01 ޖެނުއަރީ 2022 - 10:32

މި އަހަރު ރާއްޖެ އަށް ދެ މިލިއަން ޓޫރިސްޓުން ގެނައުމުގެ އަމާޒާ އެކު، މި އަހަރުގެ ފުރަތަމަ ޓޫރިސްޓަކަށް މިއަދު މަރުހަބާ ކިޔައިފި އެވެ.
މިއަހަރުގެ ފުރަތަމަ ޓޫރިސްޓަކީ މީގެ ކުރިން ވެސް އެއްފަހަރު ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވާ، އިނގިރޭސި ވިލާތު މީހެއް ކަމަށްވާ ޖޯޖީނާ އެވެ. ގަލްފް އެއާލައިނުން އައި މި ޓޫރިސްޓަށް ހާއްސަކޮށް ވަނީ މަރުހަބާ ކިޔައިފަ އެވެ.
ކޮންމެ އަހަރަކު ވެސް ރާއްޖެއަށް އަންނަ އެންމެ ފުރަތަމަ ޓޫރިސްޓު ފާހަގަކުރެ އެވެ.
މިދިޔަ އަހަރު ނިމުނު އިރު ރާއްޖެއަށް 1.3 މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ. މި އަހަރުގެ އަމާޒަކީ ދެ މިލިއަން ޓޫރިސްޓުން ގެނައުމެވެ.
ކޮވިޑްގެ ބަލިމަޑުކަމާ ހެދި ޓޫރިޒަމަށް އައި ހީނަރުކަމަށް ފަހު މިދިޔަ އަހަރު ނިންމާލީ ބޮޑެތި ކުރިއެރުންތަކެއް ހޯދައިފަ އެވެ. މީގެ ތެރޭގައި، ރާއްޖޭގައި ޓޫރިސްޓުންގެ ބެޑްނައިޓްގެ އަދަދު 11 މިލިއަނަށް ވަނީ އަރައިފަ އެވެ. މިއަހަރު ފެށުނު އިރު ޓޫރިޒަމް މިނިސްޓްރީން އަމާޒު ހިފީ 10 މިލިއަން ބެޑްނައިޓަށެވެ. ނަމަވެސް އެ އަމާޒު މާކުރިން ވަނީ ހާސިލުވެފަ އެވެ. އެހެންވެ މި އަހަރުގެ އަމާޒަކީ 13 މިލިއަން ބެޑްނައިޓް ހަމަކުރުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މިދިޔަ އަހަރު ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ވަރަށް ބޮޑަށް އަޑިއަޅާލުމަށް ފަހު މިހާރު ވަނީ މި ދާއިރާ އަލުން ހިނގައިގެންފަ އެވެ. މި ވަގުތު ޓޫރިޒަމް ދާއިރާގައި 55،000 އެނދު ހުރި އިރު 50،000 އެނދު އަންނަނީ ބޭނުންކުރަމުންނެވެ. މީގެ ތެރޭގައި ރިސޯޓާއި ގެސްޓްހައުސް އަދި ސަފާރީތައް ހިމެނެ އެވެ.