ވަރަށް ބިޒީ، ކައިވެނީގެ ޕްލޭނެއް ނެތް: ތާޕްސީ
ވަރަށް ބިޒީ، ކައިވެނީގެ ޕްލޭނެއް ނެތް: ތާޕްސީ

ވަރަށް ގިނަ ފިލްމީ ތަރިން މިހާރު ކައިވެނި ކުރަމުން ދިޔަޔަސް މަސައްކަތްތަކުގައި ވަރަށް ބިޒީ ކަމަށާއި އެހެންވެ ކައިވެނީގެ ޕްލޭނެއް މި ވަގުތު އެއްގޮތަކަށް ވެސް ނެތް ކަމަށް އިންޑިއާގެ ބަތަލާ ތާޕްސީ ޕައްނޫ ބުނެފި އެވެ.

ބޮލީވުޑްގެ އިތުރުން އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގައި ވެސް މަސައްކަތްކުރާ 34 އަހަރުގެ ބަތަލާ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ޑެންމާކަށް އުފަން ބެޑްމިންޓަން ކުޅުންތެރިޔާ މެތިއަސް ބޯއީ، 41، އެވެ. އޭނާއާ އެކީ ތާޕްސީ 2020 ގައި ރާއްޖޭގައި ޗުއްޓީ ވެސް ހޭދަކޮށްފައިވެ އެވެ.

ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި ކައިވެންޏާ ބެހޭ ގޮތުން ސުވާލު ކުރުމުން ތާޕްސީ ބުނި އަތުގައި މިހާރު ވެސް ގިނަ ޕްރޮޖެކްޓްތަކެއް ހުރުމާ އެކު، ކައިވެންޏާ ދޭތެރޭ މި ވަގުތު އެއްވެސް ވަރަކަށް ނުވިސްނާ ކަމަށެވެ.

"އަނެއްކޮޅުން ބޭނުމެއް ނޫން ކޮންމެހެން އެހާ އަވަސް އަރުވާލައިގެން ކައިވެނި ކުރާކަށް. އަހަރެން ކައިވެނި ކުރާނީ ވަރަށް ހަމަޖެހިލައިގެން އެކަން ކުރެވޭނެ ދަނޑިވަޅެއް އައިމަ. މި ވަގުތު ހުރިހާ ފޯކަސްއެއް އޮތީ ކެރިއަރަށް." ތާޕްސީ ބުންޏެވެ.

މިހާރު ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރާ ތާޕްސީގެ ތިން ފިލްމެއް މިހާތަނަށް ރިލީޒްކޮށްފައިވެ އެވެ. އެއީ "ހަސީން ދިލްރުބާ" އާއި "ރަޝްމީ ރޮކެޓް" ގެ އިތުރުން ތަމަޅަ ފިލްމު "އަނަބެލް ސެތުޕަތީ" އެވެ. ހުނަރުވެރި ބަތަލާގެ ކުރިއަށް ނެރެން ހުރި ފިލްމުތަކުގެ ތެރޭގައި "ލޫޕް ލަޕޭޓާ"، "ދުބާރާ"، "ޝަބާޝް މިތޫ"، "ބްލާ"، "ވޯ ލަޅްކީ ހޭ ކަހާ؟"، "އޭލިއަން"، "ޖާނާ ގާނާ މާނާ" އަދި "މިޝަން އިމްޕޮސިބަލް" ހިމެނެ އެވެ.