ކޮވިޑްގައި ވާނެއެއްޗެއްވާން ދޫކޮށްލައިގެން!
ކޮވިޑްގައި ވާނެއެއްޗެއްވާން ދޫކޮށްލައިގެން!

ދެ އަހަރުވެގެން ދިޔައިރު ވެސް ކޮވިޑްގެ ބަލިމަޑުކަމުން އަރައިނުގަނެވި އަދިވެސް އުޅެންޖެހިފައި މި ވަނީ އެ ބައްޔަށް ވަރަށް ބޮޑަށް ސަމާލުވެގެންނެވެ. އެހެންވެ އާ އަހަރާ ދިމާކޮށް މީހުންގެ ހަރަކާތްތެރިކަން އިތުރުވާނެތީ އެކަން ނުކުރަން އެޗްޕީއޭ އިން ވެސް އިލްތިމާސްކުރި އެވެ. އެކަމަކު މިހާތަނަށް ފެނުނު އެންމެ ފަސޭހައިން ފެތުރޭ ކޮވިޑްގެ ވެރިއެންޓުގެ ބިރު ބޮޑުވެފައި އޮތް މި ދުވަސްވަރު ވެސް އެއްވެސް ކަމެއްގައި މާބޮޑު ބެލުމެއް ނެތެވެ.

ކޮވިޑްގައި ވާނެއެއްޗެއްވާން ދޫކޮށްލައިގެން!
ކޮވިޑްގައި ވާނެއެއްޗެއްވާން ދޫކޮށްލައިގެން!

އާ އަހަރުގެ ޝޯ އާއި ހަވާ އެރުވުމުގެ ހަރަކާތުން އެކަނި ވެސް އެޗްޕީއޭގެ އިލްތިމާސްތައް މިހާރު ބޮލާލައި ޖަހަނީކަން ސާފުވެ އެވެ. ހުޅުމާލޭ ޓްރެކް ސަރަހައްދުގައި ފިތި ބާރުވެގެން އެތައް ބަޔަކު ޝޯ ބަލަން ގޮސް ތިބިއިރު ސެންޓްރަލް ޕާކު ކައިރި ވަށައި އޮތް މަގުތައް ވެސް އޮތީ ހަވާ އެރުވުމުގެ ހަރަކާތް ބަލަން ދިޔަ މީހުން އެއްވެ ފުރާލައިފަ އެވެ.

ކޮވިޑްގައި ވާނެއެއްޗެއްވާން ދޫކޮށްލައިގެން!
ކޮވިޑްގައި ވާނެއެއްޗެއްވާން ދޫކޮށްލައިގެން!

ރާއްޖެއިން ބޭރަށާއި ރަށްރަށަށް ދަތުރުކުރުމާއި ހިތާނީ ހަފުލާތައް އިތުރުވާތީ މިފަހަރު ވެސް އެޗްޕީއޭގެ އިލްތިމާސް ތަކުރާރުކުރި އެވެ. އެކަމަކު އެއިން އެއްވެސް ކަމަކަށް ބަލާ މީހަކު އުޅޭހެން ހިއެއް ނުވެ އެވެ. ކަނޑައަޅާފައިވާ އުސޫލުތައް ތަންފީޒެއް ވެސް ނުކުރެ އެވެ.

ކުރިއާ ހިލާފަށް މި ވަގުތު ކޮވިޑަށް އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހެނީ ރާއްޖެއިން ވެސް ކޮވިޑްގެ އާ ވޭރިއަންޓް، "އޮމިކްރޯން" ފެނިފައިވާތީ އެވެ. މިއީ މިހާތަނަށް ފެނިފައިވާ އެހެން ބާވަތްތަކަށް ވުރެ ހަލުވިކޮށް ފެތުރޭ ވައިރަހެކެވެ. މިދިޔަ ނޮވެމްބަރު 27 ގައި މި ވެރިއަންޓް ރާއްޖޭން ފެނުމާ އެކު، އެ ވެރިއަންޓް އެންމެ ބޮޑަށް ފެތުރިފައިވާ ގައުމުތަކުން މީހުން ރާއްޖެ އަށް އައުން ވެސް މަނާކުރި އެވެ.

ކޮވިޑް ފެތުރެމުންދާ ގޮތަށް އަންނަ ބަދަލުތަކާ އެކު ކޮވިޑްގެ ބޫސްޓާ ޑޯޒް ޖެހުމުގެ މަސައްކަތް ފަށާފައިވާއިރު ރާއްޖޭގެ މުޅި އާބާދީ އަށް ބޫސްޓާ ޑޯޒް ޖެހުމުގެ ޕްރޮގްރާމު ފެށުމަށް ބޭނުންވާ ވެކްސިނާއި ސިރިންޖް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

މި ބަލިމަޑުކަމުން ރައްކާތެރިވުމަށް ގިނަ ބައެއްގެ އެއްބާރުލުން ބޭނުންވާ ކަމަށް ބުނާ ބުނުން އެޗްޕީއޭ އިން ތަކުރާރުކުރަމުން އައި ނަމަވެސް މިއީ އާންމު ރޯގާއެއްގެ ގޮތުގައި މިހާރު ގިނަ ބަޔަކު ދެކެ އެވެ. އެހެންވެ ރައްކާތެރިކަމަށް ދެވޭ ސަމާލުކަން ކުޑަ އެވެ.

އެކަމަކު ރާއްޖޭގައި ފެތުރެމުން އަންނަ ކޮވިޑްގެ ބަލިމަޑުކަމަށް ސަމާލުކަން ނުދީ ދޫކޮށްލެވޭ ވަރަށް ވުރެ ހާލަތު އަދިވެސް ގޯހެވެ. ކުރިން އެޗްޕީއޭ އިން 6،000 އެއްހާ ސާމްޕަލް ޓެސްޓްކުރަމުން އައި ނަމަވެސް މިހާރު މުޅި ރާއްޖެއިން ނަގާ ސާމްޕަލްގެ އަދަދު ދެ ގުނަ ދަށެވެ. ލައްކައެއްހާ މީހުން އުޅޭ މާލެއިން ކޮންމެ ދުވަހަކު ހާހެއްހާ ސާމްޕަލް ނަގަމުން އަންނައިރު މާލެއިން ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 50 އާ ގާތްކުރެ އެވެެ.

ރަށްރަށުގައި ވެސް އާބާދީގެ 95 ޕަސެންޓް ވެކްސިން ފުރިހަމަކުރި ނަމަވެސް އެ ރަށްތަކަށް ވެސް ބަލީގެ ބިރުވެރިކަން ފިލައިގެނެއް ނުދެ އެވެ. އިއްޔެ ރޭ 7:30 ގެ ނިޔަލަށް 11 ރަށެއް މޮނިޓަރިންއަށް ލާފައި އޮތްއިރު މީގެ ތެރޭގައި ރަށުގެ އާބާދީގެ ބޮޑު ބައެއް ވެކްސިން ޖަހައިގެން ތިބި ރަށްތައް ވެސް ހިމެނެ އެވެ.

ކޮވިޑްގެ އާ ވޭރިއަންޓު ފެނުނު ފަހުން ބެލި ފެތުރޭ ރޭޓަށް އަދި މާބޮޑު ބަދަލެއް އަންނަ ތަނެއް ނުފެނުނަސް އެހެން ގައުމުތަކުން ފެންނަނީ އަނެއްކާވެސް ކަންބޮޑުވާންޖެހޭ މަންޒަރެކެވެ. އާ ވެރިއަންޓް ފެތުރެން ފަށައި ރެކޯޑް އަދަދަކަށް ކޮންމެ ދުވަހަކު ބައްޔަށް މީހުން ޕޮޒިޓިވްވެ އެބަވެ އެވެ.

ރާއްޖޭން ވެރިއަންޓް ފެނުނު، މިދިޔަ ނޮވެމްބަރު މަހުގެ 27 އިން މިދިޔަ މަހުގެ ނިޔަލަށް 145,444 ސާމްޕަލް ޓެސްޓްކޮށްފައި ވާއިރު ޕޮޒިޓިވްވީ 4,426 މީހެކެވެ. މިއީ 3.04 ޕަސެންޓްގެ ރޭޓެކެވެ.

ޕީޑިއޮޓްރިކް އިންފެކްޝަންސް އެކްސްޕާޓް، ޑރ. ނަޒްލާ މުސްތަފާ ކުރިން ވިދާޅުވި ގޮތުގައި ޕޮޒިޓިވްވިޓީ ރޭޓް ދަށްވެފައި ހުރީ ޓެސްޓްކުރާ މީހުންގެ އަދަދު ދަށްވުމުން ކަމަށް ވެސް ވެދާނެ އެވެ. އަދި ކޮވިޑުން ދިފާއުވުމަށް ވެކްސިން ޖެހުމުން، ބަލިޖެހޭ އަދަދާއި ބަލީގައި ބޮޑުވަރުވާ މީހުންގެ އަދަދު ދަށްވާތީ މިއީ އޭގެ ނަތީޖާއަށް ވުމުގެ ފުރުސަތު ވެސް އެބަ އޮތެވެ.

ކޮވިޑްގެ ކުރީގެ ދިރިއުޅުމަށް ދެވޭނެ ދުވަހެއް ވެސް އަދި ނޭނގޭ ކަމަށް ޑޮކްޓަރުން ވިދާޅުވަމުން އައި ނަމަވެސް ބަލިން ރައްކާތެރިވުމުގައި އެންމެ ކުރިން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ވެސް މިހާރު މާބޮޑު ބެލުމެއް ނެތެވެ. ހުރިހާ ކަމެއް އާދައިގެ ގޮތެއްގަ އެވެ. އެހެންވެ ވެކްސިން ޖެހުން އިތުރުވުން ނޫން ކަމެއް ބައްޔާ ދެކޮޅަކަށް މިވަގުތު ސާފުކޮށް ފެންނާކަށް ނެތެވެ.

އެހެންވިޔަސް 95،000 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހި، އޭގެ ތެރެއިން 262 މީހަކު މަރުވި މި ބައްޔާ މެދު ފަރުވާ ކުޑަކޮށްލެވޭކަށް ނެތެވެ. ކޮވިޑްގެ ސަބަބުން އެތައް އާއިލާއަކަށް ހިތްދަތި ދުވަސްތަކެއް ހޭދަކުރަންޖެހުނުއިރު އިތުރު ބަޔަކަށް މި ވޭން އުފުލަން ނުޖެހި އުޅެވޭނީ ސަރުކާރަށް ހުރިހާ ކަމެއް ދޫކޮށްލުމުގެ ބަދަލުގައި އާންމުން ވެސް ފަރުދީ ޒިންމާ ނަގައިގެންނެވެ.

މާސްކް އެޅުމާއި އަތް ސާފުކުރުމާއި ގިނަ މީހުން އެއްތަން ނުވުމާއި ގައިދުރުކަން ބެހެއްޓުމަށް ސަމާލުވެގެންނެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް އިސްކަންދީގެންނެވެ.