ކްލަބް ބަދަލުކުރަން ބޭނުން ކުޅުންތެރިންނަށް އެ ފުރުސަތު ދޭނަން: މޮރީނިއޯ
ކްލަބް ބަދަލުކުރަން ބޭނުން ކުޅުންތެރިންނަށް އެ ފުރުސަތު ދޭނަން: މޮރީނިއޯ

ލަންޑަން (ޑިސެމްބަރު 14) - ކްލަބް ބަދަލުކުރަން ބޭނުންވާ ކުޅުންތެރިންނަށް ހުރަސްނާޅާނެ ކަމަށާއި އެ ފުރުސަތު ދޭނެ ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

ރިޕޯޓްތައް ބުނާގޮތުން ޓީމުން ފުރުސަތު ނުލިބޭތީ ޔުނައިޓެޑްގެ އެޝްލީ ޔަންގާއި މޯގަން ޝްނައިޑަލިން އަދި މެމްފިސް ޑީޕާއި ތިބީ ކްލަބް ބަދަލުކުރަން ބޭނުންވެފަ އެވެ. މޮރީނިއޯ ބުނީ އެނާ އަކީ އަބަދުވެސް ކުޅުންތެރިންގެ މުސްތަގުބަލަށް ވިސްނާ ކޯޗެއް ކަމަށެވެ.

"ކޮންމެ ކުޅުންތެރިޔަކަށް ހުށަހެޅުމެއް ލިބުނަސް އަހަރެން އަޑު އަހަން ތައްޔާރު. އެކަމަކު އެ އޮފާ އެބަޖެހޭ ރަނގަޅުވާން. އެއީ އެ ކުޅުންތެރިޔެއްގެ މުސްތަގުބަލަށް ރަނގަޅު ޓީމެއް ވިއްޔާ އަހަރެން ހުރަހެއް ނާޅާނަން. ވާދަވެރި ކްލަބަކަށް ޔުނައިޓެޑްގެ ކުޅުންތެރިޔަކު ދާން ބޭނުންވިޔަސް އެ ފުރުސަތު ދޭނަން،" މޮރީނިއޯ ބުންޏެވެ.

"މިސާލަކަށް ބަލަމާ 2014 ވަނަ އަހަރުގެ ޖެނުއަރީގައި އަހަރެން މަޓާ ދޫކޮށްލީ ޔުނައިޓެޑަށް. މަޓާގެ ކެރިއަރަށް ބެލުމަށް ފަހު އަހަރެން ނިންމި ނިންމުމެއް އެއީ. އެ ފުރުސަތު ކޮންމެ ކުޅުންތެރިޔަކަށް ވެސް ދޭނަން."

ލީގުގައި ޔުނައިޓެޑް އޮތީ ކުޅުނު 15 މެޗުން ލިބުނު 24 ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ. މިރޭ ރަށުން ބޭރުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ޔުނައިޓެޑް ކުޅޭއިރު މޮރީނިއޯ ހުރީ އުއްމީދާ އެކު އެވެ.

"މަޑުމަޑުން ނަމަވެސް އަހަރެމެންނަށް ކުރިޔަށް ފިޔަވަޅު އެބައެޅޭ. މިއީ ބޭނުންވާ ގޮތެއް ނޫނަސް ކުރިއެރުމަށް ބަލާއިރު މި ޓީމަށް ހާސިލްކުރެވޭނެ ކަންތައް ބައިވަރު އެބަހުރިކަން އެބަ އެނގޭ. މި ވަގުތު މި ޓީމަށް އެންމެ މުހިއްމީ ގިނަ މެޗުތަކެއް ކާމިޔާބުކޮށް ކޮންފިޑެންސް އިތުރުކުރަން،" މޮރީނިއޯ ބުންޏެވެ.

ލީގުގައި އެންމެ ފަހުން ޓޮޓެންހަމް އަތުން މޮޅުވި މެޗުގައި ޔުނައިޓެޑްގެ ހަމައެކަނި ލަނޑު ކާމިޔާބުކުރި ހެންރިކް މިކިތާރްޔަން އަނިޔާގެ ސަބަބުން މިރޭ ނުކުޅޭނެ އެވެ. ކާޑު ހަމަވުމުގެ ސަބަބުން ޕެލަސްގެ ޖޭސަން ޕަންޗިއަން އަދި ޔުނައިޓެޑްގެ އެންޓޯނިއޯ ވެލެންސިއާ ވެސް މިރޭ ނުފެންނާނެ އެވެ.

މި ދެ ޓީމު އެންމެ ފަހުން ކުޅުނު 14 މެޗުގެ ތެރެއިން ޔުނައިޓެޑް ވަނީ 11 މެޗުން މޮޅުވެފަ އެވެ. އަނެއް ތިން މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ޕެލަސް އަށް މި ވަގުތު އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ޔުނައިޓެޑަށް ކުރިން ކުޅުނު ވިލްފްރެޑް ޒާހާ ރަނގަޅު ފޯމެއްގައި ހުރުމެވެ.

ޔުނައިޓެޑާއި ޕެލަސް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 1:00 ޖަހާއިރު އެވެ.