ލޯން އެއްބަސްވުން އުވާލައި، އެމަސަން ގެންނަން ޗެލްސީން ވިސްނަނީ
ލޯން އެއްބަސްވުން އުވާލައި، އެމަސަން ގެންނަން ޗެލްސީން ވިސްނަނީ

ލަންޑަން (ޖެނުއަރީ 1) - މި ސީޒަނުގެ ނިޔަލަށް ލޯން އުސޫލުން ފްރާންސްގެ ލިޔޯން އަށް ދޫކޮށްފައިވާ އިޓަލީގެ އެމަސަން ޕަލްމިއެރީ ގެނައުމާ މެދު ވިސްނަމުން ދާކަމަށް ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.

ލޯން އެއްބަސްވުން އުވާލައި، އެމަސަން ގެންނަން ޗެލްސީން ވިސްނަނީ
ލޯން އެއްބަސްވުން އުވާލައި، އެމަސަން ގެންނަން ޗެލްސީން ވިސްނަނީ

އެމަސަން ގެންނަނީ ޗެލްސީގެ އިނގިރޭސި ލެފްޓްބެކް ބެން ޗިލްވެލް އަށް އަނިޔާވެ އޭނާއަށް ސީޒަން ނިމުމާ ގުޅިގެންނެވެ. ޗިލްވެލް އަށް އަނިޔާވީ މިދިޔަ ނޮވެމްބަރު މަހު ޗެލްސީން އަމިއްލަ ދަނޑުގައި، ޗެމްޕިއަންސް ލީގުގައި ޔުންވެންޓަސް 4-0 އިން ބަލިކުރި މެޗުގަ އެވެ. އެ މެޗުގައި އޭނާގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން މެޗުގެ 70 ވަނަ މިނިޓުގައި ބަދަލުކުރަން ޖެހުނެވެ. އޭނާގެ އޭސީއެލް ސާޖަރީއެއް ހަދަން ޖެހޭކަމަށް މިދިޔަ އަންގާރަ ދުވަހު ހާމަ ކުރިއިރު، ބެލެވޭ ގޮތުގައި މި ސީޒަނުގައި ދެން އޭނާއަށް ނުކުޅެވޭނެ އެވެ.

ލޯން އެއްބަސްވުން އުވާލައި، އެމަސަން ގެންނަން ޗެލްސީން ވިސްނަނީ
ލޯން އެއްބަސްވުން އުވާލައި، އެމަސަން ގެންނަން ޗެލްސީން ވިސްނަނީ

ފްރާންސްގެ ރިޕޯޓްތައް ބުނާ ގޮތުގައި ލިޔޯން އިން ވަނީ އެމަސަން ޗެލްސީއަށް ދޫކުރަން ދެކޮޅު ހަދައިފަ އެވެ. ޗެލްސީން މިސީޒަނުގެ ނިޔަލަށް އެމަސަން ލިޔޯން އަށް ދޫކޮށްލިއިރު، ސީޒަން ނިމުމުން ލިޔޯން އިން ބޭނުންވާނަމަ އޭނާގެ ޑީލް ދާއިމީ ކުރެވޭނެ ކަމަށް ކޮންޓްރެކްޓުގައި ހިމަނައިފައިވެ އެވެ. ލޯނުގެ މުއްދަތުގެ ތެރޭ އެއްބަސްވުން އުވާލެވޭނެ ކަމަށް ކޮންޓްރެކްޓުގައި ހިމަނައިފައެއް ނުވެ އެވެ.

"ޗިލްވެލްގެ އަނިޔާއާ ގުޅިގެން ބަލަމުން މި ދަނީ. އެމަސަން އަކީ އެންމެ ގަޔާވާ އެކަކު. އެކަމުގެ ތަފްސީލަށް ދާކަށް ނެތިން. މަޝްވަރާ ކުރަމުން ދަނީ. ކުރިޔަށް އޮތް ދުވަސްތަކުގައި ގޮތެއް ނިންމޭނެ،" މާދަމާ ރޭ ލީގުގައި ޗެލްސީން ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ޕްރެސްގައި ވާހަކަ ދައްކަމުން ޓުޗެލް ބުންޏެވެ.

އެމަސަން ވަނީ މި ސީޒަނުގައި ލިޔޯން އަށް ކުޅެދިން 12 މެޗުން އެއް ގޯލު ޖަހައިފަ އެވެ. މި އަހަރު އޮތް ޔޫރޯ ފުޓުބޯޅަ މުބާރާތުގައި އިޓަލީ ޓީމުގެ ލެފްޓްބެކް ލިއެނާޑޯ ސްޕިނަޒޯލާ އަށް އަނިޔާވުމުން ލިބުނު ފުރުސަތުގައި އޭނާ ވަނީ މޮޅަށް ކުޅެ، އިޓަލީއާ އެކު ޔޫރޯ މުބާރާތް ކާމިޔާބު ކޮށްފަ އެވެ.

އެމަސަން ގެންނަން މަޝްވަރާ ކުރަމުން އަންނަކަމަށް ޓުޗެލް ބުނެފައިވާއިރު، އިނގިރޭސި ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ޗެލްސީން އަންނަނީ ކުރު މުއްދަތަކަށް އެވަޓަންގެ ފްރާންސް ލެފްޓްބެކް ލޫކާ ޑީނޭ ގެންނަން ވެސް މަސައްކަތް ކުރަމުންނެވެ. އެވަޓަން އިން މިއަދު ވަނީ 21 މިލިއަން ޔޫރޯ އަށް ޔޫކްރޭންގެ ޑައިނަމޯ ކިއޭވް އަށް ކުޅޭ އެގައުމުގެ 22 އަހަރުގެ ލެފްޓްބެކް ވިޓާލިޓީ މައިކޮލެންކޯ ގެނެސްފަ އެވެ.

އިނގިރޭސި ދެވަނަ ޑިވިޝަނުގެ ކޮވެންޓަރީ ސިޓީއަށް ލޯނު އުސޫލުން ޗެލްސީން ދޫކޮށްފައިވާ ނެދަލެންޑްސްގެ 19 އަހަރުގެ ލެފްޓްބެކް އިއާން މާޓްސެން ވެސް ގެންނަން އުޅޭކަމަށް ރިޕޯޓްތައް ބުނެއެވެ. މާޓްސެން ވަނީ އެ ޓީމަށް މިހާތަނަށް 22 މެޗު ކުޅެދީ، އެއް ގޯލު ވެސް ޖަހައިފަ އެވެ.

ޗިލްވެލްގެ މަގާމަށް ކުޅޭ ކުޅުންތެރިޔަކަށް ޗެލްސީގައި ހުރީ މާކަސް އޮލޮންސޯ އެކަންޏެވެ. އޮލޮންސޯ ވެސް އަނިޔާ އިން ރަނގަޅުވެގެން ކުޅެމުން އަންނައިރު، އޮލޮންސޯ ބޭނުން ނުކުރެވޭ ހާލަތްތަކުގައި ކޯޗު ޓުޗެލް އަންނަނީ އެހެން މަގާމުތަކަށް ކުޅޭ ކުޅުންތެރިން ވެސް ބޭނުން ކުރަމުންނެވެ.

ރައިޓްބެކް ރީސް ޖޭމްސް ވެސް އެ މަގާމަށް ބޭނުން ކުރަމުން ދާއިރު، ޖޭމްސް އަށް ވެސް ވަނީ އެންމެ ފަހުން އެ ޓީމު ލީގުގައި ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާވެފަ އެވެ. އޭނާގެ ފަލަމަސްގަނޑަށް އަނިޔާ ވެގެން ފުރަތަމަ ހާފުގައި ބަދަލު ކުރަން ޖެހުނެވެ. ސާޖަރީއަކުން ސަލާމަތްވި ނަމަވެސް ދެ މަސް ދުވަހަށް ޖޭމްސް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް ވަނީ ބެލެވިފަ އެވެ.

މީގެ އިތުރުން ޗެލްސީގެ ޑިފެންސްގައި ވެސް އަނިޔާގެ ގިނަ މައްސަލަތަކެއް ދިމާވެ، އެ ޓީމުގެ ނަތީޖާތަކުން ވެސް އޭގެ އަސަރު ދަނީ ފެންނަމުންނެވެ. މިދިޔަ ޑިސެމްބަރު މަހު 1 ގައި ލީގުގައި ވަޓްފޯޑު އަތުން މޮޅުވި މެޗަށް ފަހު އެ ޓީމުން މިހާތަނަށް ލީގުގައި ކުޅުނު ހަ މެޗުގެ ތެރެއިން އެއް މެޗުން ބަލިވި އިރު، މޮޅުވެފައި ވަނީ އެންމެ ދެ މެޗުންނެވެ.