެން އުޅޭ ކަންތައް ވެސް ތީ ލިޔުއްވާފަ އޮތް ގޮތޭ ކިޔާފަ އުޅުނީމަވީނު. ކީއްކުރަން ރަނގަޅުކުރަން ތި އުޅެނީ؟ ތީ ބޭކާރު ކަމެއްނު! ލިޔުއްވާފަ އޮތީމައެއްނު ތިހެން ތި ވަނީ."

"އާނ ތިހެން ވެސް އެއްބައި ފަަހަރު ހިތަށްއަރާ!" އަޒްރާ އެއްބަސްވިއެވެ. "އެހެންވެ މި ތަނަށް ނާންނަން ވެސް ހިތަށްއެރި. އެކަމަކު މީހުން ކިޔައެއްނު ރުގުޔާކުރީމަ ރަނގަޅުކުރެވެޔޭ!"

"ކީއްކުރަން އެ ވާހަކަ ގަބޫލުކުރަނީ؟ ކީއްކުރަންހޭ އެ ކަމާ ވިސްނަނީ؟ ކޮބާ ބޭނުމަކީ؟ އަޅާ ވެސް ލާނެކަމެއް ނެތް. އެއީ ލިޔުއްވާފަ އޮތް ގޮތް،" ދެކޮޅުހެދުމުގެ ބަދަލުގައި މަތީން ވެސް އަޒްރާޔާ އެއްބައިވިއެވެ. "ވާނެ އެއްޗެއް ވަންދެން ހުރޭ!"

މަތީން ދެކޮޅަށް ވާހަކަ ނުދެއްކުމުން އަޒްރާ ދައްކާނެ ވާހަކަ ހުސްވިއެވެ. އެއީ އުކުޅެކެވެ. އަޒްރާ ކަހަލަ އެތައް ޒުވާނުންނެއް މަތީނާ ދިމާވެއްޖެއެވެ. ރަނގަޅުކުރެވިއްޖެއެވެ. އެ މީހުންނަށް މަގުދައްކަން އެންމެ ފަސޭހަ ގޮތް މަތީނަށް އެނގެއެވެ.

"އެކަމަކު ބުނެއްނު ސުވަރުގެޔާ.." އަޒްރާއަށް ބުނެވުނީ އެ ހިސާބަށެވެ.

"ބަލަ އެ ހިސާބަށް ވިސްނާނެކަމެއް ނެތެއްނު! ލިޔުއްވާފަ އޮތް ގޮތަށް އުޅެލީމަ ނިމުނީނު،" ވަރަށް ހަމަޖެހިލައިފައި މަތީން ބުންޏެވެ. "އިންސާނާޔަށް ދެއްވި ސިކުނޑިޔާ، ބުއްދީގެ ބޭނުން ހިފަނީ ކީއްކުރަން؟ އަޒްރާއަކީ ބޮޑު ހިލަގަނޑެކޭ. އެކަމަކު ވޭން އެބަ އަޅާ ދޯ؟ ކިހާ ދެރަ. ތިޔަށް ވުރެ މި މޭޒު ވެސް މާ ރަނގަޅެއްނު. ޖެހިޖެހީނުން ބިންދައިލިޔަސް ކޫސް ވެސް ކިޔައިނުލާނެ."

މަތީން ވާހަކަދެއްކީ އަޒްރާއަށް ވިސްނަން މަޖުބޫރުވާ ގޮތަށެވެ. ޖިންނިސައިތާނުންނަކީ އިންސާނުންގެ ނާރުތަކުގައި ލޭ ދައުރުވާހެން ދަތުރުކުރާ ބަޔެކެވެ. ހަށިގަނޑަށް ވަންނަ ވަރަށް ވުރެ އަވަހަށް ނުކުމެދާނެއެވެ. އަނެއްކާ ވަދެދާނެއެވެ. ބައެއް ފަހަރު ނުނިކުމެ އެތެރޭގައި މަޑުކުރެއެވެ. އަނެއްބައި ފަހަރު ނުވަދެ ބޭރުގައި ހުރެއެވެ. ޖިންނި އަވަލަވައިފައި ތިބޭ މީހުން އެކި ވަގުތު އެކި ގޮތަށް ހަރަކާތްކޮށް ޖަވާބުދާރީ ވަނީ އެހެންވެއެވެ. އަޒްރާގެ ފަރާތުން ވެސް ފެނުނީ އެ ކަހަލަ އަލާމާތްތަކެކެވެ.

"ދެން އޯކޭ! ނައުޝާދު ބުނި މަތީނަކީ ވަރަށް މޮޅަށް ރުގުޔާކުރާ މީހެކޭ. އަހަރެން ރަނގަޅުކުރެވިދާނޭ!" އަޒްރާ ބުންޏެވެ.

"ބަލަ ނައުޝާދު ދައްކާ ވާހަކަ ގަބޫލުކުރަނީ ކީއްކުރަންހޭ؟" ވިސްނައިދޭ ރާގަކަށް މަތީން ބުންޏެވެ. "ކަމެއް ރަނގަޅުކުރަން ނޫނީ ބަދަލުކުރަން އުޅޭނެކަމެއް ނެތެއްނު. ތީ ލިޔުއްވާފަ އޮތް ގޮތް ވިއްޔަ. ނައުޝާދަކާ ކޮން ބެހޭ ކަމެއް؟ އިހަށްދުވަހަކު ދިމާވި މީހެއް. އަހަންނާ ކޮން ބެހޭ ކަމެއް؟ މިރޭ ދިމާވި މީހެއް."

މަތީން ވާހަކަދެއްކީ ހިނިތުންވުމާ އެކުގައެވެ. ކެތްތެރިކަމާއި މަޑުމައިތިރިކަން އިހުތިޔާރުކުރަމުންނެވެ.

"އޭނަ ދެކެ އަހަރެން ވަރަށް ލޯބިވެޔޭ!" އަޒްރާ ބުންޏެވެ.

"އޭނަ ދެކެ ލޯބިވާން ވެސް ލިޔުއްވާފަތަ އޮތީ؟" މަތީން އެހިއެވެ.

"ތިއެއް ނޭނގެ!" އަޒްރާ ބުންޏެވެ.

"އަހަނ! މި ފަހަރު ލިޔުއްވާފަ އޮތް ކަމެއް ނޭނގޭ. އެކަމަކު ލޯބިވެވިއްޖެ! ތީ އަޖައިބެއްނު!" މަތީން ބުންޏެވެ.

"ލިޔުއްވާފަ އޮތީމައެއްނު އަހަރުމެން ދެ މީހުން ދިމާވީ!" އަޒްރާ ބުންޏެވެ.

"އާނ! ތީ އަހަރެން ދައްކަން މި އުޅޭ ވާހަކައަކީ،" މޭޒުމަތީގައި މަޑުމަޑުން ޖަހައިލައިފައި މަތީން ބުންޏެވެ. "ތި އައީ ޕޮއިންޓު. ކީއްވެ އަހަރުމެން ދެ މީހުން މި ދިމާވީ؟ އެ ކަމާ ވެސް ވިސްނަން އެބަ ޖެހެއެއްނު! އަހަރުމެންނަށް އެބަ އެނގޭ ލިޔުއްވާފަ އޮތްކަން. އޮތް ގޮތެއް ނޭނގެއެއްނު. ކަމެއްވެ ނިމުނީމަ މި އެނގެނީ އެއީކަން ލިޔުއްވާފަ އޮތް ގޮތަކީ. އެކަމަކު އޭގެ ހިކުމަތެއް ވެސް ނޭނގެ. އެހާ ވެސް ނިކަމެތިބަޔެއް އިންސާނުންނަކީ. ޖިންނި ސައިތާނުންނާ އިންސާނުން ވެސް ހެއްދެވި ފަރާތުން އެބަ އޮވޭ ބަލިތަކާ މުސީބާތްތަކުން ސަލާމަތްވާނެ ގޮތް އަންގަވާފަ. އޭގެ ބޭނުންކޮށްފިއްޔާ އަޒްރާ ސަލާމަތްވާނެކަމަށް ލިޔުއްވާފައެއް ނެތް؟"

ނުނިމޭ